ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ މަގު ފަހިކޮށްދޭނެ ކަމަށް ބެލެވޭ ޔަންމާ ރެފްރިޖެރޭޓެޑް ސީވޯޓަރ (އާރްއެސްޑަބްލިއު) ނިޒާމު، އެމްޓީސީސީއާ ގުޅިގެން ރަސްމީކޮށް މިއަދު ވަނީ ތަޢާރަފުކޮށްފައެވެ. މި ނިޒާމު ރަސްމީކޮށް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ގދ. މަޑަވެލީގައެވެ. މި ރަސްމިއްޔާތާއެކު، ޔަންމާއިން ޚާއްސަކޮށް ރާއްޖެއަށް އުފެއްދި މި ނިޒާމު ދިވެހި މަސްދޯންޏެއްގައި ހަރުކޮށް، ކޮމިޝަންކުރުން ވަނީ ފާހަގަކުރެވިފައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މަސްވެރިކަމާއި ކަނޑުތަކުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު، އޮނަރަބަލް އަޙްމަދު ޝިޔާމްއެވެ. ރަސްމިއްޔާތުގައި ޔަންމާ އޭޝިއާ ސިންގަޕޫރު ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑައިރެކްޓަރ ޖެކްސަން ޒާން އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢުދީގެ އިތުރުން މަޑަވެލީ ކައުންސިލްގެ އިސްވެރިންނާއި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ނިޒާމު އެންމެ ފުރަތަމަ ހަރުކުރި މަސްވެރި އުޅަނދު ކަމަނަ އޮޑީގެ ވެރިފަރާތް އަލްފާޝިލް ސޯދިފްއަށް މިރޭގެ ރަސްމިއްޔާތުގައި ހަނދާނީ ފިލައެއް ވަނީ އަރުވާފައެވެ.
އެމްޓީސީސީއާއި ޔަންމާ ގުޅިގެން ތަޢާރަފުކުރި މި ނިޒާމަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް، ތިމާވެއްޓާ ރައްޓެހި އުފެއްދުމެކެވެ. ލޮނުފެން ފިނިކޮށްދިނުމަށް މި ނިޒާމުގައި ބޭނުންކުރާ ސީއޯޓޫ ރެފްރިޖަރަންޓަކީ ތިމާވެއްޓާ ރައްޓެހި ކެމިކަލެކެވެ. މަސްވެރިންނަށް މި ނިޒާމުގެ ސަބަބުން ގިނަ ފައިދާތަކެއް ލިބޭނެއެވެ. އައިސް ނުލިބުމުގެ ދަތިކަން ނައްތާލައި، އުޅަނދު ހިންގަން ކުރާ ޚަރަދު ކުޑަކުރެވޭނެއެވެ. މީގެ އިތުރުން، މަސް ފިނިކޮށްދީ މަހުގެ ހަލާކުވުން ކުޑަކޮށް، އާދައިގެ ކޮލިޓީ ދަމަހައްޓައިދިނުމަށް މި ނިޒާމު އެހީތެރިވެދެއެވެ. މީގެ އިތުރުން، މި ނިޒާމުގެ ޓެކްނޮލޮޖީއާއި ކޮންޓްރޯލް ޔުނިޓްގެ ޔޫޒާ އިންޓަރފޭސްގެ ސަބަބުން، ކަސްޓަމަރުންނަށް މި ނިޒާމު ބޭނުންކުރަން ފަސޭހައިން ދަސްކުރެވޭނެއެވެ.
އާރްއެސްޑަބްލިއު ނިޒާމެއް ތަޢާރަފުކުރުމަކީ ބޮޑު ޚަރަދެއް ހިނގާ ކަމަކަށްވާތީ، މި މަޝްރޫޢު ފުރިހަމަ ގޮތުގައި ކުރިއަށްގެންދިއުމަށް ބޭނުންވާ ބޭރު ފައިސާ ދިވެހި ސަރުކާރުން ވަނީ ހަމަޖައްސަވައިދެއްވާފައެވެ. މީގެ އިތުރުން، މިދިޔަ އަހަރު ސަރުކާރުން ވަނީ މި ނިޒާމު ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ފައިނޭންސިން ސްކީމެއް އިފްތިތާޙުކޮށްދެއްވާފައެވެ. އެ ސްކީމްގެ ދަށުން އާރްއެސްޑަބްލިއު ޔުނިޓާއި ޖެނެރޭޓަރ އަދި ސޯލާ ޕެނަލް ހަރުކުރަން ބޭނުންވާ ފަރާތްތަކަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސިން ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ލޯން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސަވާފައެވެ.

