މެއިން ދިލަ ނެގުމަކީ ގިނަ ބަޔަކު ހީކުރާ ގޮތާ ޚިލާފަށް، ބަނޑުގައި މާގިނައިން އެސިޑް އުފެދިގެން ކުރިމަތިވާ ކަމެއް ނޫނެވެ. ނަމަވެސް އެސިޑް އުފެދެން ނުވާ ތަނެއްގައި ކިތަންމެ މަދުމިންވަރަކަށް އެސިޑް އުފެދުނު ކަމުގައި ވިޔަސް، މެއިން ދިލަ ނެގުމުގެ އަލާމާތްތައް ފެނިގެންދެއެވެ. މެއިން ދިލަ ނެގުމުގެ އިހުސާސް ކުރެވޭނީ މޭދަށާއި ބަނޑުން ފެށިގެން، ކަރާ ހަމައަށް ދިލަ ނަގާ ކަހަލަ ތަދެއް އިހުސާސް ކުރެވޭނަމައެވެ. ބައެއް ފަހަރު މިކަމުގެ އަލާމާތެއްގެ ގޮތުން އަނގައިގައި ހިތި ރަހައެއް ހުރުން ވެސް އެކަށީގެންވެއެވެ. މި ތަދު ވައަތަށް ނުވަތަ ކަރާއި ހަމައަށް ވާސިލްވާ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ.
މި ތަދު އިހުސާސް ކުރެވޭ ވަގުތުތަކުގެ ތެރޭގައި ހަވީރުގެ ބާވަތްތައް ގިނަ ކާނާ ކެއުމަށްފަހު، ރޭގަނޑު އެނދުގައި އޮށޯވެގެން އޮންނައިރު، ގުދަށް އޮންނައިރު، އަދި އުނަގަނޑަށް ބާރު ހެދުން ލައިގެން ހުންނައިރު ހިމެނެއެވެ. މި މައްސަލަ ބޮޑަށް ދިމާވާ ފަރާތްތަކަކީ ގިނައިން ސިނގިރޭޓް ބޯ މީހުންނާއި، ބަރުދަން އިތުރުވެފައިވާ މީހުންނާއި، ވަރުބަލިވާ މީހުންނާއި، އަދި މާބަނޑު މީހުންނެވެ.
މޭއެންދުމަށް އާންމުކޮށް ފަރުވާ ދެނީ ބަނޑުގައި އުފެދޭ އެސިޑް ނުވަތަ ގޭސް މަދުކުރުމަށެވެ. ބަނޑުގައި އާދަޔާ ޚިލާފަށް ގޭސް އުފެދި، އެ ގޭސްތައް ކާތަކެތި ހިނގާ ހޮޅިއަށް އެރުމުން އެ ހޮޅީގެ ދުލިފަށް ތުނިވެ، ފާރުވުމަށް ދިމާވެއެވެ. މިފަދަ ފަރުވާއިން ބަނޑުގެ އުނދަގޫތަކާއި ވޭންތައް ކުޑަވެ، ކާތަކެތި ހިނގާ ހޮޅީގެ ދުލިފަށް އަލުން ފަސޭހަވުމަށް މަގުފަހިވެއެވެ.
މޭއެންދުމުގެ އުނދަގޫތަކުން ރައްކާތެރިވުމަށްޓަކައި، ޑޮކްޓަރުން ދެއްވާ ބޭސް ގަވާއިދުން ކަނޑައަޅާފައިވާ މުއްދަތަށް ބޭނުންކުރުން މުހިންމެވެ. ބޭސް ކުޑަކޮށް ރަނގަޅުވާއިރަށް ހުއްޓާލައިފިނަމަ އަނެއްކާވެސް އުނދަގޫތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ. އަދި ނިދާއިރު ބަނޑަށްވުރެ ބޯ ކުޑަކޮށް އުސްކޮށް ބޭއްވުމަކީ މޭއެންދުން އިހުސާސްވާ މިންވަރު ކުޑަކޮށްދޭނެ ކަމެކެވެ.
