2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހެޅުމަށް މިއަދު 9:00 އަށް ބާއްވަން ހަމަޖެހުނު ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ މިއަދު މެންދުރުފަހު 2:00ގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އެ ޖަލްސާ އޮންނާނެ ކަން އިއުލާން ކުރެއްވީ، އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއެވެ.
މަޖިލިހުގެ އިދާރާ އިން މެމްބަރުންނަށް އަންގާފައި އޮތް ގޮތުން ނަމަ، ޖަލްސާ އޮންނާނީ މިއަދު މެންދުރު 2:00 ގައެވެ. އެ ޖަލްސާގައި އޮތީ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުން އެކަންޏެވެ. މި ބަޖެޓު މަޖިލިހަށް ހުށަހަޅުއްވައި ދެއްވާނީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.
2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅާއިރު، މި ބަޖެޓުގައި ހިމަނާނެ ބައެއް މުހިންމު ކަންކަމާ ބެހޭ ގޮތުން ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ބައެއް ޖަލްސާތަކުގައި ވާހަކަފުޅު ދައްކަވައިފައެވެ.
އެގޮތުން ރައީސް ވިދާޅުވީ ބަޖެޓްގެ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ތައުލީމާއި ސިއްހީ ދާއިރާއަށް ކަމަށެވެ.

