އާޒިމާ ހޭދަކުރަމުން ދަނީ އޭނާގެ އުމުރުން ސާޅީހުގެ އަހަރުތަކެވެ. އާޒިމާ އަކީ ދިގު އެހާމެ އިސްތަށިގަނޑެއްގެ ވެރިއެކެވެ. ހަށިގަނޑުގެ ބައްޓަން ރީތިވެފައިވާ ކަޅިރަވައިގެ އަސަރު ގަދައެވެ. ދިވެހި ދޮން ކުލައެއް ލިބިފައިވާ އާޒިމާ އަކީ އަދި ވެސް ރީތި ކަމުގެ ލާމަސީލު ނަމޫނާއެކެވެ. އާޒިމާ އަކީ މަޝްހޫރު ވާހަކަ ލިޔުން ތެރިއެކެވެ. މަގުބޫލު ވަމުން އަންނަ ސަހުސިއްޔަތަކެވެ. އެހެނަސް އޭނާ ވީ ދިރިއުޅުމުގައި ނާކާމިޔާބު މީހަކަށެވެ. ހަޔާތެއް ފަށައި އެ ދިރިއުޅުމަށް ފަސް އަހަރު ފުރުނު ފަހުން ދިރިއުޅުން ކަފުން ކުރަން ޖެހުމުން ލިބުނު ހިތްދަތިކަން އާޒިމާއަށް ނޫނީ ނޭނގޭނެއެވެ. ހަޔާތުގައި ހިންދެމިލަން ލިބުނު ފުރުސަތުގައި އާޒިމާއަށް ކުރިމަތިވީ ހިތާމައެވެ. އެއީ އާޒިމާއަށް ހާދަހާވައި ހިތްދަތި ދަނޑިވަޅެކެވެ.
އާޒިމާ ޑިޕްރެޝަންގައި އެތަކެއް އަހަރެން ހޭދަކުރިއެވެ. ނައުފަލު އޭނާ ދޫކޮށް ދިއުމުން އެތަކެއް ކަރުނައެޅިއެވެ. ހިތާމައިގެ މޮޅި ސާލުގައި ކޮޓަރީގައި ގިނަ ވަގުތު ހޭދަކުރިއެވެ. ދުވަހަކު ވެސް ދުވަހަކު ކޮޅުން ވެސް އައިސްދާނެ ކަމަށް އުންމީދު ވެސް ކޮށްފައި ނުވާ އެ ދެމީހުންގެ ގުޅުން ނިމުމަކަށް އައީ ހަމަ ކުއްލިއަކަށެވެ. އެހެނަސް އެ ކަމުގެ ރަގަނބީލު ޖަހަމުން ދާތާ ދުވަސްކޮޅަކަށް ފަހުއެވެ. އެކަމަށް އާޒިމާއަަށް ވެސް ވަރިހަމަ ކޮށްލެވުނީތީ މިއަދު ހިތާމަކުރަން ޖެހުނީއެެވެ. އެހެން ނޫނަސް ދާންއޮތް އެއްޗެށް ހިފަހައްޓައިގެން ވާނެ މޮޅެއް ނޯންނާނެ ކަން އާޒިމާ އަށް ގަބޫލު ކުރެވޭތީ އެކަން އެހެން ދިމާވި ނަމަވެސް އަޅާނުލައި ހުރެވުނީއެވެ.
ނައުފަލު އެހެން މީހަކާ ހިތާވެގެން އުޅޭކަން އާޒިމާއަށް ފަޅާއެރީ ނައުފަލުގެ ފޯނުން ފެނުނު މެސެޖުތަކުންނެވެ. އެ ވާހަކަ ނައުފަލު ގާތު އެހުން ވެގެން ދިޔައީ ނައުފަލުގެ ފޮރުވިފައިވާ ސިފަ އާޒިމާއަށް ހާމަ ވާން މެދުވެރިވި ސަބަބަކަށެެވެ. އެ ދުވަހަށް ފަހު ފެށިގެން ދިޔައީ ނައުފަލުގެ އަނިޔާވެރިކަމުގެ ބާބެވެ. ރުޅިއާއި ނަފްރަތުގެ ދުވަސްތަކެވެ. އޭނގެ ފަހުން އެއް ދުވަހަކު އާޒިމާއަށް ބުނެވުނު އެއްޗަކުން ނައުފަލުގެ ބާރުގަދަ އަތް ތިލައިގެ ހޫނު ހަމަލާގެ ދިލައިން އާޒިމާގެ ކޯތާފަތް ނޫފައިގަތެވެ. ވީތަދުން އާޒިމާގެ ކަރުގެ އަޑިން ނުކުތް ވޭނީ އާހާއި އެކު، ދެން ފެނުނީ ނައުފަލުގެ އަތު ގައި އޮތް އެސްލޯނު ހޮޅި ބުރިން އާޒިމާގެ ކަންކަށިމަތީ ވިހެލިތަނެވެ. އެޅިވޭނުން އާޒިމާއަށް ފާޑަކަށް ހޭރިގަނެވުނެވެ. އަޑުން އަޑުނަގައި ރޮއިގަނެވުނެވެ. "ގޮތް ނެތް ބކރ ކޮން ހޭރުމެއްހޭ،" ނައުފަލު ގޮވާލިއިރު އަނބިމީހާއި ދޭތެރޭ އޭނާގެ ރަހުމެއް ކުލުނެތް ނެތްކަން ހާމަވެއެވެ.
