އާއިލާއެއްގެ ޒިންމާ ނަގަމުން އައި ހީވާގި އަންހެނެއްގެ ދެއަތާއި ދެފައި ނުކުޅެދޭ ހާލަތަކަށް ގޮސް އެނދުމަތިވުމަކީ އިހުސާސް ކުރަން ފަސޭހަ ނޫން ތަކުލީފެކެވެ. ތ. ތިމަރަފުށީ، 39 އަހަރުގެ އައިޝަތު މޫސާ އަކީ އުފުލަމުން އެދަނީ މިދެންނެވިފަދަ ތަކުލީފަކާއެކު ގައިގައި އަޅަމުންދާ މެދުކެނޑުމެއްނެތް ބަދަލެއް ނާންނަ ވޭނީ ރިހުންތަކެކެވެ. ސެޕްސިސް އަކީ ދުލުން ކިޔާލަން ފަސޭހަ ވިޔަސް އެބައްޔެއްގެ ވޭން ބޮޑު ރިހުން ވަރުގަދަ އަދި ފަރުވާ އެހާމެ އުނދަގޫ ބައްޔެކެވެ. އައިޝަތު މޫސާގެ ބައްޔަކީ ސެޕްސިސް އެވެ. ސެޕްސިސްއަކީ ހަށިގަނޑަށް ކުރިމަތިވާ އިންފެކްޝަންއަކާ ހަނގުރާމަ ކުރުމުގެ ބަދަލުގައި، ހަށިގަނޑުގެ ދިފާއީ ނިޒާމުން އެތެރެހަށީގެ މުހިންމު ގުނަވަންތަކަށް ހަމަލާދީ އެ ގުނަވަންތައް ފެއިލްވާ ހާލަތެކެވެ.
މީގެ ކުރިންވެސް އައިޝަތުގެ އެއްފައި ވަނީ ބުރި ކޮށްފައެވެ. އެއީވެސް ހަމަ މިހާލަތެއްގައި އައިޖީއެމްއެޗުގައި ބާއްވާފައި އޮވެ ދުވަސްތަކެއް ވެފައި ދެން ރަަނގަޅު ނުވާނެކަމަށް ބުނެ، ފައިގެ ހާލަތު ދެރަވެ، ފުރަތަމަ ފައިތިލަ ކުޑަހުޅާ ހަމައިން ބުރިކޮށްލިއެވެ. އެކަމަކުވެސް ދެންވެސް ރަނގަޅު ނުވެ، ދޮހާއި ދޮސްފެންލޭ ފައިބާ ހަލާކުވަމުންދިޔައެވެ. އަޅާ ވޭނާއި ރިހުމަށް ބަދަލެއް ނައިސް، ރާއްޖެއިން ފަރުވާ ދިނުމުގައި އެއްވެސް ވަރަކަށް ރަނގަޅު ނުވުމުން އިންޑިޔާއަށް ދިޔުމުން ވަގުތީ ގޮތުން ލުއިކަމެއް ލިބުނެވެ. އެފަހަރު އިންޑިޔާއިން އައިޝަތުގެ ބައްޔަކީ ސެޕްސިސް (ލޭގައި ޖަރާސީމު ހުރުން) ކަމަށް ޑައިގްނޯސް ކުރިއިރު، އޭނާގެ ފައި ޖެހުނީ ބުރިކޮށްލާށެވެ. އައިޖީއެމްއެޗްގައި ފުރަތަމަ ފައިތިލަ ބުރި ކުރުމަށްފަހު ހަތަރު މަސްވަންދެން އޮތްއިރުވެސް ރަނގަޅު ނުވެ ދޮސްފައިބަމުން ދިޔައެވެ. އާއިލާގެ އެހީގައި އިންޑިޔާއަށް ދިޔުމަށްފަހު، މުޅި ހަށިގަނޑަށް ޖަރާސީމުގެ އަސަރު ކޮށްފާނެތީ، ކަކުލު ހުޅުން މަތިން ބާކީ ހުރި ބައިވެސް ބުރިކޮށްލަން މަޖުބޫރުވިއެވެ.
މި ނުކުޅެދޭ ހާލަތަށް އައިސްފައިވީ ނަމަވެސް، އައިޝަތުގެ ފިރިމީހާގެ ފަރާތުން ލިބޭ އޯގާތެރިކަމާއި ލޯތްބަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަމަށް އައިޝަތު ބުންޏެވެ. ފިރިމީހާ ކުރިއަށްވުރެ ބޮޑަށް އޯގާތެރިވެ، އަބަދުވެސް ގާތުގައި ހުންނަ ކަމަށާއި، އެފަދަ ލޯބިވާ ފިރިޔަކު ނެތްނަމަ މިހާލަތުގައި ދިރިއުޅުން އޮންނާނެ ގޮތް ހިތަށްވެސް ނުގެނެވޭނެ ކަމަށް އައިޝަތު ފާހަގަކުރިއެވެ. އަދި އޭނާގެ ދެކުދިންނަށްޓަކައި ގަދަވާން ބޭނުންކަމަށް ތަކުރާރުކޮށް އައިޝަތު ވަނީ ބުނެފައެވެ.
