ކ. ގުރައިދޫގައި މިއަދު ދެ މިސްކިތެއްގައި ހުކުރު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ ދެބަފައިން ކަމަށްވާ، އެ ރަށުގެ ދުވަސްވީ އިމާމެއް ކަމަށްވާ އަބްދުއް ސަމަދު މުމްތާޒް އާއި ޒުވާން ހަތީބެއް ކަމަށްވާ އަބްދުއް ބާތިން އަބްދުއްސަމަދު އިމާމުވެގެންނެވެ. މިގޮތުން އަބްދުއް ސަމަދު ހުކުރު ކުރުމަށް ހަމަޖެހިފައިވަނީ ގުރައިދޫ މަސްޖިދުލް އިޚާގައެވެ. އަދި އެމަނިކުފާނުގެ ދަރިކަލުން ބާތިން ނަމާދުކުރައްވާނީ މަސްޖިދުލް ސިއްދީގްގައެވެ.
ގުރައިދޫ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ޝަލީޒް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަބްދުއް ސަމަދަކީ ގުރައިދޫގެ ކުރީގެ ކަތީބު ކަމަށާއި، އެ މަގާމު އަދާކުރެއްވިއިރުގައި ވެސް އެ ރަށުގައި އިމާމުވެ ނަމާދު ކުރައްވާ ކަމަށެވެ. ނަމަވެސް މިހާރު އަބްދުއް ސަމަދާއި އެ ބޭފުޅާގެ އާއިލާ ދިރިއުޅުއްވަނީ މާލޭގައި ކަމަށާއި، ހަފްތާ ބަންދުގައި ގުރައިދޫއަށް ދަތުރުކުރައްވައި، އެ ދަތުރުތަކުގައި ވެސް އެ ރަށުގައި އިމާމުވެ ނަމާދު ކުރައްވާ ކަމަށް ޝަލީޒް ވިދާޅުވިއެވެ.
ޝަލީޒް ވިދާޅުވި ގޮތުގައި މި ހަފްތާ ބަންދުގައި އަބްދުއް ސަމާދާއި އާއިލާ ގުރައިދޫއަށް ވަޑައިގަތުމަށް ހަމަޖެހުމާ ގުޅިގެން، ކައުންސިލުން ވަނީ ބާތިން ވެސް އިމާމުވެ ހުކުރު ނަމާދު ކުރުމަށް އެދިފައެވެ.

