ހެއްކާ ބެހޭ ގާނޫނުގައި ނޫސްވެރިން މަސްދަރު ނުވަތަ މައުލޫމާތު ލިބުނު ގޮތެއް ހާމަކުރަންޖެހޭ ހާލަތްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަމުގެ އިތުރުން ބައެއް ކަންކަން ހިމަނަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ. މި ބިލަކީ ނޫސްވެރިންގެ ފަރާތުން ކަންބޮޑުވުންތައް ފާޅުކުރަމުން ދަނިކޮށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި، ޖެނުއަރީ 2023 ގައި އަމަލުކުރަން ފެށި ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ބިލެކެވެ.
މި އިސްލާހު ހުށަހަޅުއްވާފައިވަނީ ބިލްދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްލަމް އެވެ. އޭނާ ހުށަހެޅުއްވި ބަދަލުތަކުގެ ތެރޭގައި ނޫސްވެރިން މަސްދަރު ހާމަކުރަންޖެހޭ ހާލަތްތައް އިތުރުކުރުމުގެ އިތުރުން، އެފަދަ އަމުރެއް ނެރެވޭނެ އުސޫލުތަކަށް ވެސް ބަދަލުތަކެއް ހިމެނެ އެވެ.
އިސްލާހުތަކުގެ ތަފްސީލް:
- އަމުރު ނެރުމުގެ ބާރު: ކުރިން މަސްދަރު ހާމަކުރުމަށް އެދި ކޮންމެ ކޯޓަކަށް ވެސް ހުށަހެޅިދާނެ ނަމަވެސް، މިހާރު ހުށަހަޅާފައިވަނީ އެފަދަ އަމުރެއް ނެރެވޭނީ ހައި ކޯޓުން ކަމަށާއި ކޯޓަށް ހުށަހަޅާތާ 24 ގަޑިއިރު ތެރޭ އަމުރާ މެދު ގޮތެއް ނިންމަންޖެހޭނެ ކަމަށެވެ.
- ޖަވާބުދާރީވުމުގެ ފުރުސަތު: މައްސަލަ ރައްދުވާ ނޫސްވެރިޔާ އާއި އޭނާ ވަޒީފާ އަދާކުރާ ތަނުން ހައި ކޯޓުގައި ޖަވާބުދާރީ ވުމަށް ފުރުސަތު ދިނުމަށް ވެސް ހުށަހަޅާފައިވެ އެވެ.
- އިސްތިއުނާފް ކުރުމުގެ ހައްގު: ހައި ކޯޓުގެ ނިންމުން 10 ދުވަސް ތެރޭ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރެވޭނެ ގޮތަށް ހިމެނުމަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.
- ހުށަހެޅޭނެ ފަރާތްތައް: މި އަމުރަށް އެދި ހައި ކޯޓަށް ހުށަހެޅޭނީ ގާނޫނުގައި ބުނާ ހާލަތްތަކުގައި ޕްރޮސިކިއުޓާ ޖެނެރަލް ނުވަތަ ތުހުމަތުކުރެވޭ ފަރާތަށް ނުވަތަ ދައުވާ ލިބޭ ފަރާތަށް ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.
މިހާރުގެ ގާނޫނުގައި މަސްދަރު ހާމަކުރެވޭ ހާލަތްތައް:
ގާނޫނު މިހާރު އޮންނަ ގޮތުން، މަސްދަރު ހާމަނުކުރާނެ ކަމަށް ނޫސްވެރިޔާ ވެފައިވާ ވައުދެއް ނުވަތަ ދީފައިވާ ޔަގީންކަމެއްގެ މައްޗަށް، އެ މައުލޫމާތު ދިން ފަރާތެއްގެ ރުހުމާނުލައި އެ ފަރާތެއް ހާމަކޮށްދޭ ނުވަތަ ހާމަވުމަށް އެހީއަކަށް ވެދާނެ އެއްވެސް މައުލޫމާތެއް ހިއްސާކުރަން ނޫސްވެރިޔާ ނުވަތަ އޭނާ މަސައްކަތްކުރާ ތަނަށް މަޖުބޫރެއް ނުކުރެވޭނެ އެވެ.
ނަމަވެސް، 136 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަ ގޮތުން ޓެރަރިޒަމްގެ ކުށްތަކާއި ގައުމީ ސަލާމަތާ ގުޅުން ހުރި ކުށްތަކުގެ މައްސަލަތަކުގައި، ތަހުގީގުކުރާ ފަރާތުން ނުވަތަ ޕްރޮސެކިއުޓާ ޖެނެރަލް ނުވަތަ ތުހުމަތުކުރެވޭ ފަރާތުން ނުވަތަ ދައުވާ ލިބޭ ފަރާތުން ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް އެދި ހުށަހެޅުމުން ވަކި ހާލަތްތަކެއްގައި އެ މަސްދަރު ހާމަކުރުމަށް ޝަރީއަތުން އަމުރުކުރެވިދާނެ އެވެ. މިގޮތަށް އަމުރުކުރެވޭނީ ޓެރަރިޒަމްގެ ކުށެއް ނުވަތަ ގައުމީ ސަލާމަތާ ގުޅުން ހުރި ކުށެއް ކޮށްފިކަން ނުވަތަ ކުރަމުންދާކަން ނުވަތަ ކުރަން އުޅޭކަން އެނގޭ ނަމަ އެވެ. އޭގެ އިތުރުން؛ ފުރާނައަށް ނުވަތަ ޖިސްމަށް ނުވަތަ މުދަލަށް ކުއްލި ނުރައްކަލެއް އޮތުމާއި، ނޫސްވެރިޔާގެ މަސްދަރު ހާމަނުކުރުމުގެ މަސްލަހަތަށް ވުރެ އެ މަސްދަރު ހާމަކުރުމުގެ އާއްމު މަސްލަހަތު މާ ބޮޑު ހާލަތެއް ކަމަށްވުމާއި، ނޫސްވެރިޔާގެ މަސްދަރު ހާމަނުކުރުމުގެ ސަބަބުން، ކުށުގެ ތުހުމަތުކުރެވޭ ނުވަތަ ދައުވާ ލިބޭ މީހެއްގެ މައްޗަށް ކޮށްފައިވާ ކުށުގެ ތުހުމަތުން އޭނާއަށް ބަރީއަވެވޭނެ ގޮތް ނުވެ، އޭނާގެ މައްޗަށް ނާއިންސާފު ހުކުމެއް ކޮށް ނުހައްގު އަދަބެއް ލިބުމުގެ ފުރުސަތު ބޮޑުވުން ހިމެނެ އެވެ.
