ނ. ވެލިދޫގައި ހިއްކި ސަރަޙައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެ މަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީން މިއަދު ބުނެފިއެވެ. އެމްޓީސީސީން ވިދާޅުވީ ވެލިދޫ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ގޮނޑުދޮށް ހިމާޔަތްކުރުމަށް ގިއޯ ބޭގް ޖެހުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫއަކީ ވެލިދޫގެ އިގްތިސާދީ ފުރުސަތުތައް ފުޅާކުރުމަށް ޓަކައި ހާއްސަކޮށް ބޭނުންކުރަން ހަމަޖެހިފައިވާ ސަރަޙައްދެކެވެ. ރަށުގެ ފަޅުން ހިއްކާފައިވާ 2.7 ހެކްޓަރުގެ މި ބިން ބޭނުންކުރާނީ އޮޑިދޯނި ބާލާ އެހެލުމަށާއި، ހާއްސަކޮށް ފައިބަރު މަސައްކަތް ކުރުމަށެވެ.
ފައިބަރު މަސައްކަތަކީ ދިވެހިރާއްޖޭގެ މަދު ރަށްތަކެއްގައި ވިޔަފާރީގެ ގޮތުން ކުރަމުން އަންނަ މުހިންމު މަސައްކަތެކެވެ. މި މަޝްރޫއުގެ ސަބަބުން ވެލިދޫގެ މަސްވެރިކަމާއި އުފެއްދުންތެރިކަމަށް އިތުރު ކުރިއެރުންތަކެއް ލިބި، ރަށުގެ ރައްޔިތުންނަށް އިތުރު ވަޒީފާގެ ފުރުޞަތުތައް ވެސް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ. މި ބޮޑު މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދަނީ ސަރުކާރު ހިއްސާވާ ކުންފުނި، އެމްޓީސީސީންނެވެ.

