މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން ރަށްރަށުގައި ހިންގާ މަޝްރޫއުތައް ކުރިއަށް ގެންދަނީ ރައްޔިތުން ބޭނުންވާ ގޮތަށްކަން ކަށަވަރު ކުރުމަށާއި ކުރާ މަސައްކަތުގައި ރައްޔިތުންގެ ބައިވެރިވުމާއި ޝާމިލުވުން އިތުރުކުރުމަށް ޓަކައި ހާއްސަ މޮނިޓަރިން ކޮމިޓީތަކެއް އެކުލަވައިލަން ނިންމައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ ސިޓީސް މިނިސްޓަރު އާދަމް ޝަރީފް މީސްމީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައެވެ.
މިނިސްޓަރ ވިދާޅުވީ އެ ކޮމިޓީތައް އެކުވަލަވައިލުމުގެ ބޭނުމަކީ ރަށްރަށުގައި މަޝްރޫއުތައް ހިންގުުމުގައި ސިވިލް ސޮސައިޓީތަކާއި އިސްރަށްވެހިންގެ ހިޔާލާއި މަޝްވަރާ ހިމެނުން ކަމަށެވެ.
“ރަށު ޕްރޮޖެކްޓް މޮނިޓަރިން ކޮމިޓީ” ގެ ނަމުގައި އެ ކޮމިޓީތައް އެކުލަވައިލަން އުސޫލެއް ހަދައި، ކައުންސިލްތަކަށް އެ އުސޫލު މިހާރު ފޮނުވާފައިވާ ކަމަށާއި، އެ އުސޫލުގެ ދަށުން އެކުލަވާލާ ކޮމިޓީގެ ދައުރަކަށް ވާނީ ސިޓީސް މިނިސްޓްރީން ހިންގާ ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ރާވާފައިވާ ގޮތަށް ކަމާއި އެކަން ކުރިއަށްދާ ގޮތް ރައްޔިތުންނަށް ރަނގަޅަށް އެނގޭކަން ކަށަވަރު ކުރުން ކަަމަށް ވަނީ މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވެފައެވެ.
ކޮމެޓީ ބަހާލާގައިވާ ގޮތުގެ ތެރޭގައި ހިމެނެނީ ރަށު ކައުންސިލުން އައްޔަންކުރާ މެންބަރަކާއި، ޑަބްލިއުޑީސީ އިން އައްޔަންކުރާ މެންބަރަކާއި، ކައުންސިލްގެ ސިވިލް މުވައްޒަފުންގެ ތެރެއިން އައްޔަންކުރާ މެންބަރެެއް، އާއްމުންގެ ތެރެއިން ކަނޑައަޅާ މެންބަރެއް، ކްލާބް ޖަމިއްޔާތަކުން ނަގާ މެންބަރެއް، އިސްރަށްވެހިންގެ ތެރެއިން ކަނޑައަޅާ މެންބަރެއް، ޒުވާނުންގެ ތެރެއިން ކަނޑައަޅާ މެންބަރެއްގެ އިތުރުން ހިންގާ ޕްރޮޖެކްޓްގައި ކުރާ މަސައްކަތް އެނގޭ [ކޮންސްޓްރަކްޝަން ދާއިރާގެ] މެންބަރެކެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ޕްރޮޖެކްޓްގައި ކުރާ މަސައްކަތުގެ ދާއިރާގެ މެންބަރަކު ކޮމިޓީގައި ހިމަނަނީ މަސައްކަތުގެ ފެންވަރު ރަނގަޅުކަން ކަށަވަރު ކުރުމަށެވެ.

