ކުލަބް ގްރީން ސްޓްރީޓްސްގެ ޗެއަރޕާސަންގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަފޫ ޙާމިދު އިންތިޚާބުކޮށްފިއެވެ.
ގްރީން ސްޓްރީޓްގެ ހިންގާ ކޮމިޓީއަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ޢަފޫ ޙާމިދު މި މަގާމަށް އިންތިޚާބުކޮށްފައިވަނީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހުއެވެ.
ހިންގާ ކޮމިޓީގެ އެހެން އިސް މަގާމުތަކަށް ވެސް ވަނީ މެންބަރުން އިންތިޚާބުކޮށްފައެވެ. ސީނިއަރ ވައިސް ޗެއަރޕާސަންގެ މަގާމަށް މުޙައްމަދު ޝިފާޒް އިންތިޚާބުކުރިއިރު، ވައިސް ޗެއަރޕާސަންގެ މަގާމަށް އިންތިޚާބުކޮށްފައިވަނީ މުޢާވިޔަތު ޚަލީލެވެ. މީގެ އިތުރުން، އިބްރާހީމް ޢަބްދުﷲ ވެސް ހުންނަވާނީ ވައިސް ޗެއަރޕާސަންގެ މަގާމުގައެވެ. މި ބަދަލުތަކާއެކު، ކުލަބުގެ އިދާރީ ހިންގުން ވަރުގަދަކުރުމަށް މަސައްކަތްކުރާކަން ފާހަގަކުރެވެއެވެ.
ގްރީން ސްޓްރީޓްސްގެ ހިންގާ ކޮމިޓީގައި ހިމެނޭ އިތުރު މެންބަރުންނަކީ: އިދާރީ ސެކްރެޓަރީގެ މަގާމުގައި އިބްރާހީމް ޢާޒިމް، އިދާރީ ސެކްރެޓަރީގެ ނައިބުގެ މަގާމުގައި މުޙައްމަދު ޔާމީން އަޙްމަދު، ޚަޒާންދާރުގެ މަގާމުގައި ޔޫޝައު ލަތީފް، ޚަޒާންދާރުގެ ނައިބުގެ މަގާމުގައި އަޙްމަދު އިހްތިސާމް އަދި މީޑިއާ ކޯޑިނޭޓަރުގެ މަގާމުގައި ޙުސެއިން ފައުޒާން އެވެ. މި ބޭފުޅުން އިންތިޚާބުކޮށްފައިވަނީ 2025 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ.
މި ސީޒަނުގައި ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ގްރީން ސްޓްރީޓްސް މިވަގުތު އޮތީ ދިވެހި ޕްރިމިއަރ ލީގުގެ އެންމެ ފުލުގައި 3 ޕޮއިންޓާއެކުއެވެ. ކުލަބަށް މިއަހަރު ފެށުނުއިރު ފައިސާގެ ތާށިކަމާއި ރަނގަޅު ކުޅުންތެރިން ހޯދުމުގެ ދަތިކަން ކުރިމަތިވެފައިވާއިރު، އެ ކުލަބުން މިހާރު މަސައްކަތްކުރަމުން އަންނަނީ މި ހިސާބުން އަރައިގަތުމަށެވެ. އެންމެ ފަހުން ކުޅުނު މެޗުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު އަތުން 9-0 ގެ ބޮޑު ތަފާތަކުން ބަލިވިއިރު، މި ސީޒަނުގައި ގްރީން ސްޓްރީޓްސްއަށް މޮޅެއް ލިބިފައިވަނީ އެންމެ މެޗަކުންނެވެ. އެއީ އޮކްޓޫބަރު 1 ގައި ކްލަބު އީގަލްސްއާއި ދެކޮޅަށް ކުޅުނު މެޗެވެ. ދެން އެންމެ އަވަހަށް މި ކުލަބުން ނިކުންނާނީ ހުކުރު ދުވަހު އޮޑި ސްޕޯޓްސް ކުލަބާއި ދެކޮޅަށެވެ.

