މ. މުއިވެޔޮދޮށުގެ (ބޮޑުގެ) ސަރަހައްދުގައި އަލަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ޒަމާނީ މިސްކިތެއް ކަމަށްވާ މަސްޖިދުއްދަޢުވާގެ ބިންގާ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވައިދެއްވައިފިއެވެ. އެމަނިކުފާނު ބިންގާ އަޅުއްވާފައިވަނީ އެކަމަށްޓަކައި މިއަދު އެ ސަރަޙައްދުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.
އެ ރަސްމިއްޔާތުގައި ދަޢުލަތުގެ އިސްވެރިންނާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑަައިގެންނަވާފައެވެ.
ބޮޑުގެ ބިމުގައި ބިނާކުރަނީ، 1250 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ގޮތަށް 4 ފަންގިފިލާގެ ދާއިމީ މިސްކިތެކެވެ. މި މިސްކިތުގައި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެވޭނެ އިންތިޒާމް ޤާއިމް ކުރުމަށް ހަމަޖެހިފައިވާއިރު، އެފަދަ ފަރާތްތަކަށް ބޭނުންކުރެވޭނެ ފާޚާނާ އަދި ވުޟޫ ކުރާ ސަރަޙައްދު ޤާއިމް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މިސްކިތުގެ ދެވަނަ ބުރީގައި 150 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލަކާއި، ޒަަމާނީ ކްލާސްރޫމްތަކެއްގެ އިތުރުން ލައިބްރަރީއަކާއި، އެޑްމިން އޮފީސް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢު ނިންމުމަށް ދީފައިވަނީ، 540 ދުވަހުގެ މުއްދަތެކެވެ.

