ފަތް ޖެހުނު ގޯޅި — 1 ވަނަ ބައި
ދުރުން ފެންނަން ހުރި ފަރުބަދަތަކުގެ މަތިން އުދުހެމުންދާ ވިލާގަނޑުތައް ބޮޑެތި ކަފަގަނޑުތަކެއްހެން އެއްވެފައި، އޭގެ ހިޔަނި އެޅިފައި ހުރިއިރު، މާހައުލުގެ ޤުދުރަތީ ރީތިކަން ހައިރާންވާހާ ފުރިހަމަވެފައި ހިތްގައިމެވެ. ދުވާލުގެ މިގަޑީގައި މިހިސާބުގަނޑު ފެންނަނީ އަޖައިބެއްހާ ފެހިކަން ގަދަ ރީތި ގޮތެއްގައެވެ. މާދުރަށް ފެތުރިފައިވާ ޖަންގަލީގެ އާރޯފެހިކަން ގަދަ ގަސްތަކާއި ހެދިފައިވާ ނަލަ ވިނަތަކުގެ ޤުދްރަތީ ރީތިކަން އަޖައިބެއްފަދައެވެ. ޖެހޭ ފިނިރޯޅިތަކުގެ އަސަރުން ހީކަރުވާނެކަން އެނގޭތީވެ އޭނާ ލައިގެން ހުރީ ކަންބަޅި ވޫލުން، ވިޔެފައިވާ ކަރުބެއްދި މަޑު މުށިކުލައިގެ، ވަރަށް ރީތި ސުވެޓަރއެކެވެ. މާހަޢުލު ފިނިގަދަކަމުން ނޭވާލާ ކޮންމެ ފަހަަރަކު ދުންފިނީގެ އަސަރުން ފުސްކޮށްލައެވެ.
ލީލާ އަކީ ދުޅަހެޔޮ ބަލައިލާން ރީތި އަންހެނެކެވެ. މީގެ އަހަރުތަކެއް ކުރީން، ލީލާ އޭނާގެ ދިރިއުޅުން ސުވިޒެލޭންޑަށް ބަދަލު ކުރީ، ދިރިއުޅުމުގައި ކުއްލިއަކަށް ދިމާވި އަޑިގުޑަންގަނޑަކުން އަރައިނުގަނެވި، އޭނާގެ މައިންބަފައިންގެ އެދުމުގެ މަތީން އައު ފެށުމަކުން ދިރިއުޅުން ބިނާ ކުރާށެވެ. މިތަނުގައި ލީލާގެ ވަޒީފާއަކީ ހަމައެކަނި ކުރަހާ ޓީޗަރެއްގެ ވަޒީފާއެއް ނޫނެވެ. އޭގެ އިތުރުން އޭނާއަކީ ގިނަ ދަރިވަރުންތަކެއްގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ ލެކްޗަރާ އެއްވެސްމެއެވެ. އޭނާގެ ބެލުމުގެ ދަށުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އައިސް ތިބި އެކި އުމުރުގެ ދަރިވަރުންނާ އެބަތިއްބެވެ.
އާދައިގެ މަތިން ކޮންމެ ދުވަހަކުވެސް ލީލާގެ ދުވަސް ފެށެނީ އޭނާގެ ފިރިހެން ދަރިފުޅު ރިޝްވާނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށް، ނާސްތާ ކުރުވައިގެން ގެންދަނީ ކޮލެޖަށް ގެންދިއުމާ ހަމައިންނެވެ. ދަރިފުޅު ކޮލެޖަށް ލުމަށްފަހު ހަލުވި ދުވެއްޔެއްގައި އޭނާގެ ކާރު ހައިވޭމަގުން ދަތުރުކޮށްފައި މިސްރާބު ޖަހަނީ އޭނާ މަސައްކަތްކުރާ އާރޓް ގެެލެރީ ހުންނަ މެއިން އިންޓަރނޭޝަނަލް "އާރޓ ސޯލް" ސެންޓަރަށެވެ. އެތަނަށް ވަދެގެން އަންނައިރުގައި ފާރުތަކުގައާއި އެކި ދިމަދިމާލުގައި ތަފާތު ކުރެހުންތައް ބަހައްޓާފައި ހުރެއެވެ.
