ވަޤުފްގެ ދާއިރާއަށް އިންވެސްޓް ކުރުމަށް އިސްލާމިކް މިނިސްޓްރީ އާއި “ބޭންކް އޮފް މޯލްޑިވްސް” ބީއެމްއެލް އާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. ސޮއިކުރައްވާފައިވަނީ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދާއި އަދި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފެވެ.
މިނިސްޓަރ ޝަހީމް ވިދާޅުވީ ވަޤުފު މަޝްރޫޢުތައް ފެށުން ލަސްވެފައި ހުރީ ފައިސާ ހަމަނުޖެހުމުންކަމަށާއި ނަމަވެސް އެކި ފަރާތްތަކުގެ އެހީއާއެކު މިފަދަ މަޝްރޫޢުތައް ފެށުމުން އިތުރު މަޝްރޫޢޫތައް ކުރިއަށްގެންދިޔުމުގެ ފުރުޞަތުތައް ލިބޭކަމަށެވެ.
އެމްއެލްއިން އިސްލާމީ އުޞޫލުން އިންވެސްޓްކުރުމަކީ މުޖުތަމައުއަށް، މުޅި ޤައުމަށް ކޮށްދެވޭ އަގުހުރި ޚިދުމަތެއް ކަމަށާއި، ޤާއިމްވެގެންދާ ވަޤުފު މަޝްރޫޢުތަކަކީ މުޅި ރާއްޖޭގެ އިސްލާމީ ޚިދުމަތާ ގުޅިފައިވާ މަޝްރޫޢޫތަކެއް ކަމަށް ވަނީ މިނިސްޓަރ ސައީދު ވިދާޅުވެފައެވެ.
ރާއްޖޭގައި އެތައް ސަތޭކަ މިސްކިތްތަކެއް އެއްފަހަރާ މަރާމާތުކުރުމަށާއި ހުރިހާ ކަމަކަށް ޚަރަދުކުރުމަކީ ދަޢުލަތުގެ ބަޖެޓަށް އެކަނި ބަރޯސާވެގެން ކުރެވޭނެ ކަންކަމެއް ނޫންކަމަށާއި މީގެ އެހެން ދާއިރަތައް ފައިސާ ހޯދުމަށްޓަކައި ހޯދަން ޖެހޭ ކަމަށާއި މާލޭގައި ޤާއިމްކުރާ މިފަދަ ތަންތަނުން މުޅިރާއްޖެއަށް ފައިދާކުރާނެ ކަމަށް މިނިސްޓަރ ޝަހީމް ވަނީ ވިދާޅުވެފައެވެ.
ބީއެމްއެލް ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ވަޤުފު އިމާރާތްތައް ތަރައްޤީކުރުމަށްޓަކައި މާލީ އެހީއާއި އިސްތިރާޖީގޮތުން އެ ބޭންކުން އެހީތެރިކަން ދިނުމަށް ނިންމާފައިވާކަމަށެވެ. މިގޮތުން ހުޅުމާލޭގައި ތަރައްޤީކުރާ “ދާރުލްސަލާމް”އާއި މާލޭގައި ތަރައްޤީކުރާ “ދާރުލްއަރްޤަމް”އަށް ބޭނުންވާ މާލީ އެހީތެރިކަން އިސްލާމީ އުޞޫލްގެ ދަށުން ހަމަޖައްސާދޭން އެހީވާނެކަމަށެވެ.
މި ފަހުމުނާމާގެ ދަށުން ބީއެމްއެލް އިސްލާމިކް އިން ވަޤުފު އިމާރާތްތައް ތަރައްޤީކުރުމަށްޓަކައި އިސްލާމީ އުޞޫލްތަކުގެ ދަށުން 350 މިލިޔަން ރުފިޔާގެ ލޯން ދިނުމަށް ނިންމާފައިވެއެވެ. މިނިސްޓަރ ވިދާޅުވީ މި މަޝްރޫޢުތައް ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލުމަށް ލަނޑުދަނޑިވެފައިވާކަމަށެވެ.
މީގެ އިތުރުން މި އެހީތެރިކަމުގެ ތެރެއިން ހުޅުމާލޭގައި 12 ފަންގިފިލާއިން ތަރައްޤީކުރާ “ދާރުލްސަލާމް” އަދި މާލޭގައި 12 ފަންގިފިލާއިން ތަރައްޤީކުރާ “ދާރުލްއަރްޤަމް” މަޝްރޫޢުތައް ހިނގާނެއެވެ. މީގެ އިތުރުން މާލޭގައި ކީރިތި ޤުރުއާނަށް ޚާއްސަ ވަޤުފް އިމާރާތެއް އެޅުމަށާއި އައްޑޫ، ފުވައްމުލައް، ތިނަދޫ، ކުޅުދުއްފުށި އަދި ގއ. ވިލިނގިލީގައި ވަޤުފް މަޝްރޫޢު ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

