މިއަދު ވޯލްޑް ބޭންކްގެ މަންދޫބުންނާއި، ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ އޮފިޝަލުންނާ ދެމެދު “ދިވެހިރާއްޖޭގެ ސާފު ތިމާވެށި މަޝްރޫޢު” ކުރިއެރުމާއި، އެ މަޝްރޫޢު ނިންމުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ވޯލްޑް ބޭންކްގެ ފަރާތުން މިސް ލަން ތި ތޫ ނުގުޔެން ވަނީ މި މަޝްރޫޢުން ހާސިލްކުރެވިފައިވާ މުހިންމު ކާމިޔާބީތަކާއި، ކުރިއަށްދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.
މިއީ މި މަޝްރޫޢުގެ ފަހު ދަތުރުފުޅު ނުވަތަ ފައިނަލް މިޝަންގެ މަޝްވަރާތަކެކެވެ. “ދިވެހިރާއްޖޭގެ ސާފު ތިމާވެށި މަޝްރޫޢު” އަކީ ދިވެހިރާއްޖޭގެ ޒޯން 2، 4 އަދި 5 ގެ ރަށްތަކުގެ ކުނި މެނޭޖްކުރުމާއި ތިމާވެށީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން، ކުނި މެނޭޖްކުރުމުގެ ނިޒާމުތައް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާއިރު، ތިމާވެށި ރައްކާތެރިކުރުމަށް ވެސް މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ. މަޝްވަރާތަކުގައި، މި މަޝްރޫޢުގެ ދަށުން ކުރެވުނު ކާމިޔާބު މަސައްކަތްތަކުގެ ތަފްސީލުތައް ހިއްސާކޮށް، ކުރިއަށް އޮތް ތަނުގައި މިފަދަ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ގޮތްތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރެވުނެވެ.
މި މަޝްރޫޢު ނިމުމަކަށް އަންނައިރު، އޭގެ ދަށުން ހާސިލްކުރެވުނު ކާމިޔާބީތަކަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކަމަށް ބެލެވެއެވެ.

