ޙަަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމަކަށް ޢަމަލުކުރަމުން ދަނިކޮށް ފަލަސްޠީނުގެ ޣައްޒާއަށް ހަތަރު ދުވަސް ވަންދެން ވިދިވިދިގެން އިސްރާއީލުން ދެމުންދާ ޙަމަލާތަކުގައި ތިން މީހުން ޝަހީދުވެއްޖެއެވެ. މިކަން ހާމަކޮށްފައިވަނީ ޣައްޒާގެ ސިއްޙީ ވުޒާރާއިންނެވެ.
ސުލްޙައިގެ އެއްބަސްވުމަށް އިޙްތިރާމް ކުރާނެކަމަށް ބުނުމަށްފަހު، އިސްރާއީލުގެ ސިފައިން ވަނީ މިއަދުވެސް ޣައްޒާގެ އެކި ސަރަޙައްދުތަކަށް ވައިގެ ޙަމަލާތައް ދީފައެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއިލުން ދިޔައީ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމުގެ މަޤްޞަދުގައި ދެ އަހަރު ވަންދެން ލާއިންސާނީ ޙަމަލާތައް ދެމުންނެވެ. ނަމަވެސް އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕްގެ އެހީތެރިކަމާއެކު އިސްރާއީލާއި ޣައްޒާގައި ވެރިކަންކުރާ ޙާމާސްއާ ދެމެދު މި އަހަރުގެ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހު ވަނީ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި ޖެހިގެން އައި ދުވަހު އެ އެއްބަސްވުމަށް ޢަމަލުކުރަން ފަށައިފައެވެ.
ނަމަވެސް، ސުލްޙައިގެ އެންމެ ފަހުގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން ވެސް، އިސްރާއީލުން ދެމުންދާ ޙަމަލާތަކުގައި ޣައްޒާގައި މިހާތަނަށް 104 މީހުން ވަނީ ޝަހީދުވެފައެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުން ދިޔަ ޤަތުލުޢާންމުގައި 68,000 އަަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ.

