ކެއްކުމުގެ ތެރޭގައި އެންމެ އުނދަގޫ އަދި އެންމެ ބޮޑަށް ހިތްދަތިކަން ގެނުވާ ކަމަކީ މިރުސް ނުވަތަ ކެޕްސިކަމް ފަދަ ކުޅިވާ ބާވަތްތައް ކޮށައި، މޮޑެ ނުވަތަ ތައްޔާރުކުރުމަށްފަހު އަތުން ދިލަ ނެގުމެވެ. މި ދިލައިގެ ވޭން ބައެއް ފަހަރު އެތައް ގަޑިއިރަކު ދެމިހުރެއެވެ. މިފަދަ ތަކެތި ކޮށުމަށްފަހު އަތުން ދިލަ ނަގަނީ ކީއްވެކަން ދެނެގަތުމަކީ، އެކަމުން ސަލާމަތްވުމަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަތުމަށް ވަރަށް މުހިންމު ކަމެކެވެ. މިއަދުގެ ފަތިސްތަރީގައި މިބަލާލަނީ މިރުސްފަދަ ކުޅިބާވަތްތައް ކޮށައި މޮޑެ ކަންތައް ކުރުމުން އަތުން ދިލަ ނަގާ ސަބަބުތަކާއި، އެކަމުން ސަލާމަތްވުމަށް ކުރެވިދާނެ އެންމެ އަސަރުގަދަ ހައްލުތައް ބަލައިލާނަމެވެ.
ދިލަ ނަގާ ސަބަބު: ކެޕްސައިސިން
މިރުސް ނުވަތަ މިރުސްފަދަ ބާވަތްތައް ކޮށުމުން އަތުން ދިލަ ނަގާ މައިގަނޑު ސަބަބު ނުވަތަ ހަގީގީ އަސްލަކީ އެތަކެތީގައި ހިމެނޭ "ކެޕްސައިސިން" (Capsaicin) ކިޔާ ކެމިކަލް މާއްދާއެކެވެ. މި މާއްދާއަކީ މިރުހަށް އޭގެ ކުޅިރަހަ ގެނެސްދޭ މައިގަނޑު މާއްދާއެވެ. މިއީ ތެލުގެ ސިފައަށް ހުންނަ މާއްދާއެކެވެ. މިރުހުގައި ކެޕްސައިސިން އެންމެ ގިނައިން ހުންނަނީ އެތެރޭގައި ހުންނަ ހުދުކުލައިގެ ބަޔާއި އޮށްތަކުގައެވެ. މިރުސް ކޮށާއިރު ނުވަތަ މޮޑޭއިރު، މި ކެޕްސައިސިން މާއްދާ ފަސޭހަކަމާއެކު އަތުގެ ހަމުގެ ތެރެއަށް ދެއެވެ.
ކެޕްސައިސިން ހަންގަނޑަށް ވާސިލުވާ ގޮތް
ކެޕްސައިސިން އަކީ ހަމުގައި ހުންނަ ތަދު އިޙްސާސްކޮށްދޭ ނާރުތަކުގެ ރިސެޕްޓަރ (Pain Receptors) ތަކާ ގުޅޭ މާއްދާއެކެވެ. މިގޮތަށް ގުޅިލުމުން، ސިކުނޑިއަށް ފޮނުވަނީ ހޫނުކަމުގެ ނުވަތަ އަނދާލުމުގެ ސިގްނަލްތަކެކެވެ. އެހެންކަމުން، ހަޤީޤަތުގައި ހަންގަނޑަށް އެއްވެސް ކެމިކަލް އަނިޔާއެއް ނުވަތަ ގެއްލުމެއް ނުދިން ނަމަވެސް، ހޫނުކަމާއި ތަދުގެ އިޙްސާސް ކުރެވެއެވެ. ކެޕްސައިސިން އަކީ ތެޔޮ މާއްދާއެއް ކަމުން، އާދައިގެ ފެނުން މި މާއްދާ ދޮވެލުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. ބައެއް ފަހަރު ފެނުން ދޮވެލުމުން އިތުރަށް ފެތުރިގެންދާގޮތް ވެސް ވެއެވެ.