ނައުފަލުގެ ރަހުމު ކުޑަ ހަމަލާތަކަށް އާޒިމާއަކަށް ކެތެއް ނުކުރެވުނެވެ. އެންމެ ފަހުން ކެތް ނުކުރެވިގެން ވަރިއަށް އެދުނެވެ. ނައުފަލު ހުރީ އާޒިމާ އެކަަމަށް އެދޭނޭ ވަގުތެއް ގެ އިންތިޒާރުގައި ކަމަށް ހީވިއެވެ. ވަގުތުން އާޒިމާ ވަރި ކުރިއެވެ. އަދި ޖެހިގެން އައި ދުވަހު އެ ރަށުން ބަދަލުވިއެވެ. މުޅި އުމުރަށް އާޒިމާ އެކަނި ކޮށްލާފައެވެ. ދެ މީހުން ވެގެން ފޮނި ހުވަފެންތައް ދެކެމުން ބިނާ ކުރި ކުޑަކުޑަ ގެއަށް އާޒިމާ އެކަނި ދޫކޮށްލާފައެވެ. އެއީ ކޮޅު ނެތް ކޮޅަށް އާޒިމާ ހިތާމަ ކުރާ ކަމެކެވެ. ދެރަވާ ކަމެކެވެ. ނައުފަލާ ވަކި ވުމަކީ ދުވަހަކު ކޮޅުން ވެސް އާޒިމާ ހިތަށް ގެނެސްފއިވާ ކަމެއް ނޫނެވެ. އާޒިމާ ރުއެވެ. ގިސްލިއެވެ. އެ ރުއިމުގެ އަޑު އަހާނެ މީހެއް މިއަދަކު ނެތެވެ. މައިންބަފައިން ނިޔާވިތާ އެތައް ދުވަހެކެވެ. ލޯބިވާ ނައުފަލު އޭނާގެ ހާލާއި މެދު ވިސްނާނުލާ އާޒިމާ އެކަނި ކޮށްލީއެވެ.
އެނޫން ގޮތެއް އާޒިމާ އަކަށް ނެތެވެ. ތަގުދީރުގެ ނިޔާއަށް ރުހިގެން ކުރިއަށް ދިއުން ނޫން ދެން އޮތީ ވެސް ކޮން ގޮތެއް ހެއްޔެވެ. މި ހުރިހާ ކަމެއް ވެސް އާޒިމާއަށް ވެސް އެނގެއެވެ. ވިސްނެއެވެ. އެހެނަސް އޭނާގެ ލޮލުން ކަރުނަ ނުހިކެއެވެ. އެކަނި ވާ ހިނދު އެ ގިސްލުމަކަށް ބަދަލެއް ނާދެއެވެ. ކޮންމެ ކަމެއް ވެސް މަޑުމަޑުން ހަމަޖެހެމުން ދާނެ އޭ މީހުން ބުނެ ނޫން ހެއްޔެވެ. އެ ގޮތަށް އާޒިމާގެ ހިތާމަތައްް ވެސް މަޑު މަޑުން ލުއިވަމުން ދިޔައެވެ. ނައުފަލުގެ ހަނދާންތަކުން މަޑު މަޑުން ދުރުވާން ފެށުނެވެ. އެ ކަމަށް މަގު ފަހި ކުރުމަށް އާޒިމާ ކުރަން ފެށި ކަމަކީ ބޭރަށް ނުކުތުމެވެ. ރަށުގެ އަތިރިމަތީގައި ހިނގާލައި ރާޅުގެ އަޑު އަހާލުމެވެ. ކަނޑުގެ ތެތް ފިނި ވައިރޯޅިތަކުގެ ބީހުމުން ހިތުގެ ޒަޚަމްތަކަށް ފިނި ކަމެއް ގެނެސްދިނުމެވެ.