އަބަދުވެސް ވަރަށް ނަލަކޮށް ހިނިތުންވެފައި ހުންނަ ލީލާ އަކީ މީހެއްގެ އަނތްބެއްކަން ގައިމެވެ. ނަމަވެސް ލީލާގެ ހިތަށް ބައެއްފަހަރު ކުރެވޭ އޮޅުން ބޮޅުން އިހުސާސްތަކެއް ހުންނަކަމީވެސް ހަގީގަތެކެވެ. ބައެއްފަހަރު ލީލާގެ ފިކުރު ހުސްވަނީ އޭނާއަކީ މީހެއްގެ އަނތްބެއް ކަމުގެ އިހުސާސުގައި ކަމަށް ވާނަމަ އަނެއްބައި ފަހަރު އޭނާގެ ހިއްސުތަކަށް އޭނާގެ އަމިއްލަ ހިތް އިންޒާރު ދެނީ އޭނާއަކީ "ހުސްހަށިބައި އަންހެނެއް" ކަމުގެ ހިޔާލެވެ. ކޮންމެއަކަސް ބޭރުފުށުން ނުހަނު ނަލަކޮށް ހެވިފައި ހުންނަ އުފާވެރިކަމަށް ފެންނަ ލީލާގެ ހިތާއި އެތެރެހަށީގެ އިހުސާސްތައް ވަނީ "ހުސްހަށިބައި މީހެއް. ހުސްހަށިބައި މީހެއް ނޫން،" މި ދެމެދުގައި ޚިޔާލުތައް ބަދެވިފައި ހުންނަފަދަ އިޙްސާސެކެވެ.
ދަންނަ މީހަކަސް ނުދަންނަ މީހަކަށް ވެސް ނަލަ ހިނިތުންވުމެއްދޭ ހިތްހެޔޮ މިޒާޖެއްގެ އަންހެނެއްކަމުން މީހުން އޭނާއަށް ޤަދަރުކުރަނީ އެހާމެ މަތީދަރަޖަ އަކަށެވެ.
ކުއްލިއަކަށް ލީލާގެ ގައިގާ މީހަކު ޖެހިގެންފިއެވެ.
ސިހިގެން ގޮސްފައި އޭނާ އެނބުރިލިއެވެ. އެމީހެއްގެ އަތުގައި ހުރި ލިޔެކިޔުންތައް ވެއްޓުނުތަން ފެނުމުން އަވަސް އަވަހަށް މައާފަށް އެދެމުން އެކަރުދާސްތައް ނަގަން ގުދުވެލިއެވެ.
"އައި އޭމް ސޯސޮރީ. މައި މިސްޓޭކް." ބުނެލުމާއެކު ލީލާ ލިޔުންތައް ދިއްކޮށްލީ ކުރިމަތީގައި ހުރި އަލަށް ފެނުނު އަންހެންމީހާގެ އަތަށެވެ. މިއީ މިއަދު މިތަނަށް އަލަށް މަސައްކަތް ކުރަން އިންޑިއާއިން އައި ސަދުމާއެވެ.
ސަދުމާ، ލީލާ ދިއްކޮށްލި ލިޔުންތަކުގައި ހިފިއެވެ. ސަދުމާއާ ކުޑަކޮށް ވާހަކަ ދައްކާލުމުން ލީލާއަށް މިއީ އޭނާގެ ކްލާހަށް އަލަށް އައި ދަރިވަރެއްކަން އެނގުނެވެ. އަލަށް ކުލާހަށް ނުކުންނަން ޖެހޭތީވެ ކުޑަކޮށް ކަންބޮޑުވެފައި ހުރި ސަދުމާއަށް ވެސް މިއީ އޭނާގެ ލެކްޗަރާކަން އެނގުމުން ހަމަޖެހުމެއް ލިބުނެވެ.
