ށ. މިލަންދޫ ޕޮލިސްގައި މަސައްކަތްކުރާ ފުލުހުންތަކެއްގެ ކޮއްތު ފައިސާތަކެއް އަމިއްލަ އެކައުންޓަށް ޖަމާކުރި ތުހުމަތަކާ ގުޅިގެން ހިންގި ތަޙުޤީޤަށް ފަހު ހަތަރު ފުލުހަކު ވަޒީފާއިން ވަކިކުރުމަށް ނިންމައިފިއެވެ.
މި މައްސަލަ ފުލުހުންގެ ސަމާލު ކަމަށް އައީ އެ މީހުންގެ އެކައުންޓްތަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރިކަން ހާމަވުމުންނެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ އެ މައްސަލަ ފެންމަތިވެ، އެ ފުލުހުން ވަޒީފާއިން ވަކިކުރުމަށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ލަފާދީފައިވާ ކަމަށެވެ. މި ސީރިއަސް މައްސަލަ ފުރަތަމަ ބަލާފައިވަނީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުންނެވެ. އަދި އިސްތިއުނާފް މަރުހަލާ ނިމެންދެން ވަޒީފާއިން ސަސްޕެންޑް ކުރުމަށް ނިންމާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
އެ ކޮމާންޑުން ކުރި ތަހުގީގަށްފަހު، މައްސަލަ ވަނީ ފުލުހުންގެ ޑިސިޕްލިނަރީ ބޯޑަށް ހުށަހަޅާފައެވެ.
މައްސަލައާ ގުޅިގެން 4 އަށްވުރެ ގިނަ ފުލުހުންގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ނިންމާފައިވާއިރު، ބައެއް މުވައްޒަފުން ވަޒީފާގެ މަގާމުން ދަށްކުރުމަށް (ޑީމޯޓްކުރުމަށް) ވެސް ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވެއެވެ.

