އަންނަ 2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ކައުންސިލް ބްލޮކް ގްރާންޓްގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައިފިއެވެ.
ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ މިންވަރަކަށް، ފިސްކަލް ފޯމިއުލާއެއްގެ ތެރެއިން ހުރިހާ ކައުންސިލްތަކަށް ދޭ އެހީއެކެވެ.
ސަރުކާރުން އަލަށް ޖުޑީޝަރީއަށް މާލީ މިނިވަންކަން ދިނުމަށް ވަނީ މި އަހަރު ނިންމާފައެވެ.
އެހެން އަހަރުތަކާ ޚިލާފަށް މި އަހަރުގެ ބަޖެޓުގައި ޖުޑިޝަރީގެ ދާއިރާއަށް ހިނގާ ޚަރަދު ވާނީ ގްރާންޓެއްގެ ގޮތުގައި ދިނުމަށްވެސް ނިންމައިފައެވެ. އެ ގޮތުން ޖުޑީޝަރީ ސެކްޓޯރަލް ގްރާންޓްގެ ގޮތުގައި 807.9 މިލިއަން ރުފިޔާ ބަޖެޓްކޮށްފައިވެއެވެ.
މިއީ މިހާރު މިދާއިރާއަށް ކުރެވޭ ޚަރަދާ އަޅާބަލާއިރު 250 މިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ.
މި އަހަރާއި އަޅައިބަލާއިރު، އަންނަ އަހަރުގެ ބަޖެޓުގެ ކެޕިޓަލް ޚަރަދު 31.7 ޕަސެންޓްއިން އިތުރުވެ 9.3 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވެއެވެ. ސަބަބަކީ، މި އަހަރުގެ ޕީއެސްއައިޕީ ސިޔާސަތު އަންނަ އަހަރު ވެސް ހަމަ އެފަދައިން ކުރިއަށް ގެންދިޔުމާއެކު، އުމްރަނީ ތަރައްގީގެ އިތުރު މަޝްރޫއުތަކެއް ރާވައިފައި ވުމުންނެވެ.