މިއަދުވެސް ވީ އެހެން ދުވަސްތަކޭ އެއްގޮތަށް ބުރަ ދުވަހަކަށެވެ. އެއް ކްލާހުން އަނެއް ކްލާހަށް ކިޔަވައި ދިނުމުގައި ލީލާ އޭނާގެ ދުވަސް ހޭދަކޮށްލީ އެއްވެސް ވަރުބަލިކަމަކަށް ހުސްވަގުތެއް ނުނަގައެވެ. ބުރަ ދުވަހެއްގެ މަސައްކަތް ނިންމާލުމަށް ފަހު ދަރިފުޅު ގޮވައިގެން ގެއަށް ދިޔަ މަގުމަތީގައި ލީލާ ދަރިފުޅާއެކު ކުޑަކޮށް ވިޔަފާރިވެސް ކުރިއެވެ.
ގެއަށް އާދެވުމާއެކުގައިހެން ވަރުބަލިވެފައި ހުރިވަރުން ސޯފާގައި އޮށޯވެލިއެވެ. އެހެން އޮވެ އިނގިލީގައި އަޅާފައި އޮޮތް ދެ އަނގޮޓިއަށް ބަލާލުމަށް ފަހު ލޯމަރާލިއެވެ. އެތަނުން އެއް އަނގޮޓީގައި ހަރުކޮށްފައި ހުރީ ވިދުންގަދަ ޖަވާހިރެކެވެ. އަނެއް އަނގޮޓިއަކީ ޚާލިސް ރަނުން އޮތް އަނގޮޓިއެކެވެ. އެއްވެސް ޖަވާހިރެއް ނުވަތަ އެއްވެސް ކަހަލަ އެހެއް ހަރުކޮށްފައެއް ނެތެވެ. އެއީ ފެންނަ ފެނުމަށް އާދައިގެ ރަން އަނގޮޓިއެކެވެ. އެކަމަކު މި ރަން އަނގޮޓިއަކީ އޭނާގެ މާޒީގެ އެއްބާބު ލައްޕާލުމަށްފަހު އިނގިލީގައި އެޅުވުނު އައު ފެށުމެއްގެ ނިޝާނެކެވެ. ކޮންމެގޮތަކަށް ކަންތައް ވެފައިއޮތަސް އޭނާ ދުވަހަކުވެސް މި ދެ އަނގޮޓި އޭނާގެ އިނގިލިތަކުން ނަގާކަށް ގަސްތެއް ނުކުރެއެވެ. މިއިން އޭނާއަށް ހިތްދަތިކަން އަދި އުފާވެރި ކަންވެސް ގެނައުވެ. އެންމެ ބޮޑު ސިއްރަކީ ދަރިފުޅު ރިޝްވާނަކީ މި ދެ އަނގޮޓި ކުރެން އެއް އަނގޮޓީގެ ސަބަބުން އޭނާއަށް ލިބުނު ހިތުގެ ފިނިކަމާއި ހިތްހަމަޖެހުން ކަމަށް ވީމައެވެ. ކަން އެހެން އޮތް އިރު ހަމަ އަނެއްކޮޅުން އޭނާއަށް މަންމައަކަށްވުމުގެ ފަޚުރު ދިން ދަރިފުޅުގެ ސަބަބުން ހިތަށް ފިނިކަން ލިބުނެއްކަމަކު މި ޖަވާހިރު ޖެހި އެނގޮޓިއަކީ، އޭނާގެ މުޅި ޙަޔާތަށް އިންގިލާބެއް ގެނައި ހިތާމައާއި ހިތްދަތިކަން ދިން ބޭވަފާތެރިޔާގެ ނިޝާންވެސްމެއެވެ. އެ ހަނދާން އާވުމުން ހިތަށް ތަދުވެއެވެ. އެކަމަކު ކުރިމަތީގައި ސިޓިންގް ރޫމުގައި ނުހަނު ގަޔާވެފައި ޓީވީ ގޭމް ކުޅެން އިން ފިރިހެން ދަރިފުޅު ފެނިފައި އޭނާގެ ހިތަށް ހަމަޖެހުން ލިބެއެވެ. ނިމިދިޔަ މާޒީއަކީ ވެނިމިފައި އޮތް ކަމެއްކަން ހިތުގެ އަޑިން ޤަބޫލުކޮށް އެ ދުވަސްތަކާއި ރުޅިއާއި ނަފުރަތާއި ހިތާމައިން މަސްހުނިވެފައިވާ އިހުސާސްތަކެއް ކުރުވާ ބޭވަފާތެރިޔާ ވެސް އޭނާގެ ހަޔާތުން ފޮހެލުމަށް ހިތަށް އަރުވާލަނީއެވެ. އެެއްއިރެއްގައި އޭނާގެ ލޮލުން ފޭބީ ހިތާމައާއި ރިހުމުން ފުރިފައިވީ ލޭކަރުނަ ކަމަށްވިއަސް މިއަދު އޭނާގެ ލޮލުން ފައިބާ ކޮންމެ ކަރުނަ ތިއްކަކީ، ނަފްރަތުގެ އަނގުރުން ދޮންވެފައިވާ އޭނާގެ އަނދައަނދާ އޮތް ހިތުގެ ލޮލުން އޮހޭ ވިހަކަރުނަތަކެވެ. ލީލާ ދުވަހަކުވެސް އެ ބޭވަފާތެރިޔާއަށް މާފެއް ނުކުރާނެއެވެ. ނުވެސް ކުރެވޭނެއެވެ.
