މިދިޔަ ހަފްތާގެ ތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅުނު ސްކޭމްގެ އެކި މައްސަލަތަކާ ގުޅިގެން 148،781.94 ރުފިޔާ ވަނީ އަނބުރާ ހޯދާފައި ކަމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ހާމަކޮށްފިއެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހުގެ 19 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހާ ހަމައަށް، ޖުމްލަ 35 ސްކޭމް މައްސަލަ ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައެވެ. މި މައްސަލަތަކުގައި ރިޕޯޓުކޮށްފައިވާ ޖުމްލަ ގެއްލުމުގެ އަދަދު 372،515.59 ރުފިޔާއަށް އަރައެވެ.
މި މުއްދަތުގެ ތެރޭގައި އެންމެ ގިނައިން ހުށަހަޅާފައިވަނީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރިއާ ގުޅުންހުރި ސްކޭމް މައްސަލަތަކެވެ. އެގޮތުން 13 މައްސަލައެއް އީ-ކޮމާސް ސްކޭމްގެ ގޮތުގައި ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން، ބޭރު ފައިސާ މާރުކުރުމާ ގުޅުންހުރި 6 މައްސަލައާއި، އެހެން މީހެއްގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ (އިމްޕާސަނޭޝަން) 9 މައްސަލައާއި، ތަފާތު ލިންކުތައް ފޮނުވައިގެންނާއި ވަޒީފާއާ ގުޅުންހުރި 6 މައްސަލައެއް ވެސް ރިޕޯޓުކޮށްފައިވެއެވެ. އަދި ސްކޭމާ ގުޅުންހުރި އެހެނިހެން 1 މައްސަލަ ވެސް މި ތަފާސްހިސާބުތަކުގައި ހިމެނެއެވެ.
ސްކޭމް ކުރުމަށްޓަކައި އެންމެ ގިނައިން ބޭނުންކޮށްފައިވާ ވަސީލަތްތަކަކީ ފޯން ކޯލާއި، ވައިބާ އަދި އޮންލައިން މެސެޖު ކުރެވޭ އެހެނިހެން މަންސަތަކެވެ. މީގެ އިތުރުން ފިޝިންގ ލިންކުތަކާއި ފޭސްބުކް މާކެޓް ޕްލޭސް ވެސް ސްކޭމަރުން ގިނައިން ބޭނުންކޮށްފައިވާ ކަމަށް ފުލުހުން ފާހަގަކުރެއެވެ.
މިފަދަ މަކަރާއި ހީލަތުގެ ޝިކާރައަކަށް ވިޔަ ނުދިނުމަށްޓަކައި ފުލުހުން ވަނީ އާންމުންނަށް މުހިންމު ނަސޭހަތްތަކެއް ދެއްވާފައެވެ. އެގޮތުން އިތުބާރުކޮށް ފައިސާ ދިނުމުގެ ކުރިން އެ ފަރާތެއްގެ ސައްހަކަން އަބަދުވެސް ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތު އެއްވެސް ގޮތަކަށް ހިއްސާނުކުރުމަށް އިރުޝާދު ދެއްވައެވެ. އަދި އެޕްލިކޭޝަންތަކުގައި ޓޫ ފެކްޓާ އޮތެންޓިކޭޝަން (2FA) ހެދުމަކީ މިފަދަ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުން އިތުރަށް ވިދާޅުވީ ސްކޭމްގެ މައްސަލަތަކުގައި ހަނުހުރުމަކީ ސްކޭމަރުންނަށް ކާމިޔާބު ލިބޭ ސަބަބެއް ކަމަށާއި، މިފަދަ މައްސަލަތަކެއް ދިމާވެއްޖެނަމަ އަވަހަށް ފުލުހުންނަށް ރިޕޯޓްކުރުމަކީ ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށެވެ. މަކަރާއި ހީލަތުގެ މައްސަލަތައް ރިޕޯޓުކުރުމަށް ނޭޝަނަލް އެމަޖެންސީ ކޯލް ސެންޓަރު 911 ނުވަތަ 125 (އެކްސްޓެންޝަން 2020) އަށް ގުޅުއްވުމުން، ނުވަތަ reportscam@police.gov.mv އަށް އީމެއިލް ކުރުމުން އެހީތެރިކަން ލިބިގެންދާނެއެވެ.

