ދިވެހި ފިލްމު “ލިލީ” ގެ ޓިކެޓު އޮލިމްޕަސް ކައުންޓަރުން ވިއްކަން ފެށުމާއިއެކު ޑިމާންޑު އުފުލި ހުކުރު ދުވަހުގެ މެންދުރު ޝޯއަށް ހުޅުވާލައިފި އެވެ.
މިއަދު ހަވީރު 4:30 ގައި އޮލިމްޕަހުގައި ޓިކެޓު ވިއްކަން ފެށުމާއިއެކު ބޭރުގައި ވަނީ ދިގު ކިއުއެއް ހަދައިފަ އެވެ. އޭރު ވިއްކަމުން ދިޔައީ ނޮވެމްބަރު 21 އަދި 22 ގެ ރޭގަނޑު ޝޯގެ ޓިކެޓެވެ. މީގެ ދެ ދުވަސް ކުރިން ފުރަތަމަ ޝޯގެ ޓިކެޓު ވަނީ މުޅިން ވިކި ހުސްވެފަ އެވެ.
ނިމިދިޔަ އަހަރު މީ އިޝްގު ގެނަސްދިން އަޒްހާން އިބްރާހިމް ލިޔެ ޑައިރެކްޓު ކުރާ “ލިލީ” ގެ މައިގަނޑު ތަރިންގެ ތެރޭގައި ހިމެނެނީ އައިޝާ އަލީ، އަހުމަދު ޝާރިފް، މުހައްމަދު އިޝްފާންގެ އިތުރުން މަރިޔަމް ޝިމާ އެވެ. މުހިންމު ރޯލުތަކުން މަރިޔަމް ހަލީމް، އަހުމަދު ނިމާލް އަދި އަލީ ފާރޫގުވެސް ފެނެ އެވެ.
މިދިޔަ އާދިއްތަ ދުވަހު ދޫކޮށްލި ދެ މިނެޓުގެ ޓްރެއިލާގައި އަނިޔާވެރިކަމުގެ އިތުރުން ހިތާމައާއި އުފާވެރިކަންވެސް ފެނެ އެވެ. “ލިލީ” އަކީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ.
ފިލްމު އަޅުވަން ހަމަޖެހިފައިވަނީ ނޮވެމްބަރު 20 ވަނަ ދުވަހު އެވެ. މާލޭގެ އިތުރުން އަތޮޅު ތެރޭގެ ރަށްތަކުގައިވެސް ފިލްމު އަޅުވާނެ އެވެ. މިއީ ކްރިއޭޓިވް ނެޓުވޯކުގެ ކުޑައިގެ ދަށުން މުހައްމަދު އަރީހު ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމެވެ. ފިލްމުގެ ކެމެރާ މަސައްކަތް ކޮށްފައިވަނީ ސަމާހު އިބްރާހިމް އެވެ. މޭކަޕްތައް ކޮށްފައިވަނީ ޖަސްޓިން އެވެ.
ފިލްމުގައި ޖުމްލަ ތިން ލަވަ ހިމެނޭއިރު މިޔުޒިކް ހަދާފައިވަނީ ހުސައިން ތައުފީގު އެވެ. ޅެންތަކާއި ރާގު ހަދާފައިވަނީ މުހައްމަދު އަބްދުލް ގަނީ އެވެ.
މިއީ މިއަހަރު އޮލިމްޕަސް ސިނަމާއަށް އަންނަ 10 ވަނަ ފިލްމެވެ. ފިލްމުގެ ޓިކެޓު މިހާރު ލިބެން ހުންނާނީ އޮލިމްޕަސް ކައުންޓަރުން އެކަންޏެވެ. ކައުންޓަރު ބަންދު ގަޑިތަކުގައި ހޮޓްލައިން 7505079 އަށް ވައިބާކޮށްގެން ޓިކެޓު ލިބޭނެ އެވެ. މީގެ އިތުރުން ފިލްމުގެ ވެބްސައިޓު www.lilythemovie.com އިންވެސް ޓިކެޓު ގަނެވޭނެ އެވެ.
ލިލީ ފިލްމުގެ ޓިކެޓަށް ބާރު ބޮޑުވެ މެންދުރު ޝޯވ އަށްވެސް ހުޅުވާލައިފި

