ކުރިއަށް މިއޮތް 2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ޖުމްލަ އަދަދަކީ 64.2 ބިލިއަން ރުފިޔާ ކަމަށް ކަނޑައަޅައިފިއެވެ. މިއަދު މަޖިލިހަށް ހުށަހެޅުނު 64.2 މިލިއަން ރުފިޔާގެ ބަޖެޓުން، ހިލޭއެހީއާއި އާމްދަނީގެ ގޮތުގައި ހުމްލަ 40.2 ބިލިއަން ރުފިޔާ ލިބޭނެކަމުގައި ލަފާކުރާއިރު 49.2 ބިލިއަން ހަރަރުވާނެ ކަމުގައި ސަރުކާރުން ވަނީ ބުނެފައެވެ.
2026 ވަނަ އަހަރަށް ލަފާކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި ދެއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި ގޮތުގައި 2026 ވަނަ އަހަރަށް ހުށަހަޅާފައިވާ 64,202,565,720 (ފަސްދޮޅަސް ހަތަރު ބިލިއަން ދުއިސައްތަ ދެ މިލިއަން ފަސް ލައްކަ ފަސްދޮޅަސް ފަސް ހާސް ހަތް ސަތޭކަ ވިހި ރުފިޔާ)ގެ ބަޖެޓަކީ މިހާތަނަށް ރާއްޖޭގެ ތާރީހުގައި އަހަރަކަށް ހުށަހެޅުނު އެންމެ ބޮޑު ބަޖެޓެވެ.
ދައުލަތުގެ މާލިއްޔަތު ގާނޫނުގައިވާ ގޮތުން ކުރިއަށް އޮތް އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 31 ގެ ކުރިން މަޖިލީހަށް ހުށަހަޅަން ޖެހޭނެއެވެ. 2026 ވަނަ އަހަރުގެ ބަޖެޓު މަޖިލިހަށް ހުށަހެޅުއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.
އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ބޭރުގެ ދަރަނިތައް ދެއްކުމަށް އެކަނި 600 މިލިއަން ޑޮލަރު ވަނީ ހިމަނައިފައެވެ. ދަރަނި އަނބުރާ ދެއްކުމަށް ހިމަނާފައިވާ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ހަރަދު ނުލައި އަންނަ އަހަރުގެ ބަޖެޓަކީ 55.0 ބިލިއަން ރުފިޔާއެވެ.
"މިއީ 2021 ވަނަ އަހަރު ސަރުކާރުން އިޝޫކޮށްފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކުގެ އިތުރުން، އޭގެ ކުރިން އިޝޫކުރި 100 މިލިއަން އެމެރިކާ ޑޮލަރުގެ ބޮންޑެއް އަނބުރާ ދައްކަން ހަމަޖެހިފައިވާތީ، ދަރަނި އަނބުރާ ދެއްކުމުގެ ޚަރަދު ބޮޑުވުމުގެ ސަބަބުން އައި އިތުރުވުމެއް. މި ސަރުކާރަށް ވާރުތަވި ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދު ނުލައި މިއީ މި ހިނގާ 2025 ވަނަ އަހަރަށް ވުރެ ކުޑަ ބަޖެޓެއް،" ޒަމީރު ވިދާޅުވިއެވެ.
މި ސަރުކާރަށް ވާރުތަވި ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ހަރަދު ނުލައި ބަލާއިރު، މިއީ މިހިނގާ 2025 ވަނަ އަހަރަށް ލަފާކޮށް މިދިޔަ އަހަރު ފިނޭންސް މިނިސްޓްރީން ހުށަހެޅި 56.5 ބިލިއަން ރުފިޔާގެ ބަޖެޓަށް ވުރެ ކުޑަ ބަޖެޓެކެވެ. މެދުރާސްތާގައި ދަރަނި އަނބުރާ ދެއްކުމުގެ ޚަރަދު ކުޑަވާނެކަމަށް ބެލެވޭތީ، 2027 ވަނަ އަހަރު 56.8 ބިލިއަން ރުފިޔާ އަދި 2028 ވަނަ އަހަރު 57.0 ބިލިއަން ރުފިޔާއަށް ދައުލަތުގެ ބަޖެޓު ދަށްވާނެކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފައިވެއެވެ.
އަންނަ އަހަރުގެ ބަޖެޓުގެ ޖުމްލަ ހަރަދަކީ 49.2 ބިލިއަން ރުފިޔާކަމަށާއި، އެއީ މި އަހަރު ހިނގާނެ ކަމަށް ބަޖެޓުގައި އަންދާޒާކުރި މިންވަރަށްވުރެ 11 އިންސައްތަ އިތުރު މިންވަރެއް ކަމުގައި ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.