އަތިރިމަތީގެ ހިތްގައިމުކަން ލިބިގަތުމަށް އާޒިމާ ނުކުމެ އިން ދުވަހެކެވެ. އުޑުމަތި ބަނަ ވިއްސާރަ ދުވަސްކޮޅެކެވެ. ވިއްސާރަ ނަމަވެސް އާޒިމާ އާދައިގެ މަތިން ބޭރަށް ނުކުމެލީ ހިތަށް ތަސައްލީއެއް ހޯދުމަށެވެ. ކުއްލިއަކަށް ވައި ބާރު ވެލާފައި ވިއްސާރަ ކުލަވަރު ގަދަ ކޮށްލުމުން އާޒިމާ ހިނގައިގަތީ އެއްގަމަށް އަރާށެވެ. ގެއަށް ދިއުމަށެވެ. ވަކި ހިސާބަކަށް ދެވުނު ތަނާ ވާރޭ ވެހެން ފެށިއެވެ. ކުޑަކޮށް ދުވަމުން އާޒިމާ ވަނީ މާދުރު ނޫން ހިސާބެއްގައި ހުރި ކުޑަވަރެއްގެ ބުކްޝޮޕަކަށެވެ. އާޒިމާއަކީ ވެސް ލިއުންތެރިއެއް ކަމުން ބުކްޝޮޕްގައި ހުރި ފޮތްތައް އާޒިމާ ބަލަމުން ގެންދިޔައެވެ. ޝައުގުވެރިކަމާއެކުގައެވެ.
"އެކްސް ކްއިޒް،" ކުއްލިއަކަށް އާޒިމާ ސިހުނީ މީހަކު ފަހަތުން ގޮވާލުމުންނެވެ.
"ނަން ނޭނގޭތީ… ވާރޭ އަވަހަށް ހުއްާޓާނެ ހެން ހިއްޔެއް ނުވޭ،" ހިނިތުން ވެލައިގެން އާޒިމާގެ ދިމާއަށް ބަލަން ހުރީ އެ ފިހާރައިގެ ކައުންޓަރުގައި ހުރި ދެބައި އުމުރުގެ ފިރިހެނެކެވެ. "ކޮފީއެއް ބޯނަންތަ؟" އެ ހިނިތުން ވުމާއެކު އޭނާ ދައުވަތު ދިނީ ކޮފީއަކަށެވެ.
"ނޫން،" އާޒިމާ އަވަސް އަވަހަށް ބުނެލިއެވެ. ފިހާރައިގައި އެހެން މީހަކު ނެތްކަން އާޒިމާއަށް އެނގުމުން ކުޑަކޮށް ޖެހިލުންވެ ހުރެފައެވެ. "ފިހާރަ ބަންދު ކުރަންވީތޯ،" އަވަސް އަވަހަށް އާޒިމާ އަހައިލިއެވެ،
"ނޫނޭ، އެހެނެން ނޫން….އަހަންނަށް ކިޔަނީ ޝަފީއު…. ކޮން ނަމެއްތަ ކިޔަނީ؟" ފިހާރައިގަ ހުރި މީހާ ތައާރަފު ވެލަމުން އެހީ އާޒިމާގެ ނަަމެވެ.
"އަހަންނަށް ކިޔަނީ އާޒިމާ،….ވާރޭ ވެސް ހުއްޓައިފި ދެން ދަނީ،" އާޒިމާ ނުކުންނަން ހިނގައިގަތެވެ.
"ތިހާ ރީތި ކުއްޖެއް ހާދަ އަވަހަކަށޭ ތި ދަނީ…. އަދި މަޑުކޮށްލަބަލަ،" ޝަފީއު ބޭނުންވީ އެހެން ބުނާށެވެ. އެހެނަސް އެހެން ބުނެވުނީ އޭނާގެ ހިތުންނެވެ. އެހާ ހިތްވަރު ނެތީއެވެ. މާ ބޮޑަށް ވެސް ފިނޑީއެވެ.
