ދައުލަތުގެ އެންމެ މަތީ ވެރިއަކަށް ހުންނަވައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދައްކަވަމުން ގެންދަވަނީ ނަމޫނާ ޚީދުމަތުގެ މިސާލެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރުމުއްދަތެއްގެ ތެރޭގައި ޒިޔާރާތް ކުރެއްވުމާއި ގުޅިގެން އެކަން ފާހަގަކުރައްވާ، މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ނައިބު ރައީސް ލަތީފް ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތީ ރައްޔިތުންނާ ގާތުން ޚިދުމަތް ކުރެއްވުމުގެ ޢަޒުމުކަނޑައަޅުއްވައިގެންނެވެ. އެ ޢަޒުމާއެކު ކުރެއްވި ދަތުރުފުޅުތަކުގެ ތެރެއިން، މާލެ އަތޮޅު ތުލުސްދޫއަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި އެންމެ ފަހުގެ ޒިޔާރަތާއެކު، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދައުރުގެ ތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންފައިވާކަން ނައިބު ރައީސް ވަނީ ހާމަކުރައްވާފައެވެ. މިއީ މިހާ އަވަސް މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ ވެރިއަކު މި ލަނޑުދަނޑި ހާސިލްކުރެއްވި ފުރަތަމަ ފަހަރުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ މި ދަތުރުފުޅުތަކުގައި، ކޮންމެ ރަށެއްގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި، ސަރުކާރުގެ އިދާރާތަކުގެ މަސައްކަތް ބައްލަވައި، ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ފައްޓަވައިދެއްވާ، އަދި ބައެއް މަސައްކަތްތައް ހަލުވިކަމާއެކު ނިންމަވައި އިފްތިތާހުކޮށްދެއްވަމުން ގެންދަވާކަން ނައިބު ރައީސް ލަތީފްގެ ޕޯސްޓުގައި ބަޔާންކުރައްވާފައިވެއެވެ. މިކަމުން ފެނިގެން ދަނީ ދައުލަތުގެ އެންމެ މަތީވެރިއަކަށް ހުންނަވާ ރައީސުލްޖުމްހޫރިއްޔާ ދައްކަވަމުން ގެންދަވާ ނަމޫނާ ޚިދުމަތުގެ މިސާލުކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
މިގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށް ފަހު މިވީ ގާތްގަނޑަކަށް 2 އަހަރު ދުވަހުގެ ތެރޭގައި 187 ރަށަށް ވަޑައިގެންފައެވެ. މި ދަތުރުފުޅުތަކުގެ ތެރެއިން، 64 ރަށަކަށް އެމަނިކުފާނު ދެ ވަނަ ފަހަރަށް ވަޑައިގެންފައިވާކަންވެސް ތަފާސްހިސާބުތަކުން ދައްކައެވެ.