އުފާވެރި ދިރިއުޅުމެއްގައި ދެދަރިންނާއި ފިރިމީހާއާ އެކު އުޅެމުން ދިޔަ ހީވާގި އަންހެނެކެވެ. މީގެ 7 އަހަރު ކުރިން އޭނާގެ ދިރިއުޅުމަށް ބޮޑު ތޫފާނެއް އައިސް، ސިއްހީ ގޮތުން ދެރަ ހާލަތަކާ ކުރިމަތިލާން ޖެހި، އެތައް އުއްމީދުތަކެއް ފެނަށް ވެގެން ދިޔައެވެ. މިހާރު އައިޝަތަކީ ހިނގާބިނގާވެ އުޅުމުން ވެސް މަހުރޫމު ވެފައި ނުހަނު ވޭނުގައި ދިރިއުޅުން ހޭދަ ކުރަމުންދާ އަންހެނެކެވެ. އަމުދުން މިހާރު އައިޖީއެމްއެޗްގެ އެނދެއްގައި އައިޝަތު އެއޮތީ ނުހަނު ވޭނާއި ދަތިކަމުގައެވެ. ދާދި ފަހުން އޭނާގެ ފައިގެ ދަށްފުށުގައި ނެގި ފޮޅު ހަލާކުވެ، މުޅި ފައިގެ ފުންނާބުން އެތެރެ ދޮސްލައި ކުނިވާތީ އައިޖީއެމްއެޗުން އެތަނަށް ހޮޅިއެއް ލައްވާފައެވެ.
މިފަހަރު މާލެ ގެންނަން ޖެހުނު ގޮތާ އައިޝަތުގެ ހާލު މިވަރަށް ގޯސްވި ގޮތް ކިޔައިދެމުން އޭނާގެ ފިރިމީހާ ބުނީ:
ކޮންމެ ރެއަކުވެސް ނިދީގައި އުނދަގޫތަކެއް ވާތީ އުޅޭނެ، ދެން އެއްރޭ ހޮޑުލެވުނީ، ކަޅުކުލައަކަށް ހުރީ، ވަގުތުން ގެންދިޔައީ ސިއްހީ މަރުކަޒަށް، ތ ތިމަރަފުށީ ސިއްހީމަރުކަޒު، އެތަނުގައި ބާއްވާފައި އޮއްވާ ފައިގެ ދަށްފުށުން އަތުގައި ނަގާ ގޮތަށް ނަގާފައި ހުރި ފޮޅެއް ފެނުނީ، މަރުކަޒުން އެތަން ސާފުކުރީ، ދެން އެކަމަކު ރަނގަޅުނުވެގެން އެތަނުން ވޭމަންޑޫއަށް ދިޔައީ، ވޭމަންޑޫ އިން އޮޕަރޭޝަން ޑޮކްޓަރ އެތަންސާފުކޮށް ބޭސް އެޅި، 5 ދުވަސްފަހުން އަނެއްކާވެސް އަޅުގަނޑުމެން ރަށަށް ދިޔައީ، ރަށަށް ގޮސް ދުވަސްކޮޅެއް ނުވޭ، އެއްރޭ ފަތިހު އައިިޝަތުގެ ހާލު ދެރަވެގެން އިމަރޖެންސީގައި ގެންދިޔައިރު އެނގުނީ ހަކުރު ދަށްވެފަ ހުރެގެން ކަން ހުއްޓުނީ، ރަށުން ވޭމަންޑޫއަށް، ވޭމަންޑޫ އިން ލާމަށް،، ލާމުން މިކޮޅަށް މާލެ އައިސް މިތިބީ، އެ ފޮޅެއްހެން ހުރި ތަން އެތެރެއިން މުޅިންް ގިރިފަ، އައިޖީއެމްއެޗުން ހޮޅިއެއް ލައްވާފައި މިހާރު އިނީ، ބުނީ 6 މަސް ވަންދެން މިތަނުގައި ބާއްވައިގެން ތިބުމަށް، އެކަމަކުވެސް 6 މަހޭ ބުންޏަސް ޑޮކްޓަރުން ދަަންނަވަފާނެ މާދަމާވެސް ރަނގަޅެއް ނުވާނެއޭ، ދެން ފައި ބުރިކޮށްލާށޭ ޖެހޭނީ، ކުރިންވެސް ހެދީ އެހެން، އެފަހަރު ބުރި ނުކޮށް ވާން އޮޮތް، އެހެންވީމަ މިފަހަރު ދެން ނުވާނެކަމަށް ވިދާޅުވާ ހިސާބުންވެސް އަޅުގަނޑުމެން ބޭނުންވަނީ އިންޑިއާ އަށް ގެންދަން، އާސަންދަ އަދި ހަމައެއް ނުޖެހޭ، ހަމައެކަނި ދޭ ބޭހަކަށް ނޫން އެހެން ހުރިހާ ކަމަކަށް އަމިއްލައަށް ހަރަދު ކުރަން މިޖެހެނީ،
ހޮސްޕިޓަލުގައި މިފަދަ ހާލަތެއްގައި އޮތް އިރުވެސް ވަކިން ތަނެއްގައި ބޭއްވުމަށް އެދުމުން ދުވާލަކަށް 900 ރުފިޔާއަށް ލިބޭ ރޫމުގެ ވާހަކަ ބުނީ، ކިހިނެއްތޯ އަޅުގަނޑުމެން ދުވާލަކަށް 900 ރފ ދޭނީ، މާލޭގައި މިހާރު ތިބޭތާ 5 ދުވަސްމިވީ، އަޅުގަނޑު އިންނަނީ ދުވާލު އައިޝަތު ގާތު ހޮސްޕިޓަލުގައި، ގޮނޑީގައި އިނދެ ނިދުނިއްޔާ ނިދުނީ، މިހާލެއްގައި. އެހެންވިޔަސް އަންނައުނާއި ސާމާނު ބަހައްޓަން ޖެހޭނެތީ، އަޅުގަނޑުވެސް ފެންވަރާ ކަންތައް ކުރަންޖެހޭނެތީވެ ފުރަތަމަ އައިސްތުވެސް ރަނގަޅު ކޮޓަރިއެއްގައި ބާއްވައިގެން އެތަނުގައި އޮށޯވެލާނެތަންވެސް އިންނާނެތީވެ ހީކުރީ އައިޖީއެމްްއެޗް އިން އެވަރުގެ ކަމެއް ވާނެ ކަމަށް، އެހެންވެ އެދުނީ، އެކަަމަކު ދުވާލަކަށް ހާހުން ދޭނީ ކިިހިނެއްތޯ. ދެން އެހެންވެ މިތާ ހޮސްޕިޓަލާ ކައިރިން ކުޑަ އަގެއްގެ ކޮޓަރިއެއް ހިފީ،
އާސަންދަ އެންސްޕާ ފަދަ ތަނަކުން އަޅުގަނޑުމެންގެ ހާލަތު ވަޒަން ކޮށްލަން އައިސް ބަލާލުމުން އެނގޭނީ، އައިޝަތު އަށް ގައިގަ އަޅާ ވޭނުން ދެ ބަސް ހަމައަށް ނުބުނެވޭ،
އަޅުގަނޑުމެންގެ 2 ކުދިން އެ ތިބީ ރަށުގައި އެކަނި، އެކުދިންގެ މަންމަގެ ހާލު ދަށަށްދާކަމާއި ހާލަތު އޮތީ ކިހިނެއްކަން ނާންގައިވެސް ވާކަށް ނޯވޭ، ކުދިންގެ ހިތްވަރަށް ހަމަ ސާބަހޭ ބައްޕައެއްގެ ހައިސިއްޔަތުން ބުނެވޭނީ."
އައިޝަތު މޫސާގެ ފިރިމީހާ، އަހުމަދު ފައިޒާނަކީ ހިތްވަރުގަދަ މީހެއްކަން ގައިމެވެ. ހުވަދޫމީޑިއާއަށް އިތުރަށް މައުލޫމާތު ދެމުން އައިޝަތު މޫސާ ވެސް ވަރަށް އުނދަގުލުން ދެތިން ވާހަކައެއް ބުންޏެވެ.
