މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މާދަމާ ހެނދުނު މަޖިލީހުގެ ޖަލްސާގައި 2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅުން އެ ޖަލްސާގައި އޮންނާނެކަމަށް އިއުލާން ކުރައްވާފައެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް މާދަމާ ހުށަހެޅުމަށް ތާވަލުކޮށްފައިވާއިރު، މި ބަޖެޓުގައި ހިމަނާނެ ބައެއް މުހިންމު ކަންކަމާ ބެހޭ ގޮތުން ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ވަނީ މީގެ ކުރިން ބައެއް ޖަލްސާތަކުގައި ވާހަކަފުޅު ދައްކަވައިފައެވެ.
އަންނަ އަހަރުގެ ބަޖެޓާ ގުޅޭ ތަފްސީލްތައް ސަރުކާރުން އަދި ހާމަކޮށްފައި ނުވި ނަމަވެސް ރައީސް ވަނީ 2026 ވަނަ އަހަރުގެ ބަޖެޓުގައި އެއް ދާއިރާއަކަށް އެންމެ އިސްކަން ދެއްވާފައި އޮންނާނީ ޞިއްޙީ ދާއިރާއަށް ކަމުގައި ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ އަންނަ އަހަރު ތައުލީމީ ދާއިރާއިން، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމު އުނގަންނައިދިނުމުގެ މަޝްރޫއެއް ފެށުމަށް ނިންމާފައިވާ ކަމަށާއި، ސިއްހީ ދާއިރާ ކުރިއަރުވައި، ރާއްޖެއިން ނުހެދޭ ޓެސްޓުތައް ހެދުމަށާއި، އޮޕަރޭޝަންތަކާއި ޑޮކްޓަރަށް ދައްކަން ބޭރަށް ދިއުން ނިމުމަކަށް ގެނައުމަށް ރާއްޖޭގައި އާ އޮޕަރޭޝަންތަކާއި ޓެސްޓުތައް ހެދޭނެ އިންތިޒާމުތައް ހޮސްޕިޓަލުތަކުގައި ގާއިމްކުރުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށެވެ.
ށ. އަތޮޅު ފުނަދޫގައި ބޭއްވި ޖަލްސާގައި ރައީސް ވަނީ، ސަރުކާރުން ތަރައްޤީގެ މަސައްކަތްތައް ކުރައްވަމުންގެންދަވާ ތަރުތީބަށް އިޝާރާތްކުރައްވައި، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ވެގެންދާނީ، ތަޢުލީމީ ދާއިރާ އާއި ޞިއްޙީ ދާއިރާއަށް މީގެ ކުރިން ނުދޭވަރަށް އިސްކަންދީފައިވާ ބަޖެޓަކަށްކަމުގައި ވިދާޅުވެފައެވެ.

