ތިނަދޫ ކައުންސިލް ހަވަރު އޮފީސް ފުޓްސަލް މުބާރާތް، (ޓީސީއެޗްއެފްޓީ) 2021 ފެށުމުގެ ރަސްމިއްޔާތު މިއަދު ހަވީރު ބާއްވައިފިއެވެ.
ތިނަދޫ އާރު އަވަށު ފުޓްސަލް ދަނޑުގައި މިއަދު ފެށިގެންދިޔަ އޮފީސް ފުޓްބޯޅަ މުބާރާތުގެ ޝަރަފުވެރި މެހެމާނަކީ ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީއެވެ.
މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސައުދު ވިދާޅުވީ ދެން ބާއްވާ މުބާރާތްތައް މިއަށްވުރެ ފުރިހަމަ ވާނެ ކަމަށެވެ.
މިއަދު ހަވީރު 4:30 ގައި ފެށިގެންދިޔަ މިމުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ޑރ.އަބްދުއްސަމަދު މެމޯރިޔަލް ހޮސްޕިޓަލާއި ޕަބްލިކް ވަރކްސްއެވެ. 3-1 އިން މިމެޗް ކާމިޔާބު ކޮށްފައިވަނީ ޑރ.އަބްދުއްސަމަދު މެމޯރިޔަލް ހޮސްޕިޓަލްގެ ޓީމެވެ. މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ހޮސްޕިޓަލް ޓީމްގެ ޖާޒީ ނަންބަރ 5 ޝާހިދު އަލީއެވެ.
މިމުބާރާތުގެ ގްރޫޕްތައް ބަހާލެވިފައިވާ ގޮތަށް ބަލާލާއިރު ގްރޫޕް އޭ ގައި މިހިމެނެނީ:
- ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް
- އެމްއައިބީ އެމްއެންޔޫ
- ގދ އަތޮޅު ކައުންސިލް
- ގދ އޭއީސީ
- ޕަބްލިކް ވާރކްސް އެވެ.
ގްރޫޕް ބީ ގައި ހިމެނޭ މުވައްސަސާތަކަކީ:
- ޕޮލިސް
- އެމްއެންޑީއެފް
- އާރްޑީސީ
- ކޭޑީއެމް
- ފެނަކަ
ގްރޫޕް ސީ ގައި މިހިމެނެނީ:
- އެސްޓީއޯ
- ކައުންސިލް
- ދިރާގު
- އޭވިއޭޝަން ކޮމާންޑް
ޖުމްލަ 28 މުވައްސަސާއަކުން 24 ޓީމް ހިމެނޭ ގޮތަށް ބާއްވާ މިމުބާރާތަކީ ކައުންސިލުން 70 ހާސް ރުފިޔާގެ ބަޖެޓެއް ޚަރަދުކޮށްގެން އިންތިޒާމް ކުރި އޮފީސް ފުޓްބޯޅަ މުބާރާތެކެވެ.
މިއީ ކޮންމެ އަހަރަކު އެއްފަހަރު ކައުންސިލުން ބާއްވާ މުބާރާތެކެވެ. އަދި މި އަހަރުގެ އޮފީސްތަކުގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަށް ހުށަހަޅާފައިވާ ފައިސާ ގެ އިނާމަކީ 10000 ރުފިޔާ އެވެ. ތިނަދޫ ކައުނަސިލްގެ ފަރާތުން ބާއްވާ އޮފީސް ފުޓްސަލް މުބާރާތް އެވޯޑް ކޮށްފައިވާ ހަވަރު ސްޕޯޓްސް އިން މީހާތަނަށް ވަނީ ވަރަށް ކާމިޔާބު އަދި ފުރިހަމަ 7 ފުޓްސަލް މުބާރާތް ތިނަދޫ ގައި ބާއްވާފައެވެ. ހަވަރު ސްޕޯޓްސް އިން އެންމެ ފަހުން އޮފީސް ފުޓްސަލް މުބާރާތެއް ބޭއްވީ 2016 ވަނަ އަހަރުއެވެ. އެ ފަހަރު މުބާރާތް ބާއްވާފައި ވަނީ ތިނަދޫ ފުޓްބޯޅަ ދަނޑު ގައެވެ.

