ދުންފަތުގެ އިސްތިޢުމާލާ ދެކޮޅަށް ރާއްޖެއިން ތަންފީޒުކުރަން ފަށާ “ޖެނެރޭޝަން ބޭން” އަކީ ޤައުމީ ފެންވަރުގައި ކުރެވޭ ވަރަށް މުހިންމު މަސައްކަތެއްކަމަށާއި، މި ސިޔާސަތު ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށް ހުރިހާ އެންމެންގެ ޝާމިލުވުމާއި ބައިވެރިވުން މުހިންމުކަމުގައި ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ދުންފަތާ ދެކޮޅަށް ރާއްޖޭން ޖެނެރޭޝަން ބޭން ތަންފީޒުކުރަން ފެށުން ފާހަގަކުރުމަށް ބޭއްވި “ނޭޝެނަލް ޓޯޗް ރަން” ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ. މި ޖެނެރޭޝަން ބޭން ތަންފީޒުކުރަން ފަށާނީ މި ފެށޭ ނޮވެމްބަރު އެކަކުން ފެށިގެންނެވެ. މިއާއެކު 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ ފަރާތްތަކަށް ދުންފަތުގެ އިސްތިޢުމާލުކުރުމާއި ވިއްކުންވެސް މަނާވެގެންދާނެއެވެ.
ޞިއްޙީ ވަޒީރު ވިދާޅުވީ، ރާއްޖޭގައި ދިމާވާ ޞިއްޙީ ގިނަ މައްސަލަތައް ގުޅިފައިވަނީ ޞިއްޙަތާ ބީރައްޓެހި އަދި ކަނޑައެޅިގެން ބޮޑެތި ބަލިތަކަށް ހުށަހެޅޭ އާދަތަކާކަމަށެވެ. އެގޮތުން މިފަދަ އާދަތަކުން މުޖުތަމަޢުއާއި ޅަދަރިން ރައްކާތެރިކޮށް، ދުޅަހެޔޮ އާދަތަކަށް ރައްޔިތުން އަހުލުވެރިކޮށް، ޞިއްޙީގޮތުން ރައްކާތެރި، ދުޅަހެޔޮކަމަށް މަގުފަހިވާނޭހެން ކަންކަން ތަރުތީބުކުރުމަކީ މިއަދު އެންމެ ބޮޑު އިސްކަމެއްދޭންޖެހޭ ކަންތައްކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިގޮތުން ދުންފަތާ ދެކޮޅަށް ޖެނެރޭޝަން ބޭންއެއް ތަންފީޒުކުރާ ފުރަތަމަ ޤައުމަކަށް ރާއްޖެވެގެންދާއިރު، މި ސިޔާސަތު ކާމިޔާބުކަމާއެކު ތަންފީޒުކުރުމުގައި އެންމެންގެ ބައިވެރިވުމާއި ޝާމިލުވުން މުހިންމުކަމަށް ވަޒީރު ނާޡިމް އިޝާރާތްކުރެއްވިއެވެ.
ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، މި ސިޔާސަތު ތަންފީޒުކުރުމުގެ ނިންމެވުމަކީ ދުނިޔޭގެ ފެންވަރުގައި ތަޢުރީފު ލިބިފައިވާ ތާރީޚީ އަދި ބޯލްޑް ނިންމެވުމެއް ކަމަށެވެ.
“މިއަހަރުގެ މެއިމަހުގެ 21 ވަނަ ދުވަހު ރައީސް ޖަނަރޭޝަން ބޭންގެ ޤާނޫނު ތަންފީޒުކުރެއްވުން، އަދި އެ ޤާނޫނުގެ ދަށުން އަޅުގަނޑުމެންގެ ޒުވާން ޖީލު ރައްކާތެރިކޮށްދެއްވާނެކަމަށް ދެއްވި ޔަޤީންކަމާއެކު ދިވެހިރާއްޖެ ވެގެން މިދަނީ މިފަދަ ސިޔާސަތެއް ދުނިޔޭގައި ތަންފީޒުކުރާ އެންމެ ފުރަތަމަ ޤައުމަށް. މި ނެންގެވި ތާރީޚީ އަދި ބޯލްޑް ނިންމެވުމަށް ދުނިޔޭގެ އެހެނިހެން ޤައުމުތަކުންނާއި ޞިއްޙަތާގުޅުންހުރި އިދާރާތަކުން ތަޢުރީފުކޮށް ރައިސާއި ސަރުކާރަށް ވަނީ އެކަމުގެ ތައުރީފުކޮށްފައި.” ޞިއްޙީ ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ދުޅަހެޔޮ ޞިއްޙަތެއް ލިބުމަކީ އިންސާނަކަށް ލިބޭނެ އެންމެ އަގުހުރި ނިޢުމަތްކަމަށާއި، އެ ނިއުމަތަށް ޝުކުރުވެރިވުމަކީ އެ ނިއުމަތަށް އިހުމާލުނުވެ ރައްކާތެރިވުންކަމަށެވެ. އަދި ސަލާމަތް ޞިއްޙަތެއްގައި ހުރުމަކީ ދިރިހުރުމާއި ދިރިއުޅުން އެކަމެއްގެ މައްޗަށް ބިނާވެގެންވާ ކަމެއްކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
މި ސަރުކާރުގެ ޞިއްޙީ ދާއިރާގެ މައިގަނޑު އަމާޒަކީ ދުޅަހެޔޮ ފަރުދެއް، ދުޅަހެޔޮ އާއިލާއެއް، ދުޅަހެޔޮ މުޖުތަމަޢެއް އަދި ދުޅަހެޔޮ ދިވެހީންގެ ރާއްޖެއެއް ބިނާކުރުންކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ޞިއްޙީ ރަނގަޅު މަޢުލޫމާތު ފޯރުކޮށްދިނުމާއި، ދުރާލާ ބަލިތަކުން ރައްކާތެރިވުމާއި އަދި ބަލިވުމުން ލިބެންޖެހޭ ފަރުވާގެ ކަންކަން ކަށަވަރުކުރުމަށް މިކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ވަށާޖެހޭގޮތެއްގައި މަސައްކަތްކުރުމަކީ މިއަދުގެ ސަރުކާރުގެ ޞިއްޙީ ސިޔާސަތުގެ މައިގަނޑު އަމާޒުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

