ހދ. ކުރިނބީ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް އެ މަސައްކަތުގެ 36 އިންސައްތަ ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. މި މަޝްރޫޢަކީ ކުރިނބީ ރައްޔިތުންނަށް ދިމާވެފައިވާ ބަނދަރުގެ ދަތިކަން ޙައްލުކޮށް، ދަތުރުފަތުރުގެ ފަސޭހަތައް އިތުރުކުރުމުގެ ބޭނުމުގައި ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރި ބޮޑު މަޝްރޫޢެކެވެ.
އެމްޓީސީސީން ވިދާޅުވީ، ކުރިނބީ ބަނދަރު ހެދުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ކުއޭ ވޯލް ބްލޮކް ހަރުކުރުމުގެ މަސައްކަތާއި މަގުމަތީގެ ޝެޓަރިން އަދި ރެއިންފޯސްމެންޓް މަސައްކަތް ކަމަށެވެ. މި މަސައްކަތްތައް ކުރިއަށްދަނީ ބާރުގަދަ މިނުންކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއްވައެވެ.
ކުރިނބީ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން ހިމެނޭ މައިގަނޑު މަސައްކަތްތަކަކީ:
- ބަނދަރުގެ 4،389 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުން.
- ބަނދަރަށް އިތުރުކުރާ ބައި ފުން ކުރުން.
- ބަނދަރަށް ވަންނަ ނެރު ފުން ކުރުން.
- 295 މީޓަރުގެ ސަރަހައްދެއްގައި ބޮޑު ހިލައިގެ ބޭރުތޮށި ޖެހުން.
- 70 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން.
- 314 މީޓަރުގެ ސަރަހައްދެއްގައި ސްކޯރިން އެޕްރޮން ޖެހުން.
- 10 މޫރިން ބޮއި ހަރުކުރުން.
- ރޭމްޕް ހެދުން.
- 16 މަގު ބައްތި ހަރުކުރުން.
- 1556.61 އަކަ މީޓަރު ޕޭވްމަންޓް ހެދުން.
ސަރުކާރުން އެމްޓީސީސީއާއި ހަވާލުކުރި މި މަޝްރޫއުގެ އަގަކީ 42.9 މިލިއަން ރުފިޔާއެވެ. މި މަޝްރޫޢު ނިމިގެންދާއިރު ކުރިނބީ ރައްޔިތުންނަށް އައު އަދި ފުޅާ ބަނދަރެއް ލިބި، ރަށުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ކުރިއެރުން ލިބޭނެ ކަމަށް ބެލެވެއެވެ.

