ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ 18 މީޑިއާއަކަށް ދައުލަތުގެ ބަޖެޓުން ޖުމުލަ 27.9 މިލިއަން ރުފިޔާ ދޫކުރަން ނިންމާފައިވާކަން ޔޫތު މިނިސްޓްރީން މިއަދު ވިދާޅުވެއްޖެއެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްގެ ދަށުން، މީޑިއާތައް ބާރުވެރިކޮށް މާލީ މިނިވަންކަން ހޯދައިދީ، ޒިންމާދާރު ބަޔަކަށް ހެދުމަށް ކުރެވޭ މަސައްކަތެކެވެ.
ޔޫތު މިނިސްޓްރީން ކުރިން ވިދާޅުވެފައިވާ ގޮތުގައި، މި މާލީ އެހީ ދިނުމުގެ މައިގަނޑު މަގުސަދަކީ މީޑިއާތައް ބާރުވެރިކޮށް، މާލީ ގޮތުން މިނިވަންކަން ހޯދައިދީ، ނުފޫޒުން އެއްކިބާކޮށް، ޒިންމާދާރު ބަޔަކަށް ހެދުމެވެ. ދައުލަތުގެ ބަޖެޓުގެ 0.1 އިންސައްތަ މިކަމަށް ވަކިކޮށްފައިވާއިރު، ފައިސާ ދޫކުރާ މީޑިއާތައް ކަނޑައަޅާފައިވަނީ މުވައްޒަފުންގެ ތައުލީމީ ފެންވަރާއި، މިންތީގެ ހަމަހަމަކަމާއި، ތަޖުރިބާ ފަދަ ކަންކަމަށް ބަލައި ޕޮއިންޓްދޭ އުސޫލެއްގެ ދަށުންނެވެ.
އާންމުކުރި ލިސްޓަށް ބަލާއިރު، މި އަހަރު އެންމެ ގިނަ ރުފިޔާ ލިބެނީ ސަންގު ޓީވީއަށެވެ. އެ ޓީވީއަށް 3.8 މިލިއަން ރުފިޔާ ލިބޭއިރު، ދެވަނަ އަށް އެންމެ ގިނަ އިން ރުފިޔާ ލިބެނީ ވީޓީވީއަށެވެ. އެ ޓީވީއަށް ތިން މިލިއަން ރުފިޔާ ލިބެއެވެ. ތިން ވަނައަށް އެންމެ ގިނަ ރުފިޔާ ލިބެނީ އެސްއެސްޓީވީއަށެވެ. އެ ޓީވީއަށް 2.9 މިލިއަން ރުފިޔާ ލިބެއެވެ.
މީޑިއާތަކަށް ލިބުނު ފައިސާގެ ތަފުސީލު ތިރީގައި މިވަނީއެވެ:
- ސަންގު ޓީވީ: 3.8 މިލިއަން ރުފިޔާ
- ވީޓީވީ: 3 މިލިއަން ރުފިޔާ
- އެސްއެސްޓީވީ: 2.9 މިލިއަން ރުފިޔާ
- ވީނިއުސް އެމްވީ: 1.1 މިލިއަން ރުފިޔާ
- ވަން އޮންލައިން: 1.37 މިލިއަން ރުފިޔާ
- ސަން އޮންލައިން: 1.33 މިލިއަން ރުފިޔާ
- ސަންގު އޮންލައިން: 1.3 މިލިއަން ރުފިޔާ
- ވޮއިސް އެމްވީ: 1.36 މިލިއަން ރުފިޔާ
- ދަ ޕްރެސް: 1.34 މިލިއަން ރުފިޔާ
- ދައުރު ނޫސް: 1.3 މިލިއަން ރުފިޔާ
- މިހާރު ނޫސް: 1.29 މިލިއަން ރުފިޔާ
- މިހާރުގެ އިނގިރޭސި އެޑިޝަން: 1.17 މިލިއަން ރުފިޔާ
- ތިލަދުން: 1.2 މިލިއަން ރުފިޔާ
- އަދަދު ނޫސް: 1.17 މިލިއަން ރުފިޔާ
- ތީރު މީޑިއާ: 1.14 މިލިއަން ރުފިޔާ
- ދިޔަރެސް: 1.1 މިލިއަން ރުފިޔާ
- ގާފު އޮންލައިން: 1 މިލިއަން ރުފިޔާ
- މާލްދީފް އޮންލައިން: 899,197.77 ރުފިޔާ
މި ލިސްޓުގައިވާ ގޮތުން، ސަންގު ޓީވީއާއި ސަންގު އޮންލައިނަށް އެކަނި ވެސް ޖުމުލަ 5.1 މިލިއަން ރުފިޔާ ލިބެއެވެ. ނަމަވެސް، މި ލިސްޓުގައި ހިމެނޭ ބައެއް މީޑިއާތަކަކީ ގަވައިދުން ހިންގަމުން ނުދާ ނޫސްތަކެއް ކަމަށް ވެސް ފާހަގަކުރެވިފައިވެއެވެ.