ލީލާ އަނެއްކާވެސް އަމިއްލަ ނަފުސު ހަމައަކަށް އަޅުވައިލަމުން ހިތްހަމަޖެހުމުގެ ނޭވާއެއް ލިއެވެ. އަދި އިނގިލީގައި އަޅާފައިވާ އަލިމަސް އަނގޮޓިއަށް ފުން ނަޒަރަކުން ބަލާލުމާއެކު ލޯ މަރާލިއެވެ.
ދެން ލޯހުޅުވާލީ އައު ދުވަހެއް ފެށުނު އިޙްސާސަކުންނެވެ. އިތުރަށް ހިތްހަމަ ޖައްސާލީ އޭނާގެ އަދުގެ ހަޔާތުގެ ބައިވެރިޔާ ސިރާޖުގެ އޯގާތެރިކަމާއި ހެޔޮކަން ހިތަށް އެރުމުންނެވެ.
ސިރާޖަކީ ޕާކިސްތާނަށް އުފަން މީހަކަސް ފުރަތަމަ ލީލާ އާ ބައްދަލުވީ ސްވިޒްލޭންޑަށް ބަދަލުވި ފަހުންނެވެ. ސިރާޖަކީ ވިޔަފާރިވެރިއެއް ކަމުން ވަރަށް ބިޒީ ދިރިއުޅުމެއް އުޅޭ މީހަކަށް ވިއަސް އޭނާގެ އަނބިމީހާއާއި ދޮންދަރިފުޅަށް ދޭންޖެހޭ ވަގުތާއި ހާއްސަކަމަށް އެއްވެސް އުނިކަމެއް ނެތެވެ. މި އަޅާލުމާއި އޯގާތެރިކަން އޭނާއަށް ލިބުނީ ސިރާޖު ފަރާތުންވިއަސް އަދިވެސް އޭނާ ހިތުގައި އެ ބޭވަފާތެރިވި އަނިޔާވެރިވި އޭނާގެ ފުރަތަމަ ކައިވެނި ކުރި އަލަތުފިރިމީހާގެ ހަނދާންތަކުން ބައެއް ފަހަރު އަމިއްލަ ނަފްސަށް ރުޅިގަދަވުމާއި ދެރަވާފަހަރުތައް މަދެއްނޫނެވެ.
ބޭނުން ނުވިނަމަވެސް ލީލާއަށް، އޭނާގެ އަލަތު ފިރިމީހާ އެގޮތަށް ކަންތައް ކުރީ ކީއްވެގެންތޯ ހިތާހިތާ ސުވާލުކުރެވެއެވެ. ނޭނގި ނަމަވެސް އޭނާއަށް ކުރެވުނީ ކޮންކުށެއްހެއްޔެވެ؟ ވިސްނާފިކުރުކޮށް އެކަމެއްގެ ސުވާލުގެ ޖަވާބު އަދިވެސް އޭނާއަކަށް ދެނެގެންނާކަށް ނުއެނގުނެވެ. ބައެއް ފަހަރު އޭނާ ފިކުރުތައް ގިނަވުމުން ރުޅިގަދަވަނީ އޭނާއަށް އޮޅުވާލާފައި އަލަތުފިރިމީހާ އޭނާއާއި ދަރިފުޅަށް ކެހިދީފައި ފިލައިގެން މި ދެމައިން އަބަދަށް ދޫކޮށްލާފައި ވަކިވެގެން ދިޔުމުންނެވެ.
