ހަނގާގެ ޝިކާރައަކަށް ވެފައިވާ ކުދިން ގިނައިން އެކަން ހިއްސާ ނުކޮށް ސިއްރުކުރެއެވެ. އެހެންކަމުން، މައިންބަފައިން އަބަދުވެސް ދަރިފުޅުގެ އުޅުމަށް ސަމާލުކަން ދޭންވާނެއެވެ. ދަރިފުޅުގެ އުޅުމަށް ބަދަލު އައިސް، ކަމެއް ގޯސްވެއްޖެހެން ހީވެއްޖެނަމަ، ވީހާވެސް އަވަހަކަށް ކުއްޖާއާ ވާހަކަ ދައްކައި ޙާލަތު ބަލަންވާނެއެވެ. ދަރިފުޅު ސްކޫލުން އަންނަ އިރު ހުންނަ މޫޑު ބެލެނިވެރީން އަބަދުވެސް ދެނެގަނެ، މޫޑް އޮފްވެފައި ނުވަތަ ދެރަވެފައި ހުރެއްޖެނަމަ އެކަމެއް ސާފުކުރުމަށް އިސްކަން ދޭންވާނެއެވެ. ބިޒީކަމުގެ ސަބަބުން ދަރިފުޅުގެ ހާލު ނުބެލި ހުރުމަކީ ހަނގާގެ ޝިކާރައަކަށް ވެފައިވާ ކުއްޖަކު ރޯން އޮތް ނަމަވެސް އެކަން ނޭނގި ދިއުމުގެ ފުރުސަތު ބޮޑު ކަމެކެވެ. ހަނގާގެ މައްސަލަތަކަށް ހައްލެއް ހޯދުމުގެ އެންމެ އަސާސީ ކަމަކީ ބެލެނިވެރީންނާއި ދަރީންނާ ދެމެދު ވަރުގަދަ އިތުބާރުގެ ގުޅުމެއް ބިނާކުރުމެވެ.އަމަލުކުރަންވީ ގޮތްތައް
ދަރިފުޅަށް ހަނގާ ކުރާކަން އެނގިއްޖެނަމަ، އެކަމަށް ވަގުތުން ފިޔަވަޅު އަޅަންވާނެއެވެ. ފުރަތަމަ ކަމަކަށް ދަރިފުޅާ ވާހަކަ ދައްކައި، އެކުއްޖާއަށް އެހީތެރިވެދޭން ތިބިކަން ޔަޤީން ކޮށްދޭށެވެ. ހަނގާގެ ޝިކާރައަކަށް ވީތީ ދަރިފުޅަށް އެއްވެސް ކުށެއް ނެތްކަން އަންގައިދޭށެވެ. ހިނގި ހާދިސާތައް ލިޔެ، ހެކި ހޯދާށެވެ. މިސާލަކަށް ސައިބަރ ބުލީގެ ސްކްރީން ޝޮޓް ނުވަތަ ޖިސްމާނީ އަނިޔާގެ ފޮޓޯ ފަދަ ތަކެތި ރައްކާކުރާށެވެ. ސައިބަރ ބުލީއެއް ނަމަ، އެ މެސެޖްތައް ނުވަތަ ޕޯސްޓްތައް ހަދާފައިވާ ފަރާތް ބްލޮކްކޮށް، އެ ޕްލެޓްފޯމަށް ރިޕޯޓް ކުރާށެވެ.ސްކޫލާއި ގުޅިގެން، ގާތުން މަސައްކަތް ކުރުން
ސްކޫލުން ދަރިފުޅަށް ހަނގާ ކުރާކަން އެނގިއްޖެނަމަ ލަސްނުކޮށް ސްކޫލް މެނޭޖްމެންޓަށް އެކަން ހިއްސާކުރާށެވެ. ލިޔުމުން އެކަން ރިޕޯޓްކޮށް، ޕްރިންސިޕަލްއާ ބައްދަލު ކުރުމަށް އެދި، ސްކޫލުގެ އެންޓި-ބުލީންގ ޕޮލިސީ ބަލާށެވެ. ހަނގާކުރުން ހުއްޓާނުލައިފިނަމަ، ސްކޫލުގެ ކަމާބެހޭ އިދާރާ ނުވަތަ ތަޢުލީމާބެހޭ އިދާރާއަށް މައްސަލަ ހުށަހަޅާށެވެ. އަދި ޙާލަތު ގޯސްނަމަ ކައުންސެލިންގ ދިނުމަށް ނުވަތަ އެހެން ފަންނީ އެހީތެރިކަމަށް ސަމާލުކަން ދޭންވާނެއެވެ.ދަރިފުޅު ބާރުވެރިކުރުވުން
މައިންބަފައިންނަށް އަބަދު ދަރިފުޅު ކައިރީ ނުތިބެވޭނެތީ، ބަޔަކު ހަނގާ ކުރާނަމަ ކަންތައް ކުރަންވީ ގޮތް ދަރިފުޅަށް ރަނގަޅަށް ވިސްނައިދޭންވާނެއެވެ. ހަނގާ ކުރާ މީހުން ހުއްޓުވައި، އިތުބާރު ކުރެވޭ ބޮޑު މީހަކާ އެކަން ވަގުތުން ހިއްސާ ކުރުމަށް ދަރިފުޅަށް ނަސޭހަތްތެރިވާށެވެ. ހަނގާ ކުރާ މީހުން ކުރިމަތީ ރޮއެ ހެދުމުގެ ބަދަލުގައި، ހިނިތުންވުމެއް ދިނުމަށްފަހު އެތަނުން ދުރަށް ދިޔުމަށް ދަރިފުޅަށް އިރުޝާދު ދޭށެވެ. އަދި ދަރިފުޅުގެ އަމިއްލަ އިތުބާރު ބިނާކުރުމަށްޓަކައި، އެކުއްޖާ އުފާވާ ކަހަލަ ހަރަކާތްތަކުގައި ބައިވެރިވުމަށް ހިތްވަރު ދޭށެވެ.

