ސަރުކާރުން އަންނަ 2026 ވަނަ އަހަރަށް ލަފާކޮށް ހުށައެޅި ބަޖެޓަކީ މިހިންގާ 2025 ވަނަ އަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި ބަޖެޓާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ 64.2 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ.
ރައީސް ވިދާޅުވީ ބަޖެޓްގައި ހިމަނާފައިވާ 9.3 ބިލިޔަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ހަރަދާއި ނުލައި 2026 ވަނަ އަހަރުގެ ބަޖެޓަކީ 55 ބިލިޔަން ރުފިޔާކަމަށެވެ. އެހެންކަމުން މިއީ 2025 ވަނަ އަހަރަށްވުރެ ކުޑަ ބަޖެޓެއްކަމަށް ރައީސް ވިދާޅުވިއެވެ.
ޚަރަދުގެ ގޮތުގައި ހިނގާނީ 49.2 ބިލިޔަން ރުފިޔާކަމަށް ވަނީ ހިމަނާފައިވާއިރު އަންނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރަނީ 40.4 ބިލިޔަން ރުފިޔާކަމަށް ބަޖެޓްގައި ވަނީ ހިމަނާފައެވެ.
2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓަކީ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަކުރުމަށް ގިނަ ފިޔަވަޅުތަކެއް ހިމަނާފައިވާ ބަޖެޓެކެވެ. 2026 ވަނަ އަހަރު އިގުތިޞާދީ ދުވެލި 5.3 ޕަސެންޓު ކުރިއަރާނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.