ކެޕްސައިސިންގެ ސަބަބުން ދިލަ ނެގުން އިހުސާސް ކުރުވާ ގޮތް
ކެޕްސައިސިން އަކީ ހަމުގެ ތެރޭގައި ހުންނަ ނާރުތަކުގެ ތަދު އިހުސާސް ކުރާ ބައި "ޓީ.އާރް.ޕީ.ވީ ނުވަތަ ރިސެޕްޓަރ" (TRPV1 Receptor) ހޭލައްވާލާާ ބާވަތުގެ މާއްދާއެކެވެ. އާންމުކޮށް މި ރިސެޕްޓަރތައް ހަރަކާތްތެރި ވަނީ ހަމަށް އަސްލު ހޫނެއް ނުވަތަ އަލިފާނުގެ އަސަރެއް ކުރިމަތި ވުމުންނެވެ. ނަމަވެސް ކެޕްސައިސިން މި ރިސެޕްޓަރތަކާ ގުޅުމުން، ނާރުތަކުން ސިކުނޑިއަށް ފޮނުވަނީ ދިލަނެގުމުގެ ސިގްނަލްތަކެކެވެ. ނަތީޖާއެއްގެ ގޮތުން، އަތް ނޭނދިނަމަވެސް އަދި އަލިފާނުގެ އަސަަރެއް ނުކުރި ކަމުގައި ވިޔަސް، އަތުން ވަރަށް ބޮޑަށް ދިލަ ނަގައި، ތަދުވާ ކަމުގެ އިޙްސާސް ކުރެވެއެވެ. ކެޕްސައިސިން އަކީ ތެލުގެ ސިފައަށް ހުންނަ، ފެނަށް ނުގިރާ (hydrophobic) މާއްދާއެއް ކަމުން، އާދައިގެ ފެނުން އަތް ދޮވެލުމުން މި މާއްދާ ނުފިލައެވެ. ބައެއް ފަހަރު ފެން ބޭނުން ކުރުމުން މި މާއްދާ އިތުރަށް އަތުގެ ހަމުގެ ބޮޑު ސަރަހައްދަކަށް ފެތުރި، ދިލަ އިތުރު ވުމަކީވެސް ވެދާނެ ކަމެކެވެ.
ދިލަ ނެގުން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތައް
މިރުސް ކޮށުމުގެ ކުރިން ދިލަ ނެގުމަށް ހުރަސް އެޅުމަކީ އެންމެ ރަނގަޅު ގޮތެވެ. އެންމެ ފަސޭހަ އަދި އެންމެ ރަނގަޅު ގޮތަކީ މިރުސްފަދަ ތަކެތި ތައްޔާރުކުރާއިރު އެއްފަހަރު ބޭނުންކުރާ ގްލޯވްސް (Disposable Gloves) ބޭނުންކުރުމެވެ. ގްލޯވްސް ބޭނުންކުރުމުން ކެޕްސައިސިން އަތުގެ ހަންގަނޑަށް ވާސިލުވުމަށް ހުރަސްއަޅައެވެ.
އަތަށް ކުޑަ މިންވަރެއްގެ ތެޔޮ ފޮދެއް (ކައްކާ ތެޔޮ، ޒައިތޫނި ތެޔޮ ނުވަތަ ކާށި ތެޔޮ) އަޅައިގެން ރަނގަޅަށް އަތުގައި ހަންގަނޑަށް އަސަރު ކުރާ ވަރަށް އުނގުޅާށެވެ. ތެލުގެ ސަބަބުން ކެޕްސައިސިން މާއްދާ އަތުގެ ހަންގަނޑުގެ ތެރެއަށް ދިއުމަށް ހުރަސް އަޅާނެއެވެ.
ނަމަވެސް، ގްލޯވްސް ބޭނުން ނުކުރެވި ނުވަތަ ތެޔޮވެސް ބޭނުން ނުކުރެވި އަދި ދެން ދިލަ ނަގައިފިނަމަ، ތިރީގައިވާ ހައްލުތައް ބޭނުންކުރެވިދާނެއެވެ.
ކެޕްސައިސިން ފިލުވުމަށް އެޅިދާނެ ފިޔަވަޅުތައް ނޫނީ ދިލަ ނެގުން ފިލުވިދާނެ ގޮތްތައް
ކެޕްސައިސިން އަކީ ތެލަށް ގިރިގެންދާ (fat-soluble) މާއްދާއެއް ކަމުން، އެކަން ބޭނުންކޮށްގެން ދިލަ ފިލުވުމަށް އެހީތެރި ވެދޭނެއެވެ.