ހަފުތާއެއް ފަހުން ކުލާހަށް ލީލާ ދިޔައީ އާދައިގެ މަތިން އޭނާގެ ތާޒާ މޫނާއި ހިނތުންވުމާއެކުގައެވެ. ކްލާހުގައި ކިޔަވާދޭން ހުރި ލީލާއަށް އެއްލި ކަޅިއަކުން ލޮލުގައި އަޅައިގަތީ މި ކްލާހާ އަލަށް ގުޅުނު ސަދުމާއެވެ. ސަދުމާ އިނ އިނީ ކަމަކަށް ގެއްލިފައި ކަހަލަ ގޮތަކަށެވެ. އެހެނަސް އެހެން ދަރިވަރުންގެ ކުރިމަތީގައި ލީލާ ސަދުމާއާ ސުވާލުކުރާކަށް ބޭނުން ނުވިއެވެ. ސަބަބަކީ އޭނާގެ އަމިއްލަ ކަމެއްގައި ވިސްނާފިކުރު ކުރާކަމަށް ވަންޏާ އެހެން މީހުންނަށް އެނގުން މިއީ ރަނގަޅުކަމަކަށް ނުވެދާނެތީއެވެ.
ކްލާސް ގަޑިނިމުމުން ސަދުމާ އޭނާގެ ފޮތްދަބަސް ކޮނޑުއަޅުވާލައި ހިނގައިގަތެވެ. ފަހަތުން ގޮސް ލީލާ ސަދުމާއަށް ގޮވާލިއެވެ. މަޑުމޮޅި ހިނިތުންވެލުމަކާއެކު ސަދުމާއާ ވާހަކަ ދައްކައި ވެގެން އުޅޭ ގޮތް އޮޅުން ފިލުވުމުން އެނގުނީ ސަދުމާއަކީ ސްވިޒްލޭންޑަށް ކިޔަވަން އައިސް ހުރި ކުއްޖަކަށް ވިއަސް އޭނާގެ އިންޑިއާގައި ދިރިއުޅޭ މައިންބަފައިންގެ ހާލު އެހާ ރަނގަޅު ނޫންކަމެވެ. ލީލާ ސަދުމާއާ ކުޑަކޮށް ވާހަކަ ދައްކާލަން މަޑުކޮށްލައިގެން ތިބީ، އެތާނގައި ހުންނަ ބޮޑު ކެންޓީނު ސަރަހައްދުގައި ވަށައިގެން ފެންއަރުވާ ވަޑާމެއްހުރި ބަގީޗާއެއްގައި ހުރި ހިތްގައިމު މާޙައުލެއްގައެވެ.
ސަދުމާއަކީ ލީލާގެ ފިރިހެންދަރިފުޅަށް ވުރެ ފަސްވަރަކަށް އަހަރު ހަގުކުއްޖެކެވެ. އޭނާއަށް މިތަނަށް މި ކޯހުގައި ބައިވެރިވާން ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ހިފީ އޭނާއަށް މުސްތަޤްބަލު އުޖާލާކޮށް ދިރިއުޅުން ކުރިއަށް ވުރެ ތަނަވަސް ދުވަސްތަކެއް ހޯދުމުގެ ނިޔަތުގައި ރަނގަޅަށް ކުރެހުމުގެ ދާޢިރާއިން ކިޔަވާށެވެ. ސަދުމާ ކިޔައިދިން ވާހަކަތަކުން ލީލާއަށް އެނގުނީ މިއީ އާދައިގެ ޢާއިލާއަކުން އައިސް ހުރި ކުއްޖެއްކަމެވެ. ސަދުމާގެ މަންމަ ރެއާދުވާލު ކުކުޅު ބިހުގެ ވިޔަފާރި ކުރާ ފެކްޓްރީއެއްގައި މަސައްކަތް ކުރަނީ ސަދުމާގެ ނުކުޅެދޭހާލުގައި އޮތް ބަލި ބައްޕައަށް އެހީވުމުގެ ގޮތުންނާއި ސަދުމާއަށް ރަނގަޅު ތައުލީމެއް ހޯދައިދިނުމަށްޓަކައި އާމްދަނީ ހޯދުމަށްޓަކައެވެ. މީގެ ދެ އަހަރު ކުރީގައި އޭނާ ބައްޕަ ބަލިވުމުން މަންމައަށް މަޖްބޫރުވީ ހިތްވަރުކޮށްފައި ބުރަމަސައްކަތް ކުރާށެވެ.