އެ ދުވަހަށް ފަހު މަދު މަދުން އާޒިމާ އެ ބުކްޝޮޕަށް ވަންނަން ފެށިއެވެ. ފޮތުގެ އަހުލުވެރިއެއް ކަމުން އޭނާގެ އެކަނިވެރި ދުނިޔެއަށް އެ ބުކްޝޮޕުން ދިރުން ގެނައިކަހަލައެވެ. ޝަފީއުއަށް އެކަމުގެ ސަބަބުން ލިބުނީ އިންތިހާއީ ފުރުސަތެވެ. އެ ފުރުސަތުގެ ބޭނުން ހިފާ ޝަފީއު އާޒިމާ އާއި ގުޅުން ބަދަހި ކުރަމުން ދިޔައެވެ. އާޒިމާއަށް ވެސް ޝަފީއު ގެ އަހުލާގު ފެނި އޭނާއާއި ގަޔާވެވުނެވެ. އާޒިމާއަށް ފާހަނގަީި ޝަފީއުގެ އެންމެ މައިގަނޑު އެއް ކަމަކީ އޭނާގެ މަޑުމައިތިރިކަމެވެ. ލަދު ގަތުމާއި ބަސް މަދުކަން އާޒިމާ ގަޔާވާ ސިފައަކަށް ވިއެވެ.
އެއް ދުވަހަކު އާޒިމާ ކޮޓަރީގައި އޮއްވާ ކޮޓަރިއަށް ވަނީ ނައުފަލުއެވެ. ނައުފަލު ވަނީ މިލާ މޯޅިވެފައެވެ. މޫނުމަތީގެ އުޖާލާކަން ވަނީ ގެއްލިފައެވެ. ބޮލާއި ތުބުޅި ދިގުވެ ތަރުތީބެއް ނެތި ދޫކޮށްލާފައި ވާއިރު މީހާގެ ސިފަ ވަނީ ގެއްލިފައެވެ. ހިތާމައިގެ އަސަރު އެ މޫނުން ސިފަވެއެވެ. އާޒިމާއަށް ފުންމައިގެން ތެދުވެވުނެވެ. ހައިރާންކަމާއެކު ނައުފަލުގެ މޫނަށް ބަލަން ހުރެވުނެވެ.
"އާޒިމާ އަހަންނަށް މާފުކުރޭ…އަހަންނަށް މިއަދު ވިސްނިއްޖެ… އޭނާ އުޅުނީ އަހަރެންގެ މުދަލާ މުއްސަދި ކަމަށްޓަކާ…މިއަދު އަަހަރެން ގެ މުއްސަދިކަން ހިނގައްޖެ…އެއާއެކު ރީނާ އަހަންނަށް ބޭވަފާތެރި ވެއްޖެ…. އަހަރެން ކުރިމަތީ ހިލޭ ފިރިހެނުންނާއެކު އޭނާ އެ އުޅޭ ވިޔާނުދާ އުޅުމަށް ކެތް ނުވެގެން މިއައީ…. އާޒިމާ ޕްލީޒް އަހަންނަށް އެއް ޗާންސް ދީ،" ނައުފަލު އާދޭން ކުރަމުން އާޒިމާއާ ގާތްވެލިއެވެ. އެ މޫނު މަތިން ހަގީގަތުގައި ވެސް ހިތާމަ ފާޅުވާން ހުއްޓެވެ. ހަމަ ދެންމެ ދެންމެ ކަރުނަ ނިރާލައިފާނެހެން ހީވެއެވެ. އާޒިމާއަށް އުޅެވުނީ ނައުފަލު ދިއްކޮށްގެން ހުރި އަތުގެ ހިމާޔަތަށް ދެވޭށެެވެ.
އެހެނަސް އެހިނދުގައި އޭނާގެ ހިތު ތެރޭގައި އުފެދިގެން ދިޔަ އުދާސްތަކާއެކު އާޒިމާ އަށް ޖެހިލެވުނީ ނައުފަލާ ދުރަށެވެ. އޭނާގެ ހިޔާލަށް އައީ ޝާފިއުގެ އޯގާތެރިކަމެވެ. އޭނާގެ އަޅާލުމެވެ.
"ނައުފަލު…ކިހާ ހެއްވާ…. އަހަރެން އެތައް އާދޭހެއް ކޮށްކޮށް އޮއްވާ ނައުފަލު އަހަރެންގެ އާދޭސް ތަކުގައި ކޮޅުފައިން ޖަހާފައި ދިޔައީ…ލޯބި ނުވެއޭ ބުނެ….މިއަދު ވެސް ތި އައީ ލޯބި ވާތީއެއް ނޫން….ލޯބި ވާ މީހާ ދޯކާ ދިނީމަ…ދެން ނައުފަލަށް ކިހިނެއް އަހަންނާ އެކު އުޅެވޭނީ ….ބުބެ ބަލަ ނައުފަލޫ ….ކިހިނެއްހޭ ނައުފަލު ލޯބި ނުވާ މީހަކާ އެކު ދެވަނަ ފަހަރަށް އައިސް އުޅެވޭނީ،" އާޒިމާ ކުރީ ސުވާލެކެވެ. ޝަކުވާގެ ރާގުގައެވެ. އޭނާ މިއަދު ވީ ކަމެއް ހެން ނައުފަލުގެ އަނިޔާވެރި ކަން ހަނދާން އެބަހުއްޓެވެ. އެ ރިހުން ކިތަންމެ ދުވަހެއް ވިނަމަވެސް އާޒިމާގެ ހިތަކުން ފިލައިގެން ނުދާނެއެވެ.
