ނަސްރު ދުވަހުގެ މިލިޓަރީ ޑިސްޕްލޭގެ ރިހާސަލަށް މާލޭގެ ބައެއް މަގުތައް ބަންދުކޮށްފިއެވެ. ފުލުހުން މިކަން ހާމަކޮށްފައިވަނީ ސޯޝަލް މީޑިއާއަށް ދޫކޮށްލި ޕޯސްޓެއްގައެވެ.
ފުލުހުން ބުނީ ނަސްރުގެ ދުވަހު ބާއްވާ މިލިޓަރީ ޑިސްޕްލޭގެ ރިހާސަލްތަކަށް، މިއަދުން ފެށިގެން ނޮވެމްބަރު މަހުގެ ދެވަނަ ދުވަހަށް ކޮންމެ ދުވަހެއްގެ 15:30 އިން 18:00 އަށް ބައެއް މަގުތައް ބަންދުވާނެ ކަމަށެވެ. އަދި ރޭގަނޑު 23:00 ފެށިގެން ރިހާސަލް ނިމެންދެން ޓްފެކް ފްލޯއަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
ބަންދުކޮށްފައިވާ މަގުތަކުގެ ޗާޓެއް ވަނީ ފުލުހުން އާންމުކޮށްފައެވެ. އަދި އެ ޗާޓުގައިވާ ގޮތުން، އެއްގަމު އުޅަނދު ފަހަރަށް، ބޮޑުތަކުރުފާނު މަގުން ވަޅޯމަސް މާރުކޭޓާ ހިސާބުން ފެށިގެން ބީއެމްއެލް ހެޑް އޮފީހާ ހަމައަށް ބަންދެވެ. އަދި އޯކިޑް މަގުގެ އެސްޓީއޯ ޕީޕަލްސް ޗޮއިސްއާ ހިސާބުން ފެށިގެން އަމީރު އަހުމަދު މަގުން ރައީސް އޮފީހާ ހަމައަށް އެ މަގު ބަންދު އިރު، ޗާންދަނީ މަގުގެ ސީގަލް ކަންމަތިން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް ވެސް ބަންދުވާނެ ކަމަށް ފުލުހުންގެ ޗާޓްގައިވެއެވެ.

