ދުންފަތުގެ ނުރައްކަލާ ދެކޮޅަށް ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން 24 ގަޑިއިރަށް ކުރިއަށްގެންދާ ޚާއްސަ ދުވުމެއް ރާއްޖޭގައި ފަށައިފިއެވެ. މިއީ އަންނަ ނޮވެމްބަރު 1 އިން ފެށިގެން ރާއްޖޭގައި ތަންފީޒުކުރަން ފަށާ “ޖެނެރޭޝަން ބޭން” އާ ގުޅުވައިގެން ކުރިއަށްގެންދާ ޚާއްސަ ހަރަކާތެކެވެ. “ނެޝެނަލް ޓޯޗް ރަން” މި ނަމުގައި ކުރިއަށްގެންދާ މި ހަރަކާތް ފަށްޓަވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމްއެވެ.
މި ދުވުން ކުރިއަށްދާނީ މިއަދު ހަވީރު 4 އިން ފެށިގެން މާދަމާ ހަވީރު 4 އަކާ ހަމައަށް މާފަންނު އެކުވެނި ޓްރެކުގައެވެ. މި ހަރަކާތުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ އެތުލީޓުންނާއި ކުޅިވަރު ކްލަބްތަކާއި އެސޯސިއޭޝަންތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. މި ދުވުމަކީ ޞީއްޙީ ވުޒާރާއިން އިސްނަގައިގެން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާއާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) އަދި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ ޚާއްސަ ހަރަކާތެކެވެ. މި ހަރަކާތް ކުރިއަށްގެންދަނީ “ދުޅަހެޔޮ ޖީލަކަށް އެންމެން އެކުގައި” މި ޝިއާރުގެ ދަށުންނެވެ.
މި ހަރަކާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޙަސަން މުޙައްމަދު ވިދާޅުވީ، ޖެނެރޭޝަން ބޭންގެ އެންމެ މުހިންމު ބޭނުމަކީ ޖީލަކަށްފަހު ޖީލެއް ދުންފަތުގެ ވަބާއިން ސަލާމަތްކުރުންކަމަށާއި، ކުޑައިރުންސުރެ ދުޅަހެޔޮ ފުދުންތެރި ދިރިއުޅުމަކަށް ބާރު އެޅުންކަމަށެވެ. އަދި މިކަން ތަންފީޒުކުރާ ފުރަތަމަ ޤައުމަކަށް ރާއްޖެވުމަކީ ހަރުދަނާ ޖީލެއް ބިނާކުރުމަށް ކުރިއަށްއެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ. ޙަސަން މުޙައްމަދު އިތުރަށް ވިދާޅުވީ، “އަޅުގަނޑު ދަންނަވާލާނީ ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރުމަށް މިހާރު އަޅާފައިވާ ހަރުދަނާ އަދި ގިނަގުނަ ފިޔަވަޅުތަކަށް ބަލާއިރު އަޅުގަނޑުމެން މިތިބީ މިފަދަ ތަފާތު އެކަމަކު ދުރު ރާސްތާގައި ހެޔޮ ނަތީޖާ ލިއްބައިދޭނެ ޖެނެރޭޝަނަލް ބޭން ސިޔާސަތަށް ތައްޔާރު ހާލަތުގައި. މިފަދަ ސިޔާސަތެއް ތަންފީޒުކުރުމަށް އެންމެ މުހިންމު ވެގެންދަނީ ޕޮލިޓިކަލް ކޮމިޓްމަންޓް. ސަރުކާރުގެ ހުރިހާ ދިމާލަކުންވެސް ފެންނަނީ ދުންފަތް ކޮންޓްރޯލްކުރުމާއި ދުޅަހެޔޮ މުޖުތަމަޢުއަކަށް މަގުފަހިވާނޭހެން ކަންކަން ތަރުތީބުކުރުމަށް ހުރިހާ އިދާރާއަކުން މަސައްކަތްކުރާ ތަން.” މިފަދައިންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު މިސް ޕޭޑެން ވަނީ ރާއްޖޭގައި ޖެނެރޭޝަނަލް ބޭން ތަންފީޒުކުރަން ފެށިފެށުމަކީ ދުޅަހެޔޮ މުސްތަޤުބަލަކަށް ރާއްޖެފަދަ ކުޑަ ޤައުމަކުން އެޅި ވަރަށް ހިތްވަރުގަދަ ނިންމުމެއްކަމަށް ސިފަކުރައްވާފައެވެ. އަދި ސަރުކާރުގެ މި ނިންމެވުމަށް ޑަބްލިޔުއެޗްއޯއިން މަރުޚަބާ ކިޔާކަމަށްވެސް ޕޭޑެން ވިދާޅުވިއެވެ.
މި ދުވުމަކީ ދުންފަތުގެ ނުރައްކާ އަންގައިދީ، ދުންފަތާ ދެކޮޅަށް މަސައްކަތް ކުރުމަށް އާންމުންނަށް ހިތްވަރުދީ ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދާ ޚާއްސަ ހަރަކާތެކެވެ. މި ހަރަކާތުގައި ހުރިހާ އުމުރެއްގެ މީހުންނަށްވެސް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވެއެވެ. “ނެޝެނަލް ޓޯޗް ރަން” ގެ ތެރެއިން ދުންފަތުގެ ވަބާއިން ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށްޓަކާ މޯބައިލް ސިޒޭޝަން ކްލިނިކްތަކާއި، ދުންފަތުގެ ނުރައްކާ އަންގައިދީ ހޭލުންތެރިކުރުމަށްޓަކާ ޚާއްސަ އެޑްވޮކަސީ ސްޓޯލްތައްވެސް ވަނީ ބަހައްޓާފައެވެ.

