ރާއްޖޭގެ މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން އިބްރާހީމް، އާންމު ނަމުން ނަމަ ކައިޒީންގެ ބޯޓުގެ މިލްކުވެރިކަމާ ގުޅޭ މައްސަލައިގައި މީގެ ކުރިން ސިވިލްކޯޓުން ކޮށްފައިވާ ހުކުމް ބާތިލް ކުރުމަށާއި އެ މައްސަލަ އަލުން ބަލަން ހައިކޯޓުން މިއަދު އަމުރު ކޮށްފި އެވެ. މި މައްސަލައަކީ ކައިޒީން އާއި އޭނާގެ ބައްޕަ އިބްރާހީމް އަލިފުޅާ ދެމެދު ޖެހިފައިވާ މުދަލުގެ މިލްކުވެރިކަމުގެ ދައުވާއެކެވެ.
ކައިޒީންގެ ދައުވާގައި ބުނެފައި ވަނީ، އޭނާ ހަވާލުކުރި ޖުމްލަ 3.6 މިލިއަން ރުފިޔާ ބޭނުންކޮށްގެން އޭނާގެ ބައްޕަ އިބްރާހީމް އަލިފުޅަށް ގަނެދިން ބޯޓު، އޭނާގެ ރުހުމެއް ނެތި ބައްޕަގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. ޅ. ނައިފަރަށް އުފަން ކައިޒީން، އޭނާގެ ބައްޕައާ ދެކޮޅަށް ދައުވާކޮށްފައިވަނީ ބޯޓުގެ މިލްކުވެރި ފަރާތަކީ އޭނާ ކަމަށް ކަނޑައަޅައިދިނުމަށާއި، ބޯޓުގެ ރަޖިސްޓަރީ އޭނާގެ ނަމަށް ބަދަލުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ މައްޗަށް އަމުރުކޮށްދިނުމަށެވެ. މީގެ އިތުރުން، ބޯޓު ކުއްޔަށް ދިނުމާއި ވިއްކާލުން މަނާކުރުމަށް ވެސް އަމުރުކޮށްދިނުމަށް އެދުނެވެ.
މި މައްސަލަ ސިވިލް ކޯޓުން ބެލުމަށް ފަހު ކުރިން ނިންމާފައި ވަނީ، ކައިޒީންގެ ދައުވާ ސާބިތު ނުވާ ކަމަށެވެ. ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ، ބޯޓު ގަތުމަށް ކައިޒީން 3.6 މިލިއަން ރުފިޔާ ހަވާލުކުރި ކަމަށް ބުނާއިރު، ހެކިވެރިޔާގެ ހެކިބަހުގައި ފައިސާ ދިން ގޮތާއި އަދަދުގެ ފުށުއެރުންތަކެއް ހުރުމުން، އެ ފައިސާ ދިންކަން މަދަނީ މިންގަނޑުން ސާބިތުނުވާ ކަމަށެވެ. ކައިޒީންގެ ފަރާތުން ބުނެފައިވަނީ ބޯޓު ގަތީ ތަފާތު ނުވަ ފަހަރެއް މަތިން އިންޓަނެޓު ބޭންކިން މެދުވެރިކޮށް ޖުމްލަ 1.7 މިލިއަން ރުފިޔާއާއި ނަގުދު ފައިސާއިން 1.9 މިލިއަން ރުފިޔާ ދީގެން ކަމަށެވެ. ސިވިލް ކޯޓުން މި މައްސަލަ ބަލައި ހުކުމް ކޮށްފައިވަނީ ކައިޒީންގެ ބައްޕަގެ ޣައިރު ހާޒިރުގައެވެ.
އިބްރާހީމް އަލިފުޅުގެ ފަރާތުން ވަނީ ދައުވާ ރައްދުކޮށް ބަޔާންތަކެއް ހުށަހަޅާފައެވެ. އެގޮތުން، ބޯޓު ގަތުމަށް ވެފައިވާ އެއްބަސްވުމުގައި ގަންނަ ފަރާތުގެ ނަމަކަށް އޮންނަނީ އިބްރާހީމް އަލިފުޅުގެ ނަން ކަމަށާއި، އެހެންކަމުން އެ ބޯޓު ގަނެފައި ވަނީ އޭނާ ކައިޒީންގެ އޭޖެންޓެއްގެ ގޮތުގައި ހުރެގެން ނޫންކަން އެނގޭ ކަމަށް ބުނެފައި ވެއެވެ. މީގެ އިތުރުން، ދަރިންގެ މުދާ މައިންބަފައިން ބޭނުން ކުރުމާ މެދު އައިސްފައިވާ ހަދީސަކުން، ދަރިއެއްގެ މުދަލެއް މައިންބަފައިން ބޭނުންކޮށްގެން އެ ފަރާތެއްގެ މައްޗަށް ދައުވާ ނުކުރެވޭނެކަން ހާމަވާ ކަމަށް ވެސް އިބްރާހީމް އަލިފުޅުގެ ފަރާތުން ފާހަގަކުރިއެވެ.
ސިވިލް ކޯޓުގެ ހުކުމާ މެދު ހިތްހަމަ ނުޖެހިގެން ކައިޒީން ހައިކޯޓަށް މައްސަލަ ހުށަހެޅުމާ ގުޅިގެން، ހައިކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލުކޮށް، އެ މައްސަލަ އަލުން ބަލައި ގޮތެއް ނިންމުމަށް ސިވިލް ކޯޓަށް އަންގާފައެވެ. މި ނިންމުމާއެކު މިލްކުވެރިކަމުގެ މައްސަލަ އަލުން ތަހުގީގުކޮށް، ހެކިތަކަށް ބެލުމަށް ފަހު ސިވިލް ކޯޓުން އަލުން ގޮތެއް ނިންމަން ޖެހޭނެއެވެ.