އިތުރުވާނެ ކަމަށް ހުށަހަޅާފައިވާ ހާލަތްތައް:
މި ބިލުގައި މަސްދަރު ހާމަކުރަންޖެހޭނެ އިތުރު ހާލަތްތަކުގެ ގޮތުގައި ތިރީގައިވާ ކަންކަން ހިމަނަން ވަނީ ހުށަހަޅާފަ އެވެ. މި ހާލަތްތައް ހިމެނުމަށް ހުށަހަޅާފައިވަނީ ކުރިން ގާނޫނުގައި ހުރި ކަންކަން ވެސް ހަމަ އެގޮތަށް ބާއްވާ ގޮތަށެވެ.
- ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލުން
- ހަތިޔާރު ބޭނުންކޮށްގެން ހިންގާ އުދުވާނީ ހަރަކާތްތައް
- ގާނޫނުލް އުގޫބާތުގެ ދަށުން ކުށް ކަމުގައި ކަނޑައަޅާފައިވާ ހުއްދަ ނޫން ސިއްރު މައުލޫމާތު ހާމަކުރުން
- ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލަށް ގެއްލުން ލިބޭނެ އަމަލުތައް
ނޫސްވެރިންގެ ކަންބޮޑުވުން:
ގާނޫނު މިހާރު އޮންނަ ގޮތުން ވެސް، ނޫސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް އޭރު ވެސް އޮތީ “ގައުމީ ސަލާމަތަކީ ކޮބައިކަން” ގާނޫނުގައި ބަޔާންކޮށްފައި ނެތުމެވެ. ކުމިފަހަރު ހުށަހެޅި ބަދަލުގައި ވެސް ގައުމީ ސަލާމަތް މާނަކުރާނެ ގޮތެއް ހިމަނާފައިނުވެ އެވެ.
އަސްލަމް ހުށަހެޅުއްވި އިސްލާހުގައި ވެސް ވަނީ، ނޫސްވެރިޔާއަށް މައުލޫމާތު ދީފައިވަނީ މަސްދަރު ސިއްރުކުރާނެ ކަމުގެ ޔަގީންކަމުގައި ވާނަމަ، އެ މަސްދަރެއް ހާމަކުރަން މަޖުބޫރު ނުކުރެވޭނެ ކަމަށް ބަޔާންކޮށްފަ އެވެ. ނަމަވެސް، އެ މަސްދަރު ހާމަކުރުމަކީ ބައެއް ކުށްތަކާ ގުޅިގެން ތުހުމަތުކުރެވޭ މީހަކު ދެނެގަތުމަށް ނުވަތަ އެ ފަރާތެއް ހުއްޓުވުމަށް ކޮންމެހެން މުހިއްމު ކަމެއްކަމުގައިވާ ނަމަ ނޫސްވެރިޔާގެ މަސްދަރު އަންގައިދޭ މައުލޫމާތު ހާމަކުރުމުގެ އަމުރެއް ނެރެދިނުމަށް ޕީޖީ ނުވަތަ ތުހުމަތުކުރެވޭ ފަރާތަށް ނުވަތަ ދައުވާ ލިބޭ ފަރާތަށް ހައި ކޯޓަށް ހުށަހެޅޭނެ ކަމަށް އެ މާއްދާއަށް ގެނައި އިސްލާހުގައިވެ އެވެ.
މަސްދަރު ހާމަކުރުން މަޖުބޫރުވާ ގޮތަށް ހެއްކާ ބެހޭ ގާނޫނު ހަދާތީ ކުރީގެ ވެރިކަމުގައި ނޫސްވެރިން އިހުތިޖާޖު ކުރުމުން އޭރު ވަނީ ބައެއް ބަދަލުތައް ގެނެސްފަ އެވެ. އެކަމަކު ބިލް ފާސްކުރި އިރު، ކުރިއަށްވުރެ ގޯސްކޮށް ބައެއް ކަންކަން ބަދަލުކުރި އެވެ. އެމްޑީޕީގެ ވެރިކަން ބަދަލުވީ ގާނޫނު އިސްލާހުކުރުމުގެ ބިލް ކުރިއަށް ނުގޮސް އޮއްވަ އެވެ.

