މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރުގެ ނޮވެމްބަރު މަހު އުމްރާގެ އަޅުކަމަށް ފުރާ އުމްރާވެރީން ފުރަން ފަށައިފިއެވެ. މި އުމްރާ ދަތުރުތައް ހަމަޖެހިފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އުމްރާވެރިން ސައުދީއަށް ފުރުމަށް ހަމަޖެހިފައިވަނީ ސައުދީ އެއަރލައިންގެ އިތުރުން ޤައުމީ އެއަރލައިން މޯލްޑިވިއަންގައެވެ.
ފުރަތަމަ ގްރޫޕްގައި މިއަދު ފުރާފައިވަނީ 42 އުމްރާވެރީންނެވެ. އަދި ދެވަނަ ގްރޫޕްގެ އުމްރާވެރިން މާދަމާ ފުރާނީ މޯލްޑިވިއަންގައެވެ. އެ ފްލައިޓުގައި 122 އުމްރާވެރީން ފުރާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ވަނީ ހާމަކޮށްފައެވެ.
ހައްޖު ކޯޕަރޭޝަނުން ވިދާޅުވީ، ހުރިހާ އުމްރާވެރީން ވެސް އުމްރާކުރުމުގެ އިތުރަށް މައްކާ، މަދީނާ، ޠާއިފް އަދި ޖިއްދާގެ ތާރިޚީ އަދި މުހިންމު ތަންތަނާއި ބިނާތަކަށް ޒިޔާރަތްކުރާނެ ކަމަށެވެ. އެގޮތުން މައްކާގައި އުމްރާވެރީން ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ތަންތަނުގެ ތެރޭގައި ޘައުރު ފަރުބަދަ، ޖަބަލުއް ރަޙުމާ ނުވަތަ ޢަރަފާތު، މިނާ، މުޒްދަލިފާ، ނޫރު ފަރުބަދަ، އަދި ޖަމުރާތައް ހިމެނެއެވެ. މީގެ އިތުރުން މަދީނާގައި ޤުބާ މިސްކިތާއި، ކަދުރު ބާޒާރާއި އުހުދު ފަރުބަދަ ފަދަ ތަންތަން ހިމެނެއެވެ. އަދި މަސްޖިދުއް ނަބަވީ އަށާއި، ރައުޟާ އަދި ހިރާ ކަލްޗަރަލް ސެންޓަރަށްވެސް އުމްރާވެރީން ޒިޔާރަތްކުރާނެއެވެ.
ޠާއިފް އަދި ޖިއްދާގެ ތާރީޚީ ތަންތަން
ޠާއިފްގައި އުމްރާވެރިން ޒިޔާރަތްކުރާނެ ބައެއް ތަންތަނުގެ ތެރޭގައި، ރޯޒް ގާޑަން ނުވަތަ ސެންޓު ހަދާ ފެކްޓްރީއާއި، ދޫނި ޕާކާއި، ބައެއް ތާރީޚީ މިސްކިތްތައް ވެސް ހިމެނެއެވެ. މީގެ އިތުރުން ކޭބަލް ކާރު ދުއްވުމުގެ ފުރުޞަ ތުވެސް އުމްރާވެރީންނަށް ފަހިކޮށްދޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ވަނީ ވިދާޅުވެފައެވެ. އުމްރާވެރީން ޖިއްދާއަށް ކުރާ ޒިޔާރަތުގައި އެތަނުގައި ހުންނަ ދާރުލްއާޘާރާއި، އެނޫން ވެސް ތާރީޚީ އަދި އިސްލާމީ ބައެއް ބިނާތަކާއި ތަންތަނަށް ޒިޔާރަތްކުރާނެއެވެ.
ހައްޖު ކޯޕަރޭޝަނުން އަންނަނީ އެކުންފުނިން ފޯރުކޮށްދޭ އުމްރާ އަދި ހައްޖުގެ އަޅުކަމުގެ ކަންކަން އެއްފަހަރުން އަނެއްފަހަރަށް ފެންވަރު ރަނގަޅުކުރަމުންނެވެ. އަދި އުމްރާވެރީންނާއި ހައްޖާޖީނަށް ޒަމާނީ އަދި ފަސޭހަ ޚިދުމަތްތައް ދިނުމަށް މި ކުންފުނިން އަންނަނީ މަސައްކަތްކުރަމުންނެވެ. މި ދަތުރުތަކަކީ އުމްރާގެ އަޅުކަން ފުރިހަމަކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ހައްޖު ކޯޕަރޭޝަނުން ފާހަގަކުރެއެވެ.

