އިތުރު ވަގުތުށްދޭ ފައިސާގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ހުއްޓުވުމުގެ މަޤްޞަދުގައި، ދިވެހި ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކަށް ނޭޝަނަލް ޕޭ ކޮމިޝަނުން އިސްލާހުތަކެއް ހުށައަޅުއްވައި، ގެޒެޓްކުރުމާއެކު އެއަށް ޢަމަލުކުރަން ފަށައިފިއެވެ. މި އިސްލާޙުތަކުގެ މައިގަނޑު ބޭނުމަކީ އިތުރު ގަޑީގެ ފައިސާ އޭގެ ޙައްޤުވެރިންނަށް ލިބޭނެކަން ކަށަވަރުކުރުމާއި، މަސައްކަތުގެ ވަގުތުތައް ހަރުދަނާކުރުމެވެ.
މި އިސްލާހުތައް ގެނައުމުގެ އެއް ބޭނުމަކީ ދައުލަތުގެ އެކި އިދާރާތަކުން ޚިދުމަތް ފޯރުކޮށްދެންޖެހޭ ވަގުތާއި ގޮތްތަކުގައި ހުރި ބޮޑެތި ފަރަގުތައް ނައްތާލުމެވެ. އަދި ރަސްމީ ގަޑި ނުވަތަ ޑިއުޓީ ގަޑި ކަނޑައަޅާ ގޮތުގެ ސަބަބުން ބައެއް މުވައްޒަފުން އެއްވެސް މަސައްކަތެއް ނެތް ގޮތުގައި ގިނަ ވަގުތު އިސްރާފުވާ ފަދަ ހާލަތުތައް މެދުވެރިވިޔަ ނުދިނުމަށްޓަކައި، މަސައްކަތުގެ ވަގުތުތައް ރޭވުމަށް ބަދަލުތައް ގެނައުމަކީވެސް މުހިންމު ކަމެކެވެ. މީގެ އިތުރަށް، މުވައްޒަފުންނަށް ފައިދާވާނެ ގޮތަށް ފަހެލިކޮށް މަސައްކަތު ވަގުތާއި ގަޑި ކަނޑައެޅުމަށް މަގުފަހިކުރުމަކީވެސް މި އިސްލާހުތަކުގެ މަޤްޞަދެކެވެ.
އިސްލާހުގައިވާ ގޮތުން، އިތުރު ގަޑީގެ ފައިސާ ދެވޭނީ މަސައްކަތުގެ 8 ގަޑިއިރު ނުވަތަ އެ އިދާރާއަކުން ކަނޑައަޅައި މަސައްކަތްކުރަންޖެހޭ ވަގުތު ހަމަވުމަށްފަހުގައެވެ. އަދި އަމިއްލަ ބޭނުމެއްގައި މަސައްކަތުގެ މާޙައުލުން ބޭރުގައި ހޭދަކޮށްފައިވާ އެއްވެސް ވަގުތެއް، އެ ދުވަހުގެ މަސައްކަތުގެ 8 ގަޑިއިރު ގުނުމުގައި ހިމަނައިގެން ނުވާނެކަމަށް ވަނީ ކަނޑައަޅާފައެވެ. ނަމަވެސް، ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ކެއުމުގެ ގަޑިއާއި ނަމާދުކުރުމުގެ ވަގުތު ފަދަ ހުސްވަގުތުތަކަކީ އަމިއްލަ ބޭނުމެއްގައި މަސައްކަތުގެ މާޙައުލުން ބޭރުގައި އުޅުނު ވަގުތުކަމުގައި ނުބެލެވޭނެއެވެ.
އިތުރު ވަގުތުގެ ފައިސާ ދެވޭނެ ޚާއްސަ ދުވަސްތަކެއްވެސް މި އިސްލާހުތަކުގައި ވަނީ ކަނޑައަޅާފައެވެ. އެގޮތުން، ރަސްމީ ބަންދު ދުވަސްތަކާ އެއްގޮތަށް އިތުރު ގަޑީގެ ފައިސާ ދެވޭނެ ދުވަސްތަކުގެ ތެރޭގައި ރަމަޟާންމަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް މަސައްކަތްކުރާ ދުވަސްތަކާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމަކުން ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާ ދުވަސްތައް ހިމެނެއެވެ.
އައު ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކުގެ ތެރޭގައި ފަހެލި މަސައްކަތު ވަގުތާއި ގަޑި ކަނޑައެޅުމުގައި އިސްކަންދޭންޖެހޭ މުހިންމު ކަންތައްތަކެއް ވަނީ ކަނޑައަޅާފައެވެ. މަސައްކަތުގެ ގަޑި ކަނޑައެޅުމުގައި، ސަރުކާރުގެ ރަސްމީ ގަޑީގައި ކޮންމެހެން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކަށް ބުރޫނާރާނެ ގޮތަކަށް ހަމަޖެއްސުމަށް އިސްކަންދޭން ޖެހެއެވެ. އަދި އެއް ބާވަތެއްގެ މަސައްކަތް ކުރާ މުވައްޒަފުންނަށް ފަހެލި މަސައްކަތު ގަޑީގެ ފުރުޞަތު އެއްހަމައެއްގައި ދިނުމާއި، މުވައްޒަފުގެ ދިރިއުޅުމުގެ ޙާލަތަށް ރިޢާޔަތްކޮށް ފަސޭހަވާނެ ގޮތަކަށް ގަޑި ކަނޑައެޅުމަށްވެސް ވަނީ އަންގާފައެވެ.
މި އިސްލާޙުތަކުގެ މައިގަނޑު މަޤްޞަދަކީ އިތުރު ގަޑީގެ ފައިސާ އޭގެ ޙައްޤުވެރިންނަށް ލިބޭނެކަން ކަށަވަރުކުރުމާއި، މަސައްކަތުގެ މާޙައުލު ހަރުދަނާކުރުމެވެ. މީގެ އިތުރުން، އައު ޕޭ ފްރޭމްވަރކްގެ ދަށުން މުސާރަ މަދުވާ މުވައްޒަފުންނަށް ޚާއްސަ އިނާޔަތެއް ލިބޭނެކަމަށްވެސް ވަނީ ހާމަކޮށްފައެވެ.

