ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ގެނެވުނު މުހިންމު އިސްލާޙުތަކަށް މިއަދު، ނޮވެންބަރު 1 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފަށައިފިއެވެ.
މި އިސްލާޙުތަކުގެ އެންމެ މުހިންމު އެއް ބަދަލަކީ، 2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމެވެ. މިއީ ޒުވާން ޖީލު ދުންފަތުގެ ނުރައްކަލުން ސަލާމަތްކުރުމަށް ސަރުކާރުން އެޅި ވަރުގަދަ ފިޔަވަޅެކެވެ.
ޤާނޫނަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި ދުންފަތުގެ ބާވަތްތައް ވިއްކުމުގެ އުސޫލުތައް ވަނީ ހަރުކަށިކޮށްފައެވެ. މިގޮތުން، 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކަށް އަދި ޢުމުރުން 21 އަހަރު ނުފުރޭ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުމަކީ މަނާ ކަމެކެވެ. މީގެ އިތުރުން، ދުންފަތުގެ ބާވަތްތައް ވިއްކޭނީ ހަމައެކަނި ލައިސަންސް އޮވެގެން ރަޖިސްޓްރީ ކޮށްފައިވާ ތަންތަނުން އެކަންޏެވެ. އޮންލައިންކޮށް ނުވަތަ ވެންޑިން މެޝިން ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ދުންފަތުގެ ބާވަތްތައް ވިއްކުމަކީ މިހާރު މަނާކަމެކެވެ. މީގެ މަޤްސަދަކީ، ދުންފަތުގެ ބާވަތް ގަންނަ ފަރާތަކީ ޤާނޫނުގައި މަނާކުރާ ޢުމުރުގެ މީހެއް ނޫންކަން ޔަޤީންކުރުމެވެ.
ވިޔަފާރިވެރިންގެ ޒިންމާ ބޮޑުކުރުމުގެ ގޮތުން، ދުންފަތް ގަންނަން އަންނަ މީހާގެ ޢުމުރު ކަށަވަރު ނުކުރެވޭނަމަ، އައިޑީ ކާޑު ނުވަތަ ޢުމުރު އަންގައިދޭ އެނޫންވެސް ޞައްޙަ ރަސްމީ ލިޔުމެއް ދެއްކުމަށް އެންގުމަށްފަހު މެނުވީ އެއްވެސް ފަރާތަކަށް ދުންފަތުގެ ބާވަތެއް ވިއްކައިގެން ނުވާނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި ވިޔަފާރިކުރާ ތަންތަނުގައި، ޤާނޫނުގައި މަނާކުރާ މީހުންނަށް އެ ތަކެތި ވިއްކުމަކީ ޤާނޫނާ ޚިލާފު ކަމެއްކަން އަންގައިދޭ އިންޒާރެއް ޢާންމުންނަށް ފެންނާނެހެން ބަހައްޓަން ޖެހޭނެއެވެ.
މީގެ އިތުރުން، އިލެކްޓްރޯނިކް ސިނގިރޭޓާއި، ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި، އެއާ އެކު ބޭނުންކުރާ އުފެއްދުންތައް ގެންގުޅުމާއި ބޭނުންކުރުން ވަނީ މަނާކޮށްފައެވެ. މިފަދަ ތަކެތި ގެންގުޅެނިކޮށް ނުވަތަ ބޭނުންކުރަނިކޮށް ފެނިއްޖެނަމަ އެތަކެތި އަތުލުމުގެ ބާރު ފުލުހުންނާއި ކަސްޓަމްސްއަށް ވަނީ ލިބިދީފައެވެ. އަދި ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ޚާއްސަކޮށްފައިވާ މެޝިނަރީ ރާއްޖެއަށް އެތެރެކުރުންވެސް ވަނީ މަނާކޮށްފައެވެ.
ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް އެކުލަވާލި މި "ޖެނެރޭޝަނަލް ބޭން" (ދުންފަތް މަނާ ޖީލެއް) ކަނޑައެޅުއްވީ ރައީސް މުޢިއްޒު ސޯޝަލް މީޑިއާގައި ހިންގެވި ޕޯލެއްގެ ނަތީޖާއަށް ބެއްލެވުމަށްފަހުއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވަނީ ދެކުނު އިރުމަތީ އޭޝިއާގެ ޤައުމަކުން އެޅި ފުރަތަމަ ފަހަރުކަމަށް ފާހަގަކޮށް، ރައީސް މުޢިއްޒުގެ ސަރުކާރުގެ މި ނިންމެވުމަށް ތަޢުރީފުކުރައްވާފައެވެ. މި ފިޔަވަޅަކީ ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއަށް އަންނާނެ މުހިންމު ބަދަލެއްގެ ފެށުންކަމަށް ބެލެވެއެވެ.