ކޮންމެ މަންމައަކާއި ބައްޕައެއްގެވެސް ހުވަފެނަކީވެސް އެމީހުންގެ ދަރިން އެންމެ މަތީ ދަރަޖައަށް ތަޢުލީމު ހާސިލުކުރަން ކަމަށް ވާތީވެ ސަދުމާއަށް ކިޔެވުމުގެ ފުރުސަތު ހޯދާދިނީ އޭނާގެ މަންމަ އާބިދާ ރެއާދުވާލު ބިސްފެކްޓްރީގައި މިންނަތް ބުރަމަސައްކަތް ކޮށްގެނެވެ. މި ހުރިހާ ވާހަކަތަކެއް އަޑު އަހާފައި ލީލާ ހިތުގައި ސަދުމާއަށް ނުހަނު އޯގާތެރިކަމެއް އުފެދި ހިތްވަރުދިނެވެ. އެދުވަހުގެ ފަހުން ލީލާއާއި ސަދުމާއާ ދެމެދު އޮންނަނީ ލެކްޗަރަރ އަކާއި ދަރިވަރެއްގެ ގުޅުމަށްވުރެ ހެޔޮލަފާ ގާތް ގުޅުމެކެވެ.
އަހަރު ނިމެން ގާތްވެފައި ވާތީވެ ތިންމަސް ދުވަހުގެ ޗުއްޓީއަށް ސަދުމާ އިންޑިއާއަށް ދާން ބޭނުންވި ވާހަކަ އީމެއިަަަަަަަަަަަަަަަަަަަަލްއަކުން ލީލާއަށް އެންގިއެވެ. އިއްތިފާޤުން ކަންތައް ވީގޮތުން ލީލާވެސް އޭނާގެ ފިރިމީހާއާއި ދަރިފުޅު ގޮވައިގެން އިންޑިއާއަށް ދާން އޮތީ ހަމަޖެހިފައެވެ. މިކުޑަ ޢާއިލާ އޭނާގެ ބޭބެ އިޤްބާލުގެ ޢާއިލާއާ ބައްދަލުކުރަން ދާން ބޭނުންވެފައި ވާތީ، އެކަމަށް މި ޗުއްޓި ދަތުރު ރޭވީއެވެ. ކަންދިމާކުރި ގޮތުން ސަދުމާއާއި ލީލާމެނަށް ދަތުރު ހަމަޖެހުނީ އެއް ފްލައިޓަކުން ކަމަށްވުމުން މި ދަތުރަކީ ހިތްހަމަޖެހޭ ދަތުރަކަށް ވާނެކަމަށް ލީލާ އުއްމީދު ކުރިއެވެ. އޭނާ ފްލައިޓުގައި އިނދެފައި ޖެހިގެން އިން ސީޓުގައި އިން ރިޝްވާނަށް، ނުހަނު ލޯތްބާއެކު ހިނިތުންވެލަމުން ބަލައިލިއެވެ. ދަރިފުޅާ ޖެހިގެން އިން ގޮނޑީގައި ސިރާޖު އިނީ ކަންފަތުގައި ހެޑްފޯނު އަޅައިގެން ކޮންމެވެސް ޚަބަރެއް އަޑުއަހާށެވެ. ލީލާއަށް ހިތްހަމަޖެހުން ލިބުނީ ރިޝްވާނަކީ ސިރާޖުގެ ދޮންދަރިފުޅަށް ވިއަސް މި ދެބަފައިންނަކީ ވަރަށް ގުޅޭ މަޖާ ސަކަމިޖާޒުގެ ދެ މިތުރުންނަށް ވީމައެވެ. ރިޝްވާނަށް އޭނާއަށް ބައްޕައެއްގެ ލޯބި ލިބުނީ ސިރާޖުގެ ފަރާތުންވީމައި އޭނާގެ އަސްލުބައްޕައަކީ ކާކުކަން އޮޅުން ފިލުވާކަށް ބޭނުންނުވެއެވެ.
