ކުރީގެ މަޖިލިސް މެންބަރު އަލްހާން ފަހުމީ އިސްވެ ހިންގެވި ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ކުރިއަށްގެންދިޔަ ޕޮންޒީ ސްކީމްގެ ތެރެއިން ގެއްލުން ލިބުނު މީހުންނަށް ބަދަލުދިނުމުން، އެ މައްސަލާގައި ދަޢުވާނުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ (ޕީޖީ) އޮފީހުން ނިންމަވައިފިއެވެ. މި މައްސަލާގައި ދަޢުވާ ލިބޭ މީހުންގެ ތެރޭގައި ހިމެނެނީ އަލްހާން ފަހުމީގެ އިތުރުން ޝަޒްބާން ފަހުމީއާއި ޞަޙުބާން ފަހުމީއެވެ.
މި މައްސަލައަކީ ކިންގްސް ކެޕިޓަލް ހޯލްޑިންގްސްއިން އާއްމުކޮށް ހުޅުވާލައިގެން ރާއްޖޭގައި މާލީ ސެކިއުރިޓީޒްގެ ޤާނޫނާއި ޚިލާފަށް އިންވެސްޓްމެންޓް ސްކީމެއް ތަޢާރަފުކޮށް، އިންވެސްޓަރުންނަށް މަންފާ ލިބޭނެކަމަށް ދައްކައި މަކަރާއި ޙީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި، އެ ފައިސާ ލޯންޑަރކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. ޕީޖީ އޮފީހުން މި މައްސަލާގައި 3 މީހެއްގެ މައްޗަށް ދަޢުވާ އުފުލުމަށް ކްރިމިނަލް ކޯޓަށް ހުށައެޅީ 2023 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 23 ވަނަ ދުވަހުއެވެ. މީގެ ކުރިން ޕީޖީ އޮފީހުން ވަނީ މި ސްކީމާ ގުޅިގެން 39 ދަޢުވާއެއް ކޮށްފައިވާކަމަށާއި، އެކި ފަރާތްތަކުން 98 މިލިއަނަށްވުރެ ގިނަ ރުފިޔާ އިންވެސްޓްކޮށްފައިވާކަމަށް ހާމަކޮށްފައެވެ.
ޕީޖީ އޮފީހުން ވިދާޅުވީ، މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް، ދަޢުވާ ލިބޭ މީހުންގެ ފަރާތުން ވަނީ، ކުށާ ގުޅިގެން ބަދަލު ލިބެންޖެހޭ 13 މީހަކަށް ބަދަލުދީ ޚަލާޞްކޮށްފައިވާކަމަށް ބަޔާންކޮށް، ދަޢުވާތައް މުރާޖަޢާކޮށްދިނުމަށް އެދިފައިވާ ކަމަށެވެ. ދިވެހި ފުލުހުންގެ ޚިދުމަތް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރިއިރު، މި މައްސަލާގައި ބަދަލު ލިބޭންޖެހޭ މީހުންނަށް ބަދަލުލިބިފައިވާކަން ކަށަވަރުވެފައިވާކަމަށް ޕީޖީ އޮފީހުން ފާހަގަކުރެއްވިއެވެ. އަދި ބަދަލު ލިބުނު މީހުން ވަނީ މައްސަލަ އިތުރަށް ކުރިއަށްގެންދަން ބޭނުންނުވާކަމަށް ބުނެފައެވެ.
އެހެންކަމުން، ޕީޖީ އޮފީހުން ބަޔާންކުރެއްވީ، ގެއްލުން ލިބުނު މީހުންގެ ތެރެއިން ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ބަދަލު ނަގައިދޭން އެދުނު އެންމެންނަށް ލިބެންޖެހޭ ފައިސާ އަނބުރާ ލިބިފައިވާތީއާއި، މައްސަލަ އިތުރަށް ކުރިއަށްގެންދަން ބޭނުންނުވާކަމަށް އެ މީހުން ބުނެފައިވާތީއެވެ. މި މައްސަލާގައި މިހާތަނަށް ކޯޓަށް ހުށަހެޅި ޓެކުމުގެ ކުށުގެ 13 ދަޢުވާ އިތުރަށް ކުރިއަށްގެންދިއުމުގެ މަޞްލަޙަތު އޮތްކަމަށް ނުފެންނާތީ، އެ ދަޢުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމަވާފައިވާކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.
ނަމަވެސް، ޕީޖީ އޮފީހުން ވިދާޅުވީ މި މައްސަލާގައި ބަދަލު ލިބެންޖެހޭ އިތުރު މީހުންގެ ބައިތައް ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤުކުރައްވަމުން ގެންދަވާ ކަމަށެވެ. އެ ބައިތަކުގެ ތަޙުޤީޤު ނިންމައި، ދަޢުވާކުރަން ހުށަހެޅުމުން، އެ ބައިތަކުގައި ދަޢުވާކުރުމުގެ ކަންކަން ކުރިއަށްގެންދަވާނެކަމަށް ޕީޖީ އޮފީހުން ޔަޤީންކަން ދެއްވިއެވެ. އަދި ބަދަލު ލިބެންޖެހޭ މީހުންގެ ތެރެއިން ފައިސާ އަނބުރާ ނުލިބިވާ މީހުންނަށް ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ބަދަލު ހޯދައިދިނުމުގެ މަސައްކަތް ކުރިއަށްގެންދަވާނެކަން ވެސް ޕީޖީ އޮފީހުން ފާހަގަކުރެއްވިއެވެ.

