އިސްލާމްދީނަކީ، ކުފުރުގެ އަނދިރިކަމުން އީމާންކަމުގެ އަލިކަމަށް، މީސްތަކުން ނެރުނު ދީން ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ. މިއަދުގެ ޚުތުބާގެ މައުލޫއަކީ “އިސްލާމީ ރިސާލަތަކީ ލޯތްބާއި ރަޙުމަތުގެ ރިސާލަތެއް” މިއެވެ.
އިސްލާމްދީނަކީ، ކުފުރުގެ އަނދިރިކަމުން އީމާންކަމުގެ އަލިކަމަށް، މީސްތަކުން ނެރުއްވި ދީން ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. އަދި އިސްލާމް ދީނުގައި ރިވެތި އަޚުލާޤަށް ވަރަށް މަތިވެރި ދަރަޖައެއް ދީފައިވެއެވެ.
އިސްލާމީ ރިސާލަތަކީ މުޅި އިންސާނިއްޔަތަށް ހިދާޔަތު ދެއްވުމަށް މާތް ﷲ ފޮނުއްވި މަތިވެރި ރިސާލަތް ކަމަށާއި، މި ރިސާލަތުގެ މައިގަނޑު އަސާސްތައް ބިނާވެފައިވަނީ ލޯތްބާއި ރަޙުމާއި އޯގާތެރިކަމާއި، ހަމަޖެހުމާއި އަމާންކަމުގެ އަސާސުގެ މަތީގައެވެ. އަދި އިސްލާމީ ރިސާލަތަކީ އެއްކައުވަންތަ ކަލާނގެއަށް އީމާންވުމާއި، އެކަލާނގެއަށް ކިޔަމަންތެރިވުމަށް ގޮވައިލާ ރިސާލަތެވެ. މިއީ މުޅި އިންސާނިއްޔަތަށް ބާއްޖަވެރިކަން ގެނެސްދޭ، ރަޙުމާއި ހަމްދަރުދީގެ ރިސާލަތް ކަމަށް މިއަދުގެ ޚުތުބާގައި ވަނީ ބުނެފައެވެ.
މަތިވެރި އަޚުލާޤާއި ރަޙުމަތާ ދެމެދުގައި ވަނީ ގިނަގުނަ މާތް ސިފަތަކެވެ. އެ ސިފަތަކުން، ލޯބިވުމަށާއި ރަޙުމުކުރުމަށް ބާރުއަޅައެވެ. ބައެއް މީހުން އިސްލާމްދީނާ މެދު ދެކެނީ އެއްވެސް ރަޙުމެއްނެތް ހަރުކަށި ދީނެއްގެ ގޮތުގައެވެ. އެ ދީނަށް ތަބަޢަވާ މީހުންނަކީ އެއްވެސް އޯގާތެރިކަމެއްނެތް ހަރުކަށި ބަޔެއްގެ ގޮތުގައެވެ. އެހެނަސް ޙަޤީޤަތުގައި އިސްލާމްދީނަކީ ރަޙުމަތުގެ ދީނެވެ.
މުޖުތަމަޢުގެ ހުރިހައި އަފުރާދުންގެ މެދުގައި ހެޔޮ ގޮތުގައި ގުޅުންތައް ބިނާކޮށް، ދެމެހެއްޓުމުގެ މައްޗަށް ބާރުއަޅާ ދީންކަމެވެ. އެހެންކަމުން، އިސްލާމްދީނާ މެދު، މި ދީނުގެ ޢަދުއްވުން ކުރަހައިފައިވާ ބިރުވެރި، އަނދިރި މަންޒަރަކީ ޙަޤީޤަތާ ޚިލާފަށް ކުރަހައިފައިވާ މަންޒަރެކެވެ. ޙަޤީޤަތުގައި އިސްލާމްދީނަކީ އިންސާނިއްޔަތުގެ ދީނެވެ. ހެޔޮކަމާއި އޯގާތެރިކަން ފެތުރުމަށް ގޮވައިލާ ދީނެވެ. އަދި އެއީ ފަރުދުންނާއި މުޖުތަމަޢުތަކުގެ މެދުގައި ޞުލްޙަވެރިކަމާއި ހަމަޖެހުން ޤާއިމުކުރުމަށް މަސައްކަތްކުރާ ދީނެވެ.
“އިސްލާމްދީނުގެ ނަބިއްޔާ مُحَمَّدٌ ގެފާނު ފޮނުއްވުނީ މި ރަޙުމަތާއި އޯގާތެރިކަން ފެތުރުއްވުމަށެވެ. އެކަލޭގެފާނަކީ މަތިވެރި އަޚުލާޤާއި ތަނަވަސް ހިތްޕުޅެއްގެ ވެރި ބޭކަލެކެވެ. މައްކާގެ މުޝްރިކުން އެކަލޭގެފާނު އަވަހާރަކޮށްލުމަށް މަސައްކަތްކުރަމުން ދިޔަ އިރު، އެކަލޭގެފާނު އެމީހުންނާ މެދު އޯގާތެރިވެވަޑައިގަތެވެ. އެކަލޭގެފާނު މައްކާއިން ނެރެލައި އަނިޔާދިން މީހުންނާ މެދު ޢަމަލުކުރެއްވީ ނުހަނު އޯގާތެރިކަމާއި ރަޙުމާއި ކުލުނާ އެކުގައެވެ. އެކަލޭގެފާނުގެ ދިރިއުޅުއްވުމުގެ ކޮންމެ ކަމަކުން ވެސް ފެނިފައިވަނީ ރަޙުމަތާއި އޯގާވެރިކަމެވެ. އެކަލޭގެފާނު ކުޑަކުދީންނަށް ލޯބިދެއްވައި، މުސްކުޅީންނަށް އިޙުތިރާމުކުރައްވައި، ބަލިމީހުންނަށް ޒިޔާރަތްކުރައްވައި، އަޅުންނަށް ހެޔޮކޮށް ހިއްތެވިއެވެ.” ޚުތުބާގައި ވެއެވެ.
އިސްލާމްދީނަކީ ހިތްތިރިކަމާއި މަޑުމައިތިރިކަމަށް ގޮވައިލާ ދީނެވެ. އިސްލާމީ އުންމަތުގެ އަފުރާދުންނަކީ، އެއް ބަޔަކު އަނެއް ބަޔަކަށް ރަޙުމްކުރާ، އޯގާތެރި، ބަޔަކަށްވުމަށް އިސްލާމްދީން ބާރުއަޅައެވެ. މި މަތިވެރި ސިފަތަކުގެ ސަބަބުން ދުންޔަވީ އަމާންކަމާއި ހަމަޖެހުން ލިބި، އުޚުރަވީ ބާއްޖަވެރިކަން ލިބެއެވެ.

