ގަވާއިދާ ޚިލާފަށް ސިނގިރޭޓު ކޮންޓޭނަރުތަކެއް އެތެރެކޮށްފައިވާ މައްސަލައާ ގުޅިގެން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ދެ ޑެޕިޔުޓީ ކޮމިޝަނަރަކު މަޤާމުން ވަކިކުރައްވައިފިއެވެ.
މި ދެބޭފުޅުން މަޤާމުން ވަކިކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން (241 ކޮމިޓީ އިން) ދިރާސާކުރައްވާފައިވާ މައްސަލަތަކަކާ ގުޅިގެންނެވެ. މިމައްސަލަތަކުގެ ތެރޭގައި “ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް” ގެ ތެޔޮ ބޯޓެއްގައި ޤާނޫނާއި ގަވާއިދާ ޚިލާފަށް ދިވެހިރާއްޖެއަށް ސިނގިރޭޓް ކާޓޫނުތަކެއް އެތެރެކޮށްފައިވާ މައްސަލައާއި، ބޮންޑެޑް ވެއަރހައުސްއެއްގައި ހުރި ސިނގިރޭޓް ކާޓޫނުތަކެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ނޭނގި ޤާނޫނާއި ގަވާއިދާ ޚިލާފަށް އެ ބޮންޑެޑް ވެއަރހައުސްއިން ނެރެފައިވާ މައްސަލަ ހިމެނެއެވެ. މިމައްސަލަތަކާއި ގުޅިގެން، ރައްޔިތުންގެ މަޖިލީހުން ރައީސަށް ފޮނުއްވި ސިޓީގައި ދެއްވާފައިވާ މަޢުލޫމާތާއި ލަފާއަށް ރިޢާޔަތްކޮށް ވަނީ މި ދެބޭފުޅުން މަޤާމުން ވަކި ކުރައްވާފައެވެ.
މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޑެޕިޔުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމުގައި ތިއްބެވި 2 ބޭފުޅަކު ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މިއަދު ވަކިކުރައްވާފައިވާ ކަމަށެވެ. އަދި ކަސްޓަމްސްގެ އިތުރު 3 މުވައްޒަފަކާއި ގުޅޭގޮތުން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ޢަމަލުކުރައްވަމުންގެންދާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތީން، ބައްލަވަންޖެހޭ ކަންކަން ބެއްލެވުމަށްފަހު ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތީން، އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް އަންގަވާފައިވާކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. މިކަމުގެ މަޤްސަދަކީ ކަސްޓަމްސްގެ މަސައްކަތްތައް ހަރުދަނާކޮށް، ޤާނޫނީ އިމުގެ ތެރެއިން ހިންގުމަށް ބާރުއެޅުމެވެ.

