އަންހެނުންގެ ސިއްޙަތަކީ ބުރައެއް ކަމުގައި ނުދެކި އެއީ ހައްގެއް ކަމުގައި ދެކެން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ “ބްރެސްޓް ކެންސަރ އެވެއާނެސް”ގެ ހަވަނަ ސިމްޕޯޒިއަމް ފައްޓަވައިދެއްވަމުންނެވެ.
ސިމްޕޯޒިއަމް ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސާޖިދާ ވިދާޅުވީ އުރަމަތީގެ ކެންސަރާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ މައިގަނޑު މަގުސަދަކީ މި ބަލި ތަހައްމަލުކުރާ އެއްވެސް އަންހެނަކު އެކަނިވެރިކަމުގައި ބަލި ތަޙައްމަލުކުރާން ޖެހިފައިވާ މީހެއްކަމަށް ނުހެދުން ކަމަށެވެ. މި ވާހަކަފުޅުގައި މެޑަމް ސާޖިދާ ވަނީ ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ ބައިވެރިވުމާއެކު ރާއްޖޭގެ ސިއްހީ ދާއިރާއިން ކެންސަރު ބައްޔާ ދެކޮޅަށް ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައި، އެބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ. އެކަމަނާ ވިދާޅުވީ ސިއްހީ ދާއިރާއިން ކުރަމުންދާ މި މަސައްކަތްތަކުގައި އެކަމަނާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން ދެއްވާނެ ކަމަށެވެ.
އެކަމަނާ ފާހަގަކުރެއްވި ގޮތުގައި ފާއިތުވި ދިހަ ވަރަަކަށް އަހަރު ތެރޭގައި އުރަމަތީގެ ކެންސަރާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ސިއްހީ ދާއިރާއިން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ގިނަ ބައެއްގެ ފުރާނަ ސަލާމަތްކުރެވިފައިވެއެވެ. އަދި ކުރިއާލައި ބަލި ދެނެގަނެވި، ބަލިން އަރައިގަތުމުގެ ފުރުސަތު ލިބި، ބަލި ތަހައްމަލުކުރާ މީހުން ބަރުދާސްކުރާ ވޭނަށް ކުޑަނަމަވެސް ތަސައްލީއެއް ހޯދައިދެވިފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ސާޖިދާ އިތުރަށް ވިދާޅުވީ އުރަމަތީގެ ކެންސަރާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ މައިގަނޑު އެއް ބޭނުމަކީ މިބަލި ތަހައްމަލުކުރާ އެއްވެސް އަންހެނަކީ އެކަނި އުޅެންޖެހޭ އެކަނިވެރިކަމުގައި އެބަލީގެ ވޭން ބަރުދާސްތުކުރަންޖެހޭނެ މީހެއް ނޫންކަން އަންގައިދިނުން ކަމަށެވެ. އެހެންކަމުން، ބަލި ތަހައްމަލުކުރާ އެއްވެސް އަންހެނަކު އެކަނިވެރިވިޔަ ނުދިނުމަކީ މި މަސައްކަތުގެ މައިގަނޑު މަގުސަދަށް ހަދަންޖެހޭނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
އެކަމަނާ އިލްތިމާސްކުރެއްވީ ދުރާލައި ބަލި ދެނެގަނެވިއްޖެނަމަ ބަލިން އަރައިގަތުމުގެ ފުރުސަތު އޮންނަކަން އާއްމުންނަށް އަންގައިދީ، ބަލި ހުރިތޯ ބަލައި ސަލާމަތްވުމަށް މަސައްކަތްކުރުމަށް ހިތްވަރުދިނުމަކީ ހޭލުންތެރިކަން އިތުރުކުރުމުގެ މުހިއްމު މަގުސަދަކަށް ހެދުމަށެވެ. އަންހެނުންގެ ހަށިގަނޑާ ސިއްހަތާ ގުޅޭ މައުލޫމާތުތައް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުމުގެ މުހިއްމުކަން ފާހަގަކުރައްވަމުން ސާޖިދާ ވިދާޅުވީ އަންހެނުންގެ ދުޅަހެޔޮކަމަކީ ބުރައެއް ކަމުގައި ނުދެކި، އެއީ ކޮންމެ އަންހެނަކަށްވެސް ލިބިފައިވާ ޙައްގެއް ކަމުގައި ބަލަންޖެހޭނެ ކަމަށެވެ.

