“ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް” އެޗްއާރުސީއެމްގެ މެންބަރުކަމަށް މިނިސްޓަރ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ މަގާމުގައި ކުރިން ހުންނެވި، ގ. އާބިން ޑރ. ޢާއިޝަތު ރަމީލާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އެޗްއާރުސީއެމްގެ މެންބަރުކަމަށް ޑރ. ރަމީލާ އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވީ މިމަހުގެ 2 ވަނަ ދުވަހުއެވެ. ރަމީލާ އެޗްއާރުސީއެމަށް އައްޔަންކުރަން ފާސްވީ 63 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
ރަމީލާ އެޗްއާރުސީއެމް އަށް އައްޔަން ކުރަން ރައީސް މަޖިލީހަށް ފޮނުއްވީ، އެ ކޮމިޝަންގެ މެންބަރު މަރިޔަމް މުނާގެ މެންބަރުކަމުގެ މުއްދަތު 30 ނޮވެމްބަރަށް ހަމަވާތިއެވެ.
ޤާނޫނުގައި ބުނާގޮތުން މިނިވަން މުއައްސަސާއެއްގެ މެންބަރެއްގެ މަގާމުގެ މުއްދަތު ހުސްވެއްޖެނަމަ ނުވަތަ މަގާމުގެ މުއްދަތު ހަމަވާނަމަ އެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވަންޖެހޭނެއެވެ. އެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާނީ މި ފުރުސަތުގައި ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ފޮނުއްވައި މަޖިލީހުން ފާސްވުމަށްފަހުއެވެ.
އެޗްއާރުސީއެމްގައި 5 މެންބަރުންގެ ތިއްބަވައެވެ. އެ ކޮމިޝަނުގައި މިހާރު ތިއްބަވަނީ ރައީސް މަރިޔަމް މުނާގެ އާއި ނައިބު ރައީސް މުޙައްމަދު ޝަފީޤް މަޙްމޫދާއި މެންބަރު ސަމާއު އަހުމަދު ނަޖީބާއި އިސްމާއިލް ހަބީބް އާއި އަޙްމަދު މަޤުސޫމެވެ.