އަދި ލީލާއަށް ރަނގަޅީވެސް މި ގޮތެވެ. ރިޝްވާނަށް އޭނާގެ އަސްލު ބައްޕައަކީ ކާކުކަން ލޮލަށް ފެނުނަސް ނޭނގޭނީ އެއީ އޭނާ ދުވަހަކުވެސް ދުށްމީހަކަށް ނުވީމައެވެ. އޭނާއަށް ބައްޕަ ސޫރަސިފަވާ ފޮޓޯގަނޑެއްހާ ހިސާބުވެސް އަދާހަމައަށް ލީލާ ދައްކާފައިނުވާތީ ރިޝްވާނަށް އޭނާގެ އުފަން ބައްޕައަކީ ކާކުކަން އެނގޭނީ ކިހިނެއްޔެވެ.
ދަތުރުކުރަމުން ދިޔަ ބޯޓަށް ކުޑަ ގުޑުމެއް ވިއެވެ. ލީލާ ފުން ނޭވާއަކަށް ފަހު ނަޒަރުހިންގާލީ އޭނާ އިން ސީޓު ކުރިއަށް އަރިމައްޗަށް އިން ގޮނޑީގައި ވާހަކަ ފޮތެއް ހިފައިގެން އިން ސަދުމާއަށެވެ. ސަދުމާ ފެނިފައި ލީލާގެ ހިތަށް އެރިއެވެ. މިއަންހެންކުއްޖާ ފަދަ ހިތްވަރުގަދަ ކުއްޖަކަށް އޭނާގެ ފިރިހެން ދަރިފުޅު ވާނެނަމަވެ. އެހާ ޅަ އުމުރެއްގައި މައިންބަފައިންނާ ވަކިން އެހެން ޤައުމުތަކަށް އެކަނި ދަތުރުފަތުރު ކުރެވޭނީ ވަރަށް ހިތްވަރުގަދަ ކެރޭ ކުދިންނަށް ކަން އޭނާއަށް ވިސްނުނެވެ. ސަދުމާގެ ހަޔާތުގައި ވެފައިވާ ކުޑަ ތަފްސީލަކަށް ވިސްނާލިއަސް ލީލާ ބައިވަރު އެއްޗެހި ހިތަށް އަރައެވެ. އެއީ ކީއްވެ ކަމެއް ނޭނގުނަސް އެކުއްޖާއާ ދޭތެރޭގައި ލީލާާއަށް ކޮންމެވެސް ކަހަލަ ގާތްކަމެއް އިހުސާސް ކުރެވެނީއެވެ. ސަދުމާ ފެންނަ ކޮންމެ ފަހަރަކު އެއީ އަމިއްލަ ދަރިއެކޭ އޭނާއަށް އިޙްސާސް ކުރެވެނީ ކީއްވެގެން ކަމެއް ނޭނގެއެވެ. ވިލާތައް ކަފަމުން ދަތުރުކުރަމުން ދިޔަ މަތިންދާބޯޓު ދުވެލި މަޑުވެ ހުއްޓުނީ އެރޭގެ ދަންވަރު ވަގުތެއްގައެވެ. ދިގު ދަތުރުގެ ވަރުބަލިކަމާއެކު ހަށިގަނޑު ދަމާލުމަށްފަހު ބޯޓުން ފައިބަން ލީލާވެސް ތައްޔާރުވެލިއެވެ.
ލީލާމެން ދަރިފުޅު ގޮވައިގެން އެއަރޕޯޓުން ނިކުމެފައި ސަދުމާއަށް ސަލާމް ކޮށްލިއެވެ. އިންޑިއާއިން ފުރުމުގެ ކުރީން އޭނާއާ ބައްދަލުވާނެ ކަމަށް ބުނެފައި ދެފަރާތުން މޮބައިލް ނަންބަރު ބަދަލުކޮށްލއެވެ. ހިނިތުންވެފައި ހުރި ސަދުމާ އޭނާގެ ލަގޭޖް ހިފައިގެން ބަހަށް އަރައިގެން އަތް ހޫރަމުން ދިޔަ މަންޒަރު ބަލަން ހުރިއިރު ނޭނގިނަމަވެސް ސަދުމާއާ މެދު ބުނެދޭން ނޭނގޭފަދަ މައިވަންތަ ކުލުނު ހިތުގައި އުފެދުނެވެ.
