ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި އަންނަ ހަފްތާ އޮކިއުޕޭޝަނަލް ތެރަޕީގެ ޚިދުމަތް ފަށާނެ ކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ. މި ތެރަޕީއަކީ، މިނިވަންކަމާއެކު އަމިއްލައަށް ހަރަކާތްތެރިވެ އުޅުމަށް ނަފްސާނީ އަދި ޖިސްމާނީ ގޮތުން ހަރަކާތްތެރިކަން އިތުރުކޮށް ތަރައްޤީކުރުމަށް ދޭ ތެރަޕީގެ ފަރުވާއެކެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަކީ، ޓަރޝަރީ ފެންވަރަށް ޚިދުމަތް ދިނުމަށް ސަރުކާރުން ތަރައްޤީކުރަމުންދާ ހޮސްޕިޓަލެކެވެ.
އުނގޫފާރު ހޮސްޕިޓަލްގައި މިހާތަނަށް 4 ސަބްސްޕެޝަލިޓީ ދާއިރާއިން އަންނަނީ، ސިއްޙީ ފަރުވާ ދެމުންނެވެ. އޭގެތެރޭގައި ނާރުގެ ޚާއްސަ ބަލިތައް، ހިތުގެ ބަލީގެ ޚާއްސަ ދާއިރާ، ކިޑްނީ ބަލީގެ ފަރުވާ އަދި ނޭވާލާ ނިޒާމުގެ ޚާއްސަ ބަލިތަކުގެ ފަރުވާ ހިމެނެއެވެ. މި ދާއިރާތަކުން 4 ސަބް ސްޕެޝަލިސްޓް ޑޮކްޓަރުން އަންނަނީ، ޚިދުމަތް ދެމުންނެވެ.
ހޮސްޕިޓަލްގެ ޚިދުމަތް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ހޮސްޕިޓަލްގައި ތަފާތު ތެރަޕީތަކުގެ ޚިދުމަތްތައް ތަޢާރަފުކުރުމުގެ މަސައްކަތް ސަރުކާރާއި ހޮސްޕިޓަލް ގުޅިގެން ދަނީ ކުރަމުންނެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި މިހާރު އެމްއާރްއައިގެ ޚިދުމަތްވެސް އަންނަނީ ފޯރުކޮށްދެމުންނެވެ. އެ ހޮސްޕިޓަލުން އަހަރަކު 150،000އެއްހާ މީހުން ޚިދުމަތް ހޯދައެވެ.

