ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއިން ރާއްޖޭގެ އަށް ރަށެއްގައި ކުޅިވަރުގެ އައު ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް، ދިވެހިރާއްޖޭގެ އެންމެ ބޮޑު ކޮންޓްރެކްޓިން ކުންފުނި ކަމަށްވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ ދަށުން އެކި ރަށްރަށުގައި ފުޓްބޯޅަ ދަނޑުތަކާއި، ފުޓްސަލް ދަނޑު، ވޮލީކޯޓު އަދި ސްކޭޓްޕާކް ގާއިމުކުރެވޭނެއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ކުޅިވަރު ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަސްލަމް ރަހާ އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ އަޙްމަދު ޝަރީފް އަބްދުއްރަޙްމާން ޔޫސުފެވެ. މި އެއްބަސްވުމުގެ ދަށުން ރަށްރަށުގެ ޒުވާނުންނަށް ކުޅިވަރުގެ ފުރުސަތުތައް އިތުރުކޮށް، ހަށިހެޔޮ ދިރިއުޅުމެއް ހޭދަކުރުމަށް ބާރުއެޅިގެންދާނެ ކަމަށް ވުޒާރާއިން ވިދާޅުވެފައިވެއެވެ.
މި މަޝްރޫއުތަކުގެ ތަފްސީލަށް ބަލާއިރު، ފުޓްބޯޅަ ދަނޑުތައް އެޅުމަށް ހަމަޖެހިފައިވަނީ ހއ. މުރައިދޫ، ހދ. ކުމުންދޫ، ށ. ފީވަކު، ގއ. ދެއްވަދޫ އަދި ކ. ހުރާގައެވެ. މީގެ އިތުރުން، ރ. މާކުރަތުގައި ފުޓްސަލް ދަނޑެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. ލ. ކުނަހަންދޫގައި އައުޓްޑޯ ވޮލީކޯޓު އެޅުމުގެ މަސައްކަތް ވެސް މި އެއްބަސްވުމުގެ ދަށުން ކުރިއަށްދާނެއެވެ.
އަދި ހދ. ވައިކަރަދޫގައި ސްކޭޓްޕާކެއް ގާއިމު ކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީއާ ވަނީ ހަވާލުކުރެވިފައެވެ. މިފަދަ ވަސީލަތްތައް ގާއިމުކުރުމަކީ ރަށްރަށުގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ތެރެއިން އުފެއްދުންތެރިކަން އިތުރުކޮށް، މުޖުތަމަޢަށް ފައިދާހުރި ބަޔަކަށް ވުމަށް އެހީތެރިވެދޭނެ ކަމެއްކަމަށް ކުޅިވަރު ވުޒާރާއިން ފާހަގަކުރައްވައެވެ.

