ހދ. ނޮޅިވަރަމަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އެރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މަޢުލޫމާތަކާ ގުޅިގެންނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އެރަށު ޔާދު، އުމުރުން 48 އަހަރުގެ ޢަލީ ރަޝީދުކަމަށެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ކުޅުދުއްފުށީ ސިޓީ ޕޮލިސް ސްޓޭޝަނާއި، ނޮޅިވަރަމް ޕޮލިސް ސްޓޭޝަނުން ގުޅިގެން މިމަހުގެ 29 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ.
ޢަލީ ރަޝީދު ހައްޔަރުކޮށްފައިވަނީ ނޮޅިވަރަމަށް އައި ބޯޓަކުން ގެނައި ފޮށިގަނޑަކާއި ޑަބިޔަލެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި 2 ޕެކެޓު ފެނުނު މައްސަލައާ ގުޅިގެންކަމަށެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