މޭއެންދުން ނޯޓުކުރުމަށް ޑައިރީއެއް ބޭއްވުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން މޭއަންދާލެއް އަވަސްކަމާއި، ވަގުތު ނަގާ މިންވަރު، އަދި ވަކި އެއްޗެއް ކެއުމުން މޭއަންދާނަމަ އެކަން ނޯޓުކޮށް، އެފަދަ ތަކެއްޗާ ދުރުހެލިވާންވާނެއެވެ. ކާގަޑީގައި މާ ގިނައިން ނުކައި، މަދު އެތިކޮޅަކުން ފުއްދާލެވޭތޯ ބަލައި، ލަސްލަހުން ރަނގަޅަށް ހަފައިގެން ކާށެވެ. ނިދާ ގަޑިއާ ކައިރިވުމުން ނުކާށެވެ. ނިދަން އޮށޯންނަން ވާނީ އެންމެ މަދުވެގެން ކެއިތާ ދެ ގަޑިއިރު ފަހުންނެވެ. ކައިގެން ޓީވީ ބަލަން ނަމަވެސް އޮށޯވެގެން ނުއޮންނާށެވެ.
ފަލަ މީހުންނަށް މޭއެންދުމުގެ އުނދަގޫ ފަސޭހައިން ކުރިމަތިވާތީ، ފަލަ ނަމަ ހިކެން މަސައްކަތްކުރާށެވެ. އަދި ޑޮކްޓަރީ ބޭސް ބޭނުންކުރުމުގައި ފަރުވާތެރިވާން ޖެހެއެވެ. އެސްޕިރިން އަދި އެހެނިހެން ތަދުކަނޑުވާ ބާރުގަދަ ބޭސްތަކާ ދުރުހެލިވާށެވެ، ސަބަބަކީ މިފަދަ ބޭސްތަކުން ބަނޑުގެ މައްސަލަތައް އިތުރުކުރާތީއެވެ. މާބާރުކޮށް ހުންނަ ހެދުން ލުމަކީވެސް ރަނގަޅު ކަމެއް ނޫނެވެ.
ރޯ ކިއުކަންބާގެ ޖޫހަކީ މެއަށް ފިނިކޮށްލަދޭނެ އެންމެ ރަނގަޅު ބުއިމެކެވެ. މިޖޫހުގައި ގިނަ އަދަދަކަށް ފެން އެކުލެވިފައިވާތީވެ ހަށިގަނޑަށް ބޭނުންވާ ފެން ފޯރުކޮށްދޭނެއެވެ. މެއިން ދިލަނެގުމުން އަވަހަށް ސަލާމަތްވުމަށް ކިއުކަންބާގެ ފިނިބުއިން ވަރެއް ނެތެވެ. މީގެ އިތުރުން، ކިއުކަންބާ ޖޫހަކީ ހަމައެކަނި ތާޒާ ފެހިޖޫހަކަށް ވުމުގެ އިތުރުން އެތަކެއް ފައިދާތައްވެސް އޭގެއިން ލިބޭނެ ބުއިމެކެވެ. އޭގައި އެކުލެވޭ ފައިބަރުގެ ސަބަބުން ހަޖަމުކުރުމަށް އެހީތެރިވެދިނުމާއެކު، ކަށީގެ ސިއްޙަތު ރަނގަޅުކުރުމަށްޓަކައި އޭގައި ހިމެނޭ ވިޓަމިން ކޭ އެހީތެރިވެދޭނެއެވެ.
ކިއުކަންބާ ޖޫސް ތައްޔާރުކުރާނެ ގޮތް
ކިއުކަންބާ ޖޫސް ތައްޔާރުކުރުމަކީ ވަރަށް ފަސޭހަކަމެކެވެ. އެންމެ ބޭނުންވާ މައިގަނޑު ތަކެއްޗަކީ ހެޔޮވަރު ވަރުގެ ކިއުކަންބާ، ފެން، އަދި މިންޓް ފަތްކޮޅެކެވެ. ބޭނުންނަމަ ލުނބޯ ނުވަތަ ލައިމް ޖޫސް އަދި މާމުއިވެސް ބޭނުންކުރެވިދާނެއެވެ. ކިއުކަންބާ ރަނގަޅަށް ދޮވެލުމަށްފަހު ކުދިކުދިކޮށް ކޮށާލާށެވެ. ކޮށާލާފައިވާ ކިއުކަންބާ، ފެން، މިންޓް ފަތް، އަދި ބޭނުންނަމަ ލުނބޯ ޖޫސްކޮޅަކާއި މާމުއި ސަމުސަލެއް އަޅައިގެން ރަނގަޅަށް ބްލެންޑްކޮށްލާށެވެ. މި ޖޫސް ތައްޔާރުކުރުމަށްފަހު ވަގުތުން ބޭނުންކޮށްލުމުން އެންމެ ފައިދާ ބޮޑުވާނެއެވެ.

