މާލެ، މއ. ޒެނާނާ ގެއަށް ފެންލައިޓުން ވަދެ، އެ ގޭގައި މުދަލާއެކު ހުރި ތިޖޫރީއެއް ވަގަށް ނެގި މައްސަލައެއްގައި، އެ މީހާ ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ. މި މައްސަލައިގައި ޖަލަށްލުމަށް ހުކުމްކުރީ މއ. ހިންނަވަރު ހުޅަނގުބައި އަނަސް މުހައްމަދުގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައިވެއެވެ؛ އެއީ ވައްކަމުގެ ދައުވާ، މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ، އަދި އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާއެވެ.
ވައްކަމުގެ ދައުވާ އުފުލާފައި ވަނީ ޒެނާނާގޭގެ ދެވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގެ ކޮޓަރިއެއްގައި ބަހައްޓާފައި ހުރި ތިޖޫރީއެއް، އެ ތިޖޫރީގައި ހުރި މުދަލާއެކު ވަގަށް ނެގުމުގެ ސަބަބުންނެވެ. އެ ތިޖޫރީގައި ތަފާތު ބޭރު ފައިސާތަކާއި، ރަން ރިހީގެ ގަހަނާތައް ހިމެނެއެވެ. އެގޮތުން، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ 2،800 ދިރުހަމް، 110،064 އިންޑޮނޭޝިއާ ރުފިޔާ، 2،910 ސްރީލަންކާ ރުޕީސް، 10،740 ތައި ބާތު، 119 މެލޭޝިޔާ ރިންގިޓްގެ އިތުރުން 8 ޖަވާހިރާއި، ރަން އަނގޮޓި 8، ރިހި އަނގޮޓި 3، ރަން ކެވެލި 23، ރަންފަށް 15، އަދި އެ ގޭގެ ރަޖިސްޓްރީ ވެސް ވަނީ ވަގަށް ނަގާފައެވެ. މި ވައްކަމުގެ ކުށުގައި އަނަސް މުހައްމަދު ދެ އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައެވެ.
ތިޖޫރީ ވަގަށް ނެގުމަށް އޭނާ ގެއަށް ވަދެފައިވާ ގޮތް ކިޔައިދެމުން އަނަސް ބުނެފައި ވަނީ، ގޭގެ ވެރިފަރާތް ކަމަށްވާ ޖައުފަރު، ގޭގައި ނެތްކަން އެނގުމުން، ދަންވަރު ގަޑީގައި ގޮސް ކަށިގަނޑެއް ބޭނުންކޮށްގެން ގޭގެ ފެންލައިޓް ހަލާކުކޮށްލައިގެން ވަދެފައިވާ ކަމަށެވެ. އަދި ދެވަނަ ފަންގިފިލާގެ އެޕާޓްމަންޓްގެ ދޮރުގެ މަތީގައި ހުރި ފެންލައިޓް ވެސް ހަލާކުކޮށް، އެތަނަށް ވަދެ، ތިޖޫރީ ހުރި ކޮޓަރީގެ ފެންލައިޓް ވެސް ހަލާކު ކޮށްލުމަށް ފަހު، ދޮރުގެ ތަޅު ހަލާކު ކޮށްލައިގެން ތިޖޫރީ ހިފައިގެން ނުކުތީ ކަމަށެވެ.
މި މައްސަލައިގައި އޭނާގެ މައްޗަށް މުދަލަށް ގެއްލުން ދިނުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 13 ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައެވެ. މީގެ އިތުރުން، ވެރިފަރާތުގެ ހުއްދަނެތި އެ ގެއަށް ވަނުމުގެ ސަބަބުން، އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ތިން މަހާއި 18 ދުވަހަށް ޖަލަށް ލުމަށް ވެސް ވަނީ ހުކުމް ކޮށްފައެވެ. އެހެންކަމުން، މި ތިން ދައުވާއިން ސާބިތުވި ކުށްތަކުގެ އަދަބު އެއްކޮށް، އަނަސް މުހައްމަދު ޖަލުގައި ހޭދަ ކުރަންޖެހޭ މުއްދަތު ކަނޑައަޅާނެއެވެ.

