ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައި.ޔޫ.އެމް) ގައި މާސްޓާސްއަށް ކިޔަވަމުންދާ ދަރިވަރުންނަށް މައުމޫން ފައުންޑޭޝަނުން ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ސްކޮލަރޝިޕް ހުޅުވާލާފައިވަނީ ރާއްޖޭގެ ޒުވާނުންނަށް މަތީ ތަޢުލީމުގެ ފުރުސަތުތައް ހޯދައިދިނުމަށް މައުމޫން ފައުންޑޭޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ.
މައުމޫން ފައުންޑޭޝަނުން ވަނީ އައި.ޔޫ.އެމް.ގައި މާސްޓާސް ކިޔަވާ ދަރިވަރުންނަށް 3 ދާއިރާއަކުން ސްކޮލަރޝިޕަށް ހުޅުވާލާފައެވެ. އެއީ:
- މާސްޓާސް އޮފް ފިޤްހު
- މާސްޓާސް އޮފް އާޓްސް އިން ޤުރުއާނިކް ސައިންސަސް
- މާސްޓާސް އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް، ލީޑާޝިޕް އެންޑް އެޑްމިނިސްޓްރޭޝަން
މި ސްކޮލަރޝިޕަށް ދަރިވަރުން ހޮވުމަށް ހަމަޖެހިފައިވަނީ އިސްލާމިކް ޔުނިވަރސިޓީންނެވެ. އަދި ސްކޮލަރޝިޕަށް ޚަރަދުކުރާނީ، މައުމޫން ފައުންޑޭޝަނުންނެވެ.
ދިވެހި ޒުވާނުންނަށް މަތީ ތަޢުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް މި ފައުންޑޭޝަނުން މިހާރުވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މައުމޫން ފައުންޑޭޝަނުން ކޮށްފައިވާ ފާހަގަކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި ދަރިވަރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ސްކޮލަރޝިޕް ފުރުސަތު ހޯދައިދިނުމާއި، ރަމަޟާންމަސް އިޙްޔާކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، ދީނީ އެކި މަޢުޟޫތަކަށް ފޮތް ލިޔުއްވާ، ޝާއިޢުކުރައްވާ، އާންމުންނަށް ލިބޭނެގޮތް ހައްދަވައި ދެއްވުމާއި، ބައެއް ޔުނިވަސިޓީ އަދި ލައިބްރަރީ ފަދަ ތަންތަނަށް ފޮތް ހަދިޔާކުރުން ހިމެނެއެވެ. މީގެ އިތުރުން، ކޮލެޖް ޔުނިވާރސިޓީ ތަންތަނުން ހިންގާ ތަޢުލީމީ ޙަރަކާތްތަކުގައި ބައިވެރިވެ އެހީވެދިނުން ވެސް ހިމެނެއެވެ.

