ދިވެހިބަހުގެ ދާއިރާއިން ފުރަތަމަ ފަހަރަށް ޕީއެޗްޑީ (ޑޮކްޓަރ އޮފް ފިލޯސަފީ) ޙާޞިލްކުރެއްވި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނި ޑރ. އާމިނަތު ޒާހިރާއަށް، ބަހާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވަރަށް ހޫނު މަރުޙަބާއާއި ތަހުނިޔާ ވިދާޅުވެއްޖެއެވެ. މި ތާރީޚީ ކާމިޔާބީއަކީ ދިވެހިބަހުގެ ދިރުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ޤައުމީ ޔުނިވަރސިޓީގައި މިއަދު ބޭއްވި ދަސްވެނިވުމުގެ ފަޚުރުވެރި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އާދަމް ނަޞީރު ވިދާޅުވީ، ޑރ. އާމިނަތު ޒާހިރާގެ މި މަސައްކަތަކީ ދިވެހިބަހަށާއި، ޤައުމީ ސަޤާފަތާއި ތަރިކައަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ދިވެހިބަހުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައިލައްވައި، ބަހުގެ ދިރާސާތަކަށް އިތުރު ބާރުލިބިގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ބަހާބެހޭ ވަޒީރު ވަނީ މި ތާރީޚީ ރަސްމިއްޔާތުގެ ޝަރަފުވެރިކަން ފާހަގަކުރައްވާ، ޑރ. އާމިނަތު ޒާހިރާ ދިވެހިބަހުގެ ދާއިރާއިން ޕީއެޗްޑީ ޙާޞިލްކުރެއްވުމަކީ ދިވެހިބަހުގެ ދިރާސާތަކަށް ހުޅުވިގެންދިޔަ އާ ދޮރެއްކަން ފާހަގަކުރައްވާފައެވެ. “މި ކާމިޔާބީއަކީ ދިވެހިބަހަށާއި، ސަޤާފަތާއި ތަރިކައަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް.” ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ކާމިޔާބީއަށްޓަކައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިސްވެރިންނަށާއި، ދާރިސުންނަށާއި، ދަސްވެނިންނަށް ވަޒީރު ވަނީ ޝުކުރާ ތަހުނިޔާ އަރިސްކުރައްވާފައެވެ. ޚާއްޞަކޮށް ދިވެހިބަހާއި ސަޤާފަތް ކުރިއެރުވުމަށް ޔުނިވަރސިޓީން ކުރާ މަސައްކަތް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އަދި ޑރ. އާމިނަތު ޒާހިރާގެ މި މިސާލަކީ ދިވެހިބަހުގެ ދާއިރާއިން އިތުރު ދިރާސާތައް ކުރުމަށް ޒުވާނުންނަށް ލިބިގެންދާނެ ހިތްވަރެއް ކަމަށް ޤަބޫލުކުރައްވާ ކަމަށްވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

