ބޭންކް އޮފް މޯލްޑިވްސްއިން މި އަހަރުގެ ތިންވަނަ ކުއާޓަރގައި 475 މިލިއަން ރުފިޔާގެ ސާފްފައިދާއެއް ލިބިއްޖެއެވެ. ވޭތުވެދިޔަ ކުއާޓަރގައި ބޭންކުގެ ހިންގުމުގެ ފައިދާގެ ގޮތުގައި 791 މިލިއަން ރުފިޔާ ހޯދާފައިވާއިރު، މިއީ ދެވަނަ ކުއާޓަރއާ ދާދި އެއްވަރުގެ ނަތީޖާއެކެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 10% ކުރިއެރުމެކެވެ.
ތިންވަނަ ކުއާޓަރުގެ މާލީ ބަޔާނާ ގުޅޭގޮތުން ބީއެމްއެލުން ބުނީ އެ ކުއާޓަރ ނިމިގެންދިޔައިރު، ބޭންކުން ދޫކޮށްފައިވާ ޖުމްލަ ލޯނު އިތުރުވަމުންދާ ކަމަށެވެ. މި އަހަރުގެ މިހާތަނަށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 6.5 ބިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށެވެ.
ތިންވަނަ ކުއާޓަރގެ ނިޔަލަށް ބޭންކުގެ ޖުމްލަ އެސެޓް 51.1 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. އަދި ކަސްޓަމަރުންގެ ޑިޕޮސިޓް 33.7 ބިލިއަން ފުރިޔާއަށް އަރައެވެ. ބީއެމްއެލުން މައުލޫމާތު ދޭގޮތައި އެބޭންކުމުގެ ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯ ގާނޫނު ލާޒިމުކުރާ މިންގަނޑަށްވުރެ ދެމެހެއްޓިފައިވަނީ މަތީގައެވެ.
ތިންވަނަ ކުއާޓަރުގެ މާލީ ނަތީޖާއާ ގުޅޭ ގޮތުން ބޭންކުގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، އެ ބޭންކުން ފަޚުރުވެރިވަނީ ހަމައެކަނި މި ހަރުދަނާ ނަތީޖާއަށް އެކަނި ނޫންކަމަށެވެ. އަދި މުޖުތަމައުތަކާއި ރާއްޖޭގެ ވިޔަފާރިތަކާއި އިގްތިސާދީ ކުރިއެރުންތަކަށް އެހީތެރިކަން ފޯރުކޮށްދީ، ރާއްޖޭގެ މުސްތަގުބަލު ބިނާކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތާމެދު ވެސް ފަހުރުވެރިވާކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.
ވޭތުވެދިޔަ ކުއާޓަރގައި ބޭންކުން މުޅި ރާއްޖެއަށް ޚިދުމަތްތައް ފުޅާކޮށްފައިވެއެވެ. އަދި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށްވެސް މާލީ ޚިދުމަތްތަކަށް ވާސިލުވެވޭނެ ވަސީލަތްތައް ގާއިމުކޮށްފައެވެ.
އެގޮތުން މުޅި ރާއްޖެއަށް “ބީއެމްއެލް އޭޓީއެމް” މަޝްރޫއުގެ ދަށުން، މި އަހަރުގެ ފެބްރުވަރީ މަހުން ފެށިގެން އެންމެ 9 މަސްދުވަހުގެ ތެރޭގައި 105 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފައިވެއެވެ. އަދި މި މަހުގައި މި މަޝްރޫއު ކާމިޔާބު ކަމާއެކު ނިންމާލާފައިވާކަން ބީއެމްއެލުން ފާހަގަކުރިއެވެ.
ބޭންކުން ބުނީ ތިން ވަނަ ކުއާޓަރގައި ބޭންކުން ވަނީ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގަނެފައެވެ. މި ސްޓްރެޓިޖިކް ނިންމުމާއެކު، އެސްޑީއެފްސީއަކީ ޝަރީއާ ކޮމްޕްލައިންޓް ޚިދުމަތެއް ފޯރުކޮށްދޭ، އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށްވެސް ޚިދުމަތް ފޯރުކޮށްދޭ ޑިޖިޓަލް ފަސްޓް ސަބްސިޑައިރީއަކަށް ބަދަލުކުރެވިގެންދާނެ ކަމަށެވެ.

