ރިސޯޓުތަކުން އުކާލާ ކައްކާ ތެޔޮ ބޭނުން ކުރުން ހުއްޓާލުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަނެއްކާވެސް އަންގައިފި އެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ ރިސޯޓުތަކުން ކާބޯތަކެތި ތައްޔާރުކުރުމަށްފަހު އުކާލާ ކައްކާ ތެޔޮ، ބައެއް ފަރާތްތަކުން ކާބޯތަކެތި ތައްޔާރުކުރުމަށާއި ވިއްކުމަށް ބޭނުންކުރަމުންދާތީ، އެފަދަ ތެޔޮ ބޭނުންނުކުރުމަށް އަނެއްކާވެސް އަންގާފައެވެ. މިކަމަކީ އާންމު ސިއްޙަތަށް ނުރައްކާވެދާނެ ކަމެއްގެ އިތުރުން، އާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނާ ހިލާފު އަމަލެއް ކަމަށް އެ އޮތޯރިޓީން ބުނެއެވެ.
އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ރިސޯޓްތަކުން އުކާލާ ތެޔޮ އަލުން ބޭނުންކޮށް ވިއްކާމުންދާކަމުގެ ޝަކުވާތައް ލިބެމުންދާތީ، އެގޮތަށް އުކާލާ ތެޔޮ ބޭނުންކުރުމަކީ މަނާ ކަމެއްކަމަށް އަންގައެވެ. އާންމު ސިއްހަތަށް ނުރައްކާވެދާނެ މިފަދަ އަމަލު ހުއްޓާލުމަށް 14 ފެބުރުވަރީ 2018 ގައިވެސް އެ އޮތޯރިޓީން އާންމުންނަށް އަންގާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް މި އަމަލު އަދިވެސް ކުރިއަށްދާކަން ފާހަގަކޮށް، އޮތޯރިޓީން ވަނީ އަނެއްކާވެސް މިކަން ހުއްޓާލުމަށް އަންގާފައެވެ.
އެމްއެފްޑީއޭއިން ހާމަކުރެއްވި ގޮތުގައި، ގާނޫނު ނަންބަރު 2024/6 (ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނު) ގައި ބަޔާންކުރާ ”ކާބޯތަކެތީގައި ހުންނަންޖެހޭ އާންމު ޝަރުޠުތައް” މިފަދަ ތެލުގައި ފުރިހަމަ ނުވާނެއެވެ. މީގެ އިތުރުން، ރިސޯޓުފަދަ ތަންތަނުން އުކާލާ ތެލަކީ ހަލާލުނޫން ކާބޯތަކެތިން ތަޣައްޔަރުވެފައިވާ ތެޔޮކަމުގައި ވުމުގެ ފުރުސަތު އޮތް ކަމެއްކަންވެސް އެ އޮތޯރިޓީން ވަނީ ފާހަގަކޮށްފައެވެ. މިކަމަކީ ދިވެހިރާއްޖޭގެ ދީނީ އުސޫލުތަކާއި މުސްލިމު މުޖުތަމައުގެ ކާބޯތަކެތީގެ ހަލާލުކަމާ ބެހޭ ޝަރުއީ މިންގަނޑުތަކާ ހިލާފުވެދާނެ ކަމެކެވެ.
ބަޔާނުގައި އެމްއެފްޑީއޭއިން ވަނީ މިކަމާ ގުޅޭގޮތުން ހަރުކަށި އިންޒާރެއް ދީފައެވެ. “މިގޮތަށް ކާބޯތަކެތި ތައްޔާރުކުރުމަށްފަހު އުކާލާ ކައްކާ ތެޔޮ ބޭނުން ނުކުރުމަށް އަންގަމެވެ. މިފަދަ ތަކެތި ވިއްކާ އަދި ބޭނުން ކުރާ ފަރާތްތަކާއި މެދު ގާނޫނު ނަންބަރު 2024/6 ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގައިވެސް ދަންނަވަމެވެ.”