"އަޅުގަނޑުގެ ކުދިންނަށްޓަކައި މިހާލަތުން ރަނގަޅުވާން ބޭނުންވަނީ، މިހާރު ރިއްސާވަރުން ނުވެސް ނިދޭ، އާސަންދަ އެންސްޕާ އެއްވެސް އެހީގެ ކަމެއް އެއްވެސް ތަނަކުން ހަމައެއް ނުޖެހުނު، މިތަނުގައި ތިބެން ޖެހޭތީ، ކޮންމެ ގޮތެއްވިޔަސް ހަރަދުތަކަށް ފައިސާ ދޭން ޖެހޭނެ، އެކަމަށްޓަކައި އެހީއަށް އެދެނީ، އަޅުގަނޑުގެ މިބަލި ދަނީ ބޮޑުވަމުން، ފަރުވާ ދެމުންދާއިރުވެސް ޔަގީންކަމެއް ނެތް އޮޕަރޭޝަން ނުކޮށް ސަލާމަތް ވެދާނެ ކަމަށް، ރާއްޖެއިން ކުރިންވެސް މިކަމަށް ފަރުވާ ނުދެވި ކަކުލާ ހަމައަށް ބުރިކޮށްލައި އެފައިވެސް ބުރިކޮށްލަން ޖެހުނީ. މިހާރު ދެން ހުރި ފައި ހަލާކުވަމުން ދަނީ،" އައިޝަތު މޫސާ
އައިޝާތު މޫސާގެ އަދި އޭނާގެ ފިރިމީހާގެވެސް އާދޭހަކީ އެމީހުންނަށް މިދަތި ވަގުތުގައި މާލީ ގޮތުން އެހީއެއް ލިބިދިނުމެވެ. މިއަދާ ހަމައަށް މާލޭގައި ތިބޭތާ 5 ވަނަ ދުވަސް ގުނަމުން ދާއިރު، މީހުންގެ އަތުން ދަރަަންޏަށް ނެގި ލާރިކޮޅުވެސް މިހާރު ހުސްވެފައިވާ ވާހަކައައި އަދި އެއްވެސް އެހެން ގޮތެއް ނެތް ވާހަކަ ބުނީ ފެންކަޅިވެފައިވާ ހާލެއްގައެވެ. މާލީ ގޮތުން ހަމަ އެއްވެސް ފަދަ އެއް ނެތިފައި، ހޮސްޕިޓަލުގެ އެނދެއްގައި އެހާ ބަލިހާލަތެއްގައި އޮތް އައިޝާތު މޫސާގެ ހާލަތު ފެނުމުން ސަހަރޯވެރިވާނެއެވެ. އަސަރުނުކޮށް ނުދާނެކަން ޔަގީނެވެ.
އާސަންދަ އިން ހަމައެކަނި ބޭސްސިޓީގައި ހުންނަ ބޭސް ހިލޭ ކޮށްދިން ނަމަވެސް ހޮސްޕިޓަލެއްގައި މިފަދަ ހާލެއްގައި އޮތް މީހަކަށް އެންސްޕާ އާސަންދައިން އިތުރަށް އެހީ ދޭން ޖެހޭ ކިތަންމެ ކަމެއް އެބަހުއްޓެވެ. ފަރުވާ ދެމުން ގެންދާއިރު އެބޭހުގެ ފައިސާ ނޫން އެހެން ހުރިހާ ކަމަކަށް، ކެއިން ބުއިމާއި އެހެންވެސް ބައެއް (ފަރުވާގެ ގޮތުން ޑައިޕާސް ފަދަ ނުހަނު އަގުބޮޑު ބައެއް ސާމާނު) ކަންތަކަށް ބޭނުންވާ ފައިސާ ލިބޭނެ އެއްވެސް ގޮތެއް ނެތިފައެވެ. ފިރިމީހާ ވަޒީފާއަށް ނުގޮސް އެއިންނަނީ އައިޝަތު ގާތު ހޮސްޕިޓަލުގައެވެ. މިފަދަ ހާލަތެއްގައި އައިޝަތު އެދެނީ ދީލަތިކަމާއެކު އޭނާގެ ހާލަތަށް ހަމްދަރުދީވެ އެހީތެރިވެދިނުމެވެ. ފަރުވާގެ ކަންތައް އިތުރަށް ކުރެވޭނެހެން ރާއްޖެއިން ބޭރަށް ދެވޭނެ މަގެއް ފަހިވުމެވެ، އަދި އެހިސާބަށްވެސް އައިޖީއެމްއެޗުގައި އޮންނަ މިދުވަސްތަކުގައި އެހީތެރިއާގެ ހުރުމާއި އަދި ދެމީހުންގެވެސް ކެއިންބުއިމާއި އައިޝަތަށް ބޭނުންވާ ނެޕީފަދަ ސާމާނާއި ޒަރޫރީ ބޭނުންތަކަށް ދީލަތި ހިތަކުން ދިއްކޮށްލާ އެހީތެރިކަމަށް އެދި އައިޝަތު މޫސާ ކަރުނަ އަޅަމުން އާދޭސް ކުރިއެވެ.
އެހީތެރިވުމަށް ފައިސާ ޖަމާކުރެއްވުމަށް؛
- ބީއެމްއެލް ދިވެހި ރުފިޔާ އެކައުންޓް 7730000259840
Aishath moosa / އައިޝަތު މޫސާ - ގުޅޭނެ ނަންބަރު 7696110 އައިޝަތު މޫސާގެ ފިރިމީހާ، އަހުމަދު ފައިޒާން / 7379570 އާޝާ، ދަރިފުޅު








