އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ މަސައްކަތް، މިނިސްޓްރީ އޮފް ޔޫތު، އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ބަދަލުގައި، މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އާ ޙަވާލުކޮށްފިއެވެ. މި މަސައްކަތް ކޮމިޝަނާ ޙަވާލުކުރީ، މީޑިއާގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި، އެހީ ދިނުމުގެ ކަންކަން މިނިވަން މުއައްސަސާއަކުން ކުރިއަށް ގެންދިއުމަށްޓަކައެވެ.
މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅެކެވެ. އެ ވަޢުދުފުޅާ އެއްގޮތަށް، 2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި މިކަމަށް ފައިސާ ކަނޑައަޅާފައިވެއެވެ. މިގޮތުން ކަނޑައަޅާފައިވަނީ ދައުލަތަށް އަންދާޒާ ކުރެވޭ އާމްދަނީގެ 0.1 އިންސައްތައެވެ.
މިކަމާ ގުޅޭގޮތުން މީގެކުރިން މަސައްކަތް ކުރަމުން އައީ ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިންނެވެ. އެ ވުޒާރާއިން ވަނީ މީޑިއާތަކަށް މާލީ އެހީ ދިނުމުގެ އުޞޫލުގެ ދަށުން މިއަހަރު 18 މީޑިއާއަކަށް 27.9 މިލިއަން ރުފިޔާ ދިނުމަށް އޮކްޓޫބަރު 29 ވަނަ ދުވަހު އާއްމުކޮށްފައެވެ. ނަމަވެސް، އެ މީޑިއާތައް އާއްމުކުރުމާއެކު، އެކަމާ މެދު ބައެއް މީޑިއާތަކާއި އާއްމުންގެ ޝަކުވާ ބޮޑުވެ، ހިޔާލުތަފާތުވުންތައް އުފެދުނެވެ.
މިކަމާ ގުޅިގެން ޒުވާނުންގެ ވުޒާރާއިން މިއަދު އާއްމުކުރި އިޢުލާނުގައި ބުނެފައިވަނީ، މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އުފެދުމާއެކު މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާގުޅޭ އެންމެހައި ކަންކަން މިނިވަންކަމާއެކު ކުރެވޭނީ އެ ކޮމިޝަނަށް ކަމަށް އެވުޒާރާއިން ދެކޭ ކަމަށެވެ. އެހެންކަމުން މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ބެހޭ އެންމެހައި ކަންކަން އެކޮމިޝަނާ ހަވާލު ކުރުމަށް ނިންމާފައިވާ ކަމަށް އެ އިޢުލާނުގައި ވެއެވެ.
މި ނިންމުމާއެކު، މީޑިއާތަކަށް މާލީ އެހީ ދިނުމުގެ އުޞޫލާ ގުޅިގެން މިނިސްޓްރީން ކުރިން ކުރި ހުރިހާ އިޢުލާނެއް ބާޠިލުވާނެކަމަށް ވެސް ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. މީގެ ކުރިން ކަނޑައަޅާފައިވާ މީޑިއާތަކަށް ފައިސާ ދިނުމުގެ އުޞޫލުތަކާއި، އެހީ ލިބޭ މީޑިއާތަކުގެ ލިސްޓުތައް މިހާރު ވަނީ ބާޠިލުވެފައެވެ.