- ތެޔޮ ބޭނުން ކުރުން: އަތަށް ކުޑަ މިންވަރެއްގެ ތެޔޮ ފޮދެއް (ކައްކާ ތެޔޮ، ޒައިތޫނި ތެޔޮ ނުވަތަ ކާށި ތެޔޮ) އަޅައިގެން ރަނގަޅަށް އަތުގައި ހަންގަނޑަށް އަސަރު ކުރާ ވަރަށް އުނގުޅާށެވެ. އޭރަށް އަތުގައި ހުރި ކެޕްސައިސިން މާއްދާ ގިރިގެން ފިލައިގެން ދިއުމަށް އެހީތެރިވާނެއެވެ.
- ޑިޝް ސޯޕް ބޭނުންކުރުން: ތެޔޮ އުނގުޅުމަށްފަހު، ތެޔޮ ކަނޑުވާލުމުގެ ބާރު ހުންނަ ޑިޝް ސޯޕް (އާދައިގެ ސައިބޯނި އަށްވުރެ މާ ރަނގަޅު) ބޭނުން ކޮށްގެން ހޫނު ފެނުން އަތް ރަނގަޅަށް ދޮންނާށެވެ. މިކަމުގެ ސަބަބުން ކެޕްސައިސިންއާއެކު ގިރިފައިވާ ތެޔޮ ފިލައިގެން ދެއެވެ.
- ކިރު ނުވަތަ ޔޯގަޓް، ނުވަތަ ކިރުހުރި ކްރީމެއް ބޭނުންކުރުން: ކިރު، ފުލްކްރީމް(ކިރު ހުރި ކްރީމެއް/ ކައްކާ ކްރީމް) ނުވަތަ ޔޯގަޓް ފަދަ ކިރުގެ ބާވަތްތަކުގައި "ކޭސީން" (Casein) ކިޔާ ޕްރޮޓީނެއް ހުރެއެވެ. މި ޕްރޮޓީނަކީވެސް ކެޕްސައިސިން މާއްދާ ވަށާލައި، އެއަތުން ފިލުވުމަށް އެހީވެދޭ މާއްދާއެކެވެ. އަތުން ދިލަ ނަގާނަމަ، ކިރު ނުވަތަ ކްރީމް ތަށްޓެއްގެ ތެރެއަށް އަތް ލައިގެން ވަގުތުކޮޅެއް ހޭދަކޮށްލުމަކީވެސް ވަރަށް އަވަސް ހައްލެކެވެ.
- އެސިޑް: ލުނބޯ ހުތް ނުވަތަ ވިނެގަރ ފަދަ އެސިޑް މާއްދާތައް ބޭނުންކުރުމުން ކެޕްސައިސިންގެ އަސަރު ކުޑަކޮށް ނިއުޓްރަލައިޒް ކޮށްދެއެވެ.
މިރުސް ކޮށުމަށްފަހު އަތުން ދިލަ ނަގާ މައްސަލައަކީ ވަރަށް އާންމު މައްސަލައެއް ނަމަވެސް، އޭގެ ސަބަބު ކަމުގައިވާ ކެޕްސައިސިންގެ ހަގީގަތް އެނގިގެން ދިއުމުން، އެކަމަށް ހައްލު ހޯދުމަށް ފަސޭހަވެގެން ދެއެވެ. ދިލަ ނެގުމުގެ ކުރިން ގްލޯވްސް ބޭނުންކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ވިޔަސް، ދިލަ ނަގައިފިނަމަ، ތެލާއި، ކިރުގެ ބާވަތްތަކާއި، އަލްކަހޯލް ފަދަ ތަކެތި ބޭނުންކޮށްގެން ކެޕްސައިސިންގެ އަސަރު ވަރަށް އަވަހަށް ފިލުވާލެވިދާނެއެވެ. މިފަދަ ހައްލުތައް ބޭނުންކުރުމުން، ކެއްކުމުގެ މަސައްކަތްތައް އިތުރަށް ފަސޭހަވެ، ހިތްހަމަޖެހޭނެކަން ޔަގީނެވެ.


