މޯލްޑިވްސް ޕޯޓްސް ލިިމިޓަޑް (އެމް.ޕީ.އެލް) އިން އިންތިޒާމްކުރާ “މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް”ގެ 2 ވަނަ އެޑިޝަން 2026 ވަނަ އަހަރުގެ އޭޕްރީލް މަހު ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ. މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ. މިއީ މެރިޓައިމް ދާއިރާގެ ކުރިއެރުމަށް ބާއްވާ ބައިނަލްއަޤްވާމީ މުހިންމު ބައްދަލުވުމެކެވެ.
މޯލްޑިވްސް މެރިޓައިމް ކޮންފަރެންްސްއަކީ މެރިޓައިމް ދާއިރާގެ ބައިނަލްއަޤްވާމީ ތަޖުރިބާކާރުންނާއި ސްޓޭކްހޯލްޑަަރުންނާއި ދާއިރާއާ ގުޅުންހުރި ފަރާތްތައް ބައްދަލުކޮށް، ދާއިރާގެ ކުރިއެރުމާއި ގުޅޭ ގޮތުން މަޝްވަރާކޮށް، ހިޔާލު ބަދަލުކުރުމުގެ ގޮތުން ބާއްވާ ބައިނަލްއަޤްވާމީ ކޮންފަރެންސްއެކެވެ. އެމް.ޕީ.އެލްއިން އެންމެ ފުރަތަމަ މި ކޮންފަރެންސް އިންތިޒާމްކުރީ 2024 ވަނަ އަހަރު ކަމަށްވާއިރު، އެ އަހަރުގެ ކޮންފަރެންސްއަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔައެވެ.
އަންނަ އަހަރު ބާއްވާ މި ކޮންފަރެންސްގައިވެސް މެރިޓައިމް ދާއިރާއިން ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރެވޭ ތަޖުރިބާކާރުންނާއި ރާއްޖޭގެ ތަޖުރިބާކާރުން ސްޕީކަަރުންގެ ގޮތުގައި ބައިވެރިވާނެއެވެ. މޯލްޑިވްސް މެރިޓައިމް ކޮންފަރެންސްގެ 2 ވަނަ އެޑިޝަންގެ މައިގަނޑު ތީމަކީ “ސެކިއުރިޓީ، ސޭފްޓީ އެންޑް ސަސްޓޭނަބިލިޓީ” އެވެ. މި ތީމުގެ ދަށުން ދާއިރާގެ ސަލާމަތާއި ރައްކާތެރިކަމާއި ދެމެހެއްޓެނިވި ގޮތްތަކަށް އަލިއަޅުވާލެވޭނެއެވެ.
މި ކޮންފަރެންސްގެ ޕާޓްނަރުންގެ ގޮތުގައި މިހާރު ވަނީ މުހިންމު ބައިނަލްއަޤްވާމީ އަދި ގައުމީ މުއައްސަސާތައް ހަމަޖެހިފައެވެ. އެގޮތުން، މިނިސްޓްރީ އޮފް ސިވިލް އޭވިއޭޝަން އެންޑް ޓްރާންސްޕޯޓް، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (ކޯސްޓް ގާޑް)، ޔުނައިޓަޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (އަންކްޓަޑް) އަދި އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ޕޯޓްސް އެންޑް ހާބާރސް (އައި.އޭ.ޕީ.އެޗް) ހިމެނެއެވެ.
މި ކޮންފަރެންސް ސްޕޮންސަރކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލެވިފައެވެ. ސްޕޮންސަރކުރުމަށް ނުވަތަ ޕާޓްނަރއަކަށްވުމަށް ޝައުގުވެރިވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ldd@port.mv އަށް އީމެއިލްކުރެއްވުން ނުވަތަ 3039030 / 303 9031 އަށް ގުޅުއްވުމަށް އެމް.ޕީ.އެލްއިން ވަނީ އެދިފައެވެ.