ދުވަސްތައް ފާއިތުވީ ވަރަށްވެސް އުފަލާއި ހަމަޖެހުމާއެކުގައިއެވެ. މި ދަތުރުގައި އިޤްބާލުގެ ދެމައިންވެސް ލީލާއާ އެކުގައި އިންޑިއާގެ އާގަރާ ދަތުރުއޮތީ ހަަމަޖެހިފައެވެ. ތާޖް މަހާލް ބަލާލުމަށްޓަކައެވެ. މި ދަތުރުގައި އޭނާ ސަދުމާއަށް ގުޅާލައި އާގަރާއަށް ދިޔުމުގެ ކުރިން ޚަބަރުވިއެވެ. ސަދުމާ ދިރިއުޅެނީ އާގަރާގައި ވުުމުން އައު މެހެމާނުންނަށް މަރުޙަބާ ކިޔުމުގެ ގޮތުން ސަދުމާ ހުރީ ވަރަށް ފުރިހަމަކޮށް އޭނާ ގޭގައި ލީލާގެ ދެމަފިރިންނާއި ރިޝްވާނަށް ހުރެވޭނެގޮތް ހަމަޖައްސާދީފައެވެ.
ލީލާ ސަދުމާގެއަށް ދާން ޓެކްސީއަށް އެރީ އޭނާއަށް ހަދިޔާވެސް ހިފައިގެނެވެ. އެދުވަހު ކަންދިމާވި ގޮތުން އިޤްބާލަށް ޖެހުނީ އޭނާގެ އަންހެނުން ކުޑަކޮށް ބަލިވެ އުޅޭތީ ހޮޓެލްގައި މަޑުކުރާށެވެ. ޓެކްސީގައި ދުއްވާފައި ދިޔަވަގުތު ކާރު ބިއްލޫރިގަނޑުން ބޭރަށް ފެންނަން ހުރި މަންޒަރުތައް ފެނިފައި އޭނާގެ މާޒީ ސިކުނޑިތެރޭގައި ބިޔަ ރާޅެއް ޖެހިފަދައިން ބަންޑުންވީ އެ ހަނދާންތަކާއި އެކުގައި ހިތަށް ތަދުވަމުންނެވެ. އޭރުގައި އޭނާގެ އަލަތު ފިރިމީހާއާއި އެކުގައި މަޖާކުރަން އިންޑިއާގެ ތާޖްމަހަލް ބަލަން އައި ދުވަސްތަކުގައި އެ ދެމީހުންގެ ލޯތްބަކީ ޝާހްޖަހާންއާއި މުމްތާޒްގެ ލޯތްބައް ވުރެ ދުވަހަކުވެސް ވަކިނުވާނެ ވަރުގަދަ ލޯތްބަކަށް ބުނަމުން އޭނާ އިނގިލީގައި މި ލޯބީގެ ނިޝާނަކަށް ޖަވާހިރު ޖެހި ރީތި ރަން އަނގޮޓިއެއް އެޅުވި މި ހަނދާނަކީ އޭނާއަށް ހިތުން ފިލައިގެން ދާނެކަމެއްނޫނެވެ. އެ ދުވަސްތަކީ އަދު އޭނާ ކުރިއަށް މިސްރާބު ޖެހިވަރަކަށް މާޒީ ފަހަތައް ގޮސް ގެއްލޭކަމެކެވެ. މި ކުރެވޭ ދަތުރު ވައިރޯޅިއެއްހެން ކުރިއަށް ދިޔަ ވަރަކަށް ފަހަތުން ފެންނަމުން ދިޔަމަންޒަރުތައް ލޮލަށް ވަންހަނާ ވެގެންދާ ފަދައިން ގެއްލިފައިވާ ކަމެކެވެ.
(ނުނިމޭ – ބާކީ – އަންގާރަ ދުވަހު)