"ޕްލީޒް….އާޒީ ހެޔޮނުވާނެ ….އަހަންނާ މެރީ ކުރަން އެއްބަސް ވެބަލަ…އަހަންނަށް އެނގޭ އާޒީ އަދިވެސް ލޯބިވަނީ އަހަރެން ދެކެ ކަން…ތި ލޮލުން އެކަމަށް ހެކިދޭ!" އާޒިމާގެ އަތުގައި ހިފައި ކައިރިއަށް ދަމާލަމުން ނައުފަލު ވާހަކަ ދެއްކީ މަޑުމަޑުންނެވެ.
"ނޫން…ތީ ކުއްހީއެއް…އަހަރެން ލައިކްވާ މީހަކު ހުރޭ… ނައުފަލަކީ އަހަރެން ގެ މާޒީ. މާޒީއަށް ދާކަން އަހަރެން ނެތިން،" އާޒިމާގެ ދެތަކުން ނައުފަލުގެ މޭގައި އަޅާ ކޮއްޕާލިއެވެ. "އަހަންނަށް ރަނގަޅީ ދެން އަހަރެން ފެންނަ ތަނަށް ނައުފަލު ނައިއްޔާ…މި ގެއިން ނުކުމޭ،" އާޒިމާގެ ގެ އަޑު ބާރުވިއެވެ.
ލިބުނު މާޔޫސް ކަމުގައި ނައުފަލު އެ ގެއިން ނުކުތެވެ. މުޅި އުމުރަށް އާޒިމާ ގެއްލިއްޖެކަން ގަބޫލު ކުރަމުންނެވެ. އެހެން އެ ދިމާވީ ނައުފަލުގެ ކުށުންކަން މިއަދު ނައުފަލު ގަބޫލު ކުރެއެވެ. އެ މާޔޫސީކަން ނައުފަލުގެ މޫނުން ފެނެއެވެ. މިއަދު ނައުފަލުގެ ބޮޑާ ކަމާއި ކިބުރު ވެރިކަމާއި ނުލަފާކަން ފިލައިގޮސްފި ކަހަލައެވެ.
ދުވަސްކޮޅެއްގެ ފަހުން އާޒިމާއާއި ޝާފިއުގެ ކައިވެނި ކުރެވުނެވެ. ޝާފިއު ވީ އާޒިމާގެ ކަންކަމުގައި ހިތްވަރުދީ އެހީތެރިވެދޭ ބައިވެރިއަކަށެވެ. އާޒިމާގެ ކުރީގެ ޝައުގުވެރި ކަން ކަމަށްވާ ވާހަކަ ލިޔުމަށް ޝާފިއު ހިތްވަރު ދިނެވެ. ވާހަކަތައް ޕަބްލިޝް ކުރުމަށް އެހީތެރި ވެދިނެވެ. ޝާފިއު ވީ ހުރިހާ ގޮތުން ވެސް އާޒިމާ އެދި އެދި ހުރި ބާވަތުގެ ފިރިއަކަށެވެ. އާޒިމާއަށް ހިތް ހެޔޮ ބައިވެރިއަކަށެވެ.
އާޒިމާ މިއަދު ބުނާ ކަހަލައެވެ. ނައުފަލު އެވެ. ތިބ ދިޔައީ އަހަރެން ވާރެއަށް އެކަނި މާ އެކަނި ދޫކޮށްލާފައެވެ. އެކަމުން މިއަދު އަހަންނަށް ލިބުނު ދެރައެއް ނެތެވެ. އެދުވަހު އެހެން އަހަރެން ދޫކޮށްލާފައި ދިއުމުން މިއަދު އަހަންނަށް އެހެން ފަރާތެއް ކުޑައެއް ހިފައިގެން އައިސް ވާރެއިން ހިޔާ ކޮށްދީފިއެވެ. އާއެކެވެ. އަހަރެންގެ ހަޔާތަށް އަލިކޮށްދީފިއެވެ. އަހަރެންގެ ހިމޭން ދުނިޔެ އަށް އުޖާލާކަން ގެނެސް ދީފިއެވެ. އެއީ ޝާފިއު އެވެ. އެއީ އަހަރެންގެ މިއަދުގެ ހުރިހާ ވެސް އުންމީދެވެ.
-ނިމުނީ-

